ރޯދައަކީ އިންސާނާގެ ހަށިގަނޑަށް އެތައް ފައިދާތަކެއް ކުރުވާ އެއްޗެއްކަން، މީގެ އެތައް ސަތޭކަ އަހަރެއް ކުރިން މަތިވެރި އިސްލާމް ދީނުގައިވަނީ ބަޔާން ކުރައްވާފައެވެ. މި ޒަމާނުގެ ސައިންސުގެ އަލީގައި، ހުޅަނގުގެ މުފައްކިރުންނާއި ސައިންސްވެރިންނަށް މިކަން ދަނީ ހޯދެމުންނެވެ. ޖިސްމާނީ ގޮތުގެ އިތުރުން، ނަފްސާނީ ގޮތުންވެސް އެތައް ފައިދާތަކެއް ކުރާކަންވަނީ ދެނެގަނެވިފައެވެ.

އެހެންކަމުން، ރޯދަ ހިފުމުގެ ސަބަބުން ނަފްސާނީ ގޮތުން ހަށިގަނޑަށް ލިބިގެންދާ ފައިދާތަކަށް ބަލާލާނަމެވެ.

ނިދި ރަނގަޅުވުން

ކޮންމެވެސް ސަބަބަކާ ލައިގެން، ރަނގަޅަށް ނުނިދޭނަމަ ނުވަތަ ސްލީޕް ސައިކަލް އޭ ކިޔާ އެއްޗަށް ބުރޫ އަރާފައިވާނަމަ، އެކަން ރަނގަޅު ކުރުމަށް އޮތް އެންމެ ފަސޭހަ އެއް މަގަކީ ރޯދަކަމަށް އެތައް ދިރާސާއަކުން ހޯދިފައިވެއެވެ.

ދެވި ހިފާފައިވާ އެއްޗެއްސާ ދުރުވެވޭނެ

ބޭނުންނުވާ އެއްޗަކަށް ދެވި ހިފާފައިވުމަކީ އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިކުރުވާނެ ކަމެއްކަން ޔަޤީނެވެ. އެހެންކަމުން، އެކަންކަމުން ދުރުވެ ގަތުމަށް ރަމަޟާން މަހުގެ ރޯދަ، ބަރާބަރަށް ހިފުން ރަނގަޅެވެ. ސަބަބެއްކަމަށް ތަޖުރިބާކާރުން ބުނެފައިވަނީ އެއްޗެއް ނުކައި ހިފަހައްޓާލެވޭތީ، މީހުންގެ ކިބައިގައި އެންމެ ބޭނުން ކަންކަން ނުކޮށް ހުރުމުގެ ޤާބިލުކަމެއް އުފެދޭތީއެވެ.

ރޯދަ ވީއްލުމަކަށް ތައްޔާރުވެފައި

ސިކުނޑީގެ ބާރު ގަދަކޮށްދޭ

ސައިންސްވެރިން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި ރޯދަ ހިފުމަކީ ސިކުނޑީގެ ސެލްތައް އިތުރުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން އެތައް ކަމެއް ކުރުމަށް ފަސޭހަވެ، ކުރާ ކަންކަމުގެ ފެންވަރު ރަނގަޅުވެއެވެ. އެގޮތުން، ސިކުނޑީގެ ސެލްތައް އިތުރުވުމުން، ލިބޭ ބައެއް ފައިދާތައް ލިސްޓުކޮށްލާނަމެވެ:

  • ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު އިތުރުކޮށްދޭ
  • ދަސްކުރުމުގެ ބާރާއި ހަނދާން ގަދަކޮށްދޭ
  • ކެންސަރާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ

މިނޫނަސް އެތައް ފައިދާތަކެއް، ރޯދައިގެ ސަބަބުން އިންސާނާގެ ނިކަމެތި ހަށިގަނޑަށް ލިބެއެވެ. އެހެންނަމަވެސް، އަޅުގަނޑުމެން ރޯދަ ހިފަންވާނީ މާތް ﷲ އަށް ކުށްތަންވެ، އެކަލާނގެއަށް އަޅުކަން ކުރުމުގެ މާތް ނިޔަތުގައެވެ.