ރޯދަމަހު ތިމާގެ ހަންގަނޑު އަނަރޫފަވެ ހިކުމަކީ ވަރަށް ގާތް ކަމެކެވެ. ހޫނު މޫސުމުގައި ރޯދަ ހިފާ ނަމަ ހަންގަނޑު ހިކޭލެއް އަވަސްވެއެވެ. އެހެންކަމުން ހަންގަނޑު ތާޒާކޮށް ބަހައްޓާ، މޮއިސްޗަރ ނުގެއްލޭފަދަ ގޮތްތަކަކީ ކޮބާތޯ ބަލާލުން މުހިންމެވެ.

ރޭގަނޑު ގިނައިން ފެން ބުއިން

ރޯދަ ވިއްލުމާއި ހާރު ކެއުމާ ދެމެދު ވީހާވެސް ގިނައިން ފެން ބުއިމަށް އާދަކުރާށެވެ. ކެފޭން އެކުލެވޭ ބުއިންތައް ރޯދަމަހު ބުއިން އެއީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އެހެންކަމުން ސޯޑާ، ކޮފީ ފަދަ ބުއިންތަކާ ރޯދަމަހު ދުރުވާށެވެ. ތިމާގެ ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް ފެނަށް ކިއުކަންބާ، ލުނބޯ، މިންޓް އަޅައިގެން ބޯށެވެ. އޭރުން ތިމާއަށް ވިޓަމިން ބީ، ވިޓަމިން ސީ، އަޔަން، މެގްނީޝިޔަމް، ޕޮޓޭޝިޔަމް އަދި ޒިންކް ލިބޭނެއެވެ.

މޮއިސްޗަރ ހިފެހެއްޓުން

ހަންގަނޑުގެ މޮއިންޗަރ ރޯދަމަހު ގެއްލެނީ ދުވާލު ހަންގަނޑަށް ލިބެންވާ ވަރަށް ފެން ނުލިބުމާ ގުޅިގެންނެވެ. އެހެންކަމުން މޮއިސްޗަރ ހިފެއްޓުމަށް ތަފާތު ސްކިންކެއާތައް ބޭނުން ކުރެވިދާނެއެވެ. އޭގެއިތުރުން ތިމާގެ ލޯ ކައިރި ކަޅުވުމަކީވެސް އާންމުކޮށް ދިމާވާ މައްސަލައެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް 8 ގަޑިއިރު ނިދުމަށް އާދަކުރާށެވެ. އަދި ރޭގަނޑު ނިދާއިރު ލޯމަތީ ކިއުކަންބާ ފޮއްޗެއް ބޭއްވުމަކީވެސް ކުރެވިދާނެ ރަނގަޅު ކަމެކެވެ.

މާބޮޑަށް މޭކަޕް ނުކުރުން

ރޯދަމަހު ދުވާލު މާބޮޑަށް މޭކަޕް ކުރުމަކީ ހަންގަނޑަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. މިކަމުގެ ސަބަބުން ހަންގަނޑު ހިކުމަކީ ކައިރިކަމެކެވެ. ފައުންޑޭޝަންސް ފަދަ މޭކަޕްކުރުމުން ރޯދަ މަހު އެއްކޮށް ދުރުވާށެވެ. ދުވާލު މޭކަޕް ކުރަން ބޭނުންނަމަ ވެސް ކްރީމް އަދި ލިޕް ބާމްއިން ފުއްދާލާށެވެ.

ފައިބާ އަދި އެންޓިއޮކްސިޑެންޓް އެކުލެވޭ ކާނާ ބޭނުންކުރުން

ރޯދަ ވިއްލުމަށްފަހު ގިނައިން ފައިބާ އަދި އެންޓިއޮކްސިޑެންޓް އެކުލެވޭ ކާނާ ބޭނުންކުރުމަކީ ހަންގަނޑަށް ވަރަށް ފައިދާ ހުރި ކަމެކެވެ. އެއީ ހަންގަނޑުގެ މޮއިސްޗަރވެސް ހިފަހައްޓައިދޭނެ ކަމެކެވެ. ނަޓްސް އަދި ބެރީސް އަކީ ކެއުމަށް އެންމެ ރަނގަޅު ބާވަތްތަކެވެ.