މާދަމާގެ ވަގުތެއްގައި ދުނިޔެ ކައިރިން ބޮޑު ގިނިހިލައެއް ދަތުރުކުރާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ބުނެފިއެވެ.

ނާސާއިން ބުނެފައިވާ ގޮތުން މި ގިނިހިލައިގެ ފުޅާމިން ގާތްގަނޑަކަށް އުޅޭނީ 22 މީޓަރާއި 49 މީޓަރާއި ދެމެދުގައެވެ. އެހެންކަމުން މި ގިނިހިލަ، އުސް އިމާރާތަކާއި އެއްވަރުވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ދުނިޔެ ހުރަސްކޮށްފައި މި ގިނިހިލަ ދާވަގުތު ދަތުރުކުރާނީ ރަޝިޔާގެ ވެރިކަންކުރާ މޮސްކޯ އާއި ދިމާލުން ކަމަށް ވެއެވެ. ސިކުންތަކު 8.16 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރަމުންދާ މި ގިނިހިލަ ދުނިޔެ ހުރަސްކުރާ ވަގުތު ދުނިޔެއާއި ދެމެދު ގާތްގަނޑަކަށް 120,000 ކިލޯމީޓަރުގެ ދުރުމިން ހުންނާނެ ކަމަށް ނާސާއިން ބުނެއެވެ.

މި ގިނިހިލަ ދުނިޔެ ހުރަސްކުރާނީ ހަނދާއި ދުނިޔެއާއި ދެމެދުން ކަމަށް ވެއެވެ. މިއީ ފާއިތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭގައި ވެސް ދުނިޔެއާއި އެންމެ ކައިރިން ގިނިހިލައެއް ދަތުރުކުރާ ފަހަރެވެ. މި ގިނިހިލަ ދަތުރުކުރާނީ ދުނިޔެއާއި ހަނދާއި ހުންނަ ދުރުމިނަށްވުރެ 30 އިންސައްތަ ކައިރިން ކަމަށް ވެއެވެ. ނަމަވެސް ގިނިހިލަ ދުނިޔެއާއި ފުށުއެރުމުގެ ފުރުސަތެއް ނެތްކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

ސޫރުދަ ނިޒާމުގެ ބޮޑުމިނަށް ބަލާއިރު މާދަމާ ދުނިޔެ ހުރަސްކޮށްފައިދާ ގިނިހިލަ ދަތުރުކުރަނީ ދުނިޔެއާއި ވަރަށް ކައިރި ކަމަށް ބަލާ ދުރުމިނަކުންނެވެ. މިފަދަ ބޮޑު އަދި އާދަޔާއި ޚިޅާފަށް ހަލުވިކަމާއެކު ދަތުރުކުރާ ގިނިހިލައެއް ދުނިޔެއާއި ފުށުއަރައިފިނަމަ ދުނިޔޭގެ ޗާޓަށްވެސް ބަދަލު އަންނަ ވަރުގެ ބޮޑު ގެއްލުންތައް ލިބިގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މާދަމާ ދުނިޔެ ހުރަސްކޮށްދާ ގިނިހިލަ އަކީ 2011 ވަނަ އަހަރުގެ މާރިޗު މަހު ސައިންސްވެރިން ހޯދި ގިނިހިލައެކެވެ. މި ގިނިހިލަ ކުރިޔަށް އޮތްތަނުގައިވެސް ދުނިޔެ ކައިރިން ދަތުރުކުރާއިރު، މިއީ ދުނިޔޭގެ އޯބިޓުން ދައުރުވާ ގިނަ އަދަދެއްގެ ގިނިހިލަތަކުގެ ތެރެއިން ގިނިހިލައެކެވެ.

މީގެ ކުރިން ޤަބޫލުކުރެވިފައިވާގޮތުން މި ގިނިހިލަ ދުނިޔެ ހުރަސްކުރާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އޭރު ގިނިހިލަ ފެނުނު ދުރުމިނާއެކު އެއްކޮށްފައިވާ މަޢުލޫމާތުތަކާއި ޚިލާފަށް، ކުރިން ބެލެވުނުވަރަށްވުރެ ހަލުވިކަމާއެކު ގިނިހިލަ ދަތުރުކުރާކަން ފަހުން ވަނީ ހާމަވެފައެވެ.

ސެޕްޓެމްބަރު ހަވަނަ ދުވަހު އާއި އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ވަގުތެއްގައި ވެސް އިތުރު ގިނިހިލަތަކެއް ދުނިޔެއާއި ކައިރިން ދަތުރުކުރާނެ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ. މީގެ ތެރެއިން ނޮވެމްބަރު މަހު ހުރަސްކުރާ ގިނިހިލަ ދުނިޔެއާއި ފުށުއެރުމަށް 0.41 އިންސައްތަ ފުރުސަތު އޮތްކަމަށް ވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.

ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގައި އާއި ދުނިޔޭގެ ފަށަލަތަކުން ބޭރުގައި އާދަޔާއި ޚިލާފަށް ގިނިހިލަތަކާއި އެފަދަ ކުދި ހިލަތައް އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުން ސައިންސްވެރިން ވަނީ ފާޅުކޮށްފައެވެ. އެހެންކަމުން، އިންޒާރަކާ ނުލާ އަންނަ ބޮޑު ގިނިހިލައެއް ކުއްލިއަކަށް ދުނިޔެއަށް މިސްރާބުޖަހައި ދިރުންތަކަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި ރައްކާތެރިވުމަށް ޚާއްސަ އީޖާދެއް އުފެއްދުމުގެ މަސައްކަތްވެސް އެފަރާތްތަކުން ކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހަންމަދު

    އަނެއްކާ 99942 އެޕޯޕިސް ގިނިހިލަ ތަ؟ މަމިހާރު ތުރުތުރު އަޅަން ފަށައިފި ?

    14
    2
    • ކަހުރަބު

      ބިރުގަނޭ. ކަލޭ ބޮލަށް ވެސް ވެއްޓިދާނެ

  2. ސޫ

    ސޫރުދަ ނިޒާމޭ؟ ނަރުދަމާ ނިޒާމް ނޫންތަ؟؟

    9
    4
  3. މުބާރިކު

    ބޮޑު ޖިންނި ފައްސަން އަންނަ އެއްޗެއް

    7
    2