ކޮރޯނާވައިރަސްގެ ސަބަބުން ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އަދި ދެން ވާނޭ ގޮތެއް ނޭނގި ހާސްކަމެއްގެ ތެރޭގައި މިވަނީ އުޅެން ޖެހިފައެވެ. އިންޑިއާގެ ފުރަބަންދާއި ގުޅިގެން ފިލުމުތަކުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިހާރު މި މަސައްކަތް ވެސް ނިއު ނޯމަލްގެ ދަށުން މިވަނީ ފެށިފައެވެ.

ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަޖޭއާއި ކާޖޮލް ވެސް ފުރަބަންދުގައި އިންޑިއާގައި ތިބުމަށްފަހު މިހާރު މި ދެމަފިރިންވެސް ތިބީ ދެ ގައުމެއްގައެވެ. އަދި ކުރިއަށް އޮތް ފަސްވަރަކަށް މަހު ވެސް މި ދެމަފިރިން ތިބޭނީ ދެ ގައުމުގައި ކަމަށް ޚަބަރުތަކުގައިވެއެވެ. އެންމެ ފަހުގެ ޚަބަރުތަކުން ބުނާގޮތުގައި ކާޖޮލް ހުރީ ސިންގަޕޫރުގައެވެ. އޭނާ ސިންގަޕޫރަށް ދިޔައީ އެ ދެމަފިރިންގެ އަންހެން ދަރިފުޅު ނީސާގެ ކޮލެޖުގެ ކިޔެވުން ފެށުމުންނެވެ.

ނީސާގެ ކިޔެވުން މެދު ކެނޑެން ބޭނުން ނުވާތީއާއި މިފަދަ ނުރައްކާތެރި ޙާލަތެއްގައި ގައުމުން ބޭރުގައި ނީސާ އެކަނި ހުންނަން އަޖޭއާއި ކާޖޮލް ބޭނުމެއް ނުވެއެވެ. އެހެންކަމުން ކޮލެޖުގެ ކިޔެވުން ފެށުމުން ނީސާއާއި އެކު ކާޖޮލް ވެސް ސިންގަޕޫރަށް ދިޔައީއެވެ. ނީސާ ތަޢުލީމު ހާސިލު ކުރަމުންދަނީ ސިންގަޕޫރުގެ ޔުނައިޓެޑް ވާރލްޑް ކޮލެޖު އޮފް ސައުތު އީސްޓް އޭޝިޔާގައި ކަމަށް އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތެއްކަމުގައިވާ މުމްބާއީ މިރާއިން ބުނެފައިވެއެވެ.

ކާޖޮލްއާއި ނީސާ ސިންގަޕޫރުގައި ތިބިއިރު އަޖޭއާއި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅު ޔުގް ހުރީ 2018 ވަނަ ކާޖޮލްއާއި އަޖޭ ގަތް އެޕާޓްމަންޓުގައި އިންޑިއާގައެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުވަމުން ދިޔަ ނަމަވެސް ސިންގަޕޫރުގައި މި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ.