މަދު ފަހަރެއްގައި ނޫނީ ވަށައިގެން އެކި އަޑުއަޑު ނީވޭނީ ފަހަރެއް މަދުވާނެއެވެ. ނަމަވެސް ހަމަހިމޭން ކަމަކީ، އޭގެ ސަބަބުން ފައިދާކުރަނިވި ގިނަ އަސަރުތަކެއް ކުރުވާ، މަދު ފަހަރެއްގައި ނޫނީ "ނީވޭ އަޑެކެވެ". ހަޤީޤަތަކީ، އެއްވެސް އެހެނިހެން އަޑުތައް ނީވޭ ވަގުތުތައް ނުވަތަ ހިމޭންކަމަކީ ވެސް އިންސާނުންނަށް އިންތިހާއަށް ބޭނުންވާ، ސިއްޙަތާއިވެސް ގުޅިފައިވާ ކަމެއް ކަމެވެ. އަދި ހަމަ އެހެންމެ އެ ހިމޭން ކަމަކީ ފަހަރުގައި ގެއްލުންދެނިވި ކަމަކަށް ވެސް ވެދާނެއެވެ.

ހަމަހިމޭންކަމާއި ސިކުނޑިއާއި ގުޅިފައިވާ މިންވަރު

ލޭގެ ޕްރެޝަރާއި، ހަށިގަނޑުތެރެޔަށް ދޫވާ ހޯމޯންސް އާއި ނިދި އަދި އުފެއްދުންތެރިކަން ރަނގަޅުކޮށްދޭ ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ހަމަހިމޭންކަން ސިފަކުރެއެވެ. މިގޮތުން މިކަމާއި ގުޅޭގޮތުން ކުރިން ކުރިޔަށްގެންދިޔަ ގިނަ ދިރާސާތަކުންވެސް އެއީ ނަފްސަށާއި ޖިސްމަށާއި އަދި މީހާގެ ވިސްނުމަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަ ކަމެއްކަން ހާމަވެފައި ވެއެވެ. އެހެންކަމުން ހަމަހިމޭން ކަމަކީ ކޮންމެ މީހަކަށްމެ ބޭނުންވާ މުޙިންމު ކަމެއްކަން ސާބިތުވާ ހެކިތަކަށް އެފަދަ ދިރާސާތައް ފުދެއެވެ.

ހަމަހިމޭންކަމުން ލިއްބައިދޭ ފައިދާތަކުގެ ވާހަކަ..

ބޯހަމަޖެހުން ނުވަތަ "ރިލޭކްސް" ވުމަކީ ކިހައި މުޙިންމުކަމެއްކަން ހަޤީޤަތުގައި އެންމެ ރަނގަޅަށް ދަންނާނެ ބަޔަކީ އެ ހަމަޖެހުން ނުލިބޭ މީހުންނެވެ. މިގޮތުން ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގެ ސަބަބުން "ސްޓްރެސް" ވެ ކަންބޮޑުވާ ހާލަތްތަކާއި އަބަދުވެސް ދިމާވާވުމަކީ އިންސާނީ ފިތުރަތުގައިވާ ކަމެކެވެ. މިކަން އެންމެ ބޮޑަށް ދިމާވާ ފަރާތްތަކަށްވެސް އޮތް ފަރުވާއެއް ކަމަށް ހަމަހިމޭންކަން ވެއެވެ.

2006 ވަނަ އަހަރު ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވާގޮތުން، އެންމެ ދެމިނެޓުގެ ހަމަހިމޭން ވަގުތުކޮޅެއް ކޮންމެ ދުވަހެއްގައި ވެސް ހޯދުމަކީ އެކަމުގެ ސަބަބުން މީހާގެ ހާސްކަން ފިލުވާލައި ހަށިގަނޑާއި ސިކުނޑި އިންތިހާއަށް "ރިލޭކްސް" ކޮށްދޭ ކަމެކެވެ. މިގޮތަށް ދިމާވަނީ ހިމޭންކަމުގެ ސަބަބުން ހަށިގަނޑުގައި ލޭދައުރުވުން ރެގިއުލޭޓް ކުރެވޭތީ ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

މިކަމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމުވެސް ވަރުގަދަކޮށްދޭ ކަމެއްކަން ކުރީގެ ބައެއް ދިރާސާތަކުން ހާމަވެފައި ވެއެވެ. މިގޮތުން ކުރިމަތިވާ ބައެއް ހާލަތްތަކުގައި ހާޓްއެޓޭކް ޖެހުންފަދަ ނުރައްކާތަކުން މީހާ ދިފާޢުކޮށްދިނުމަށް ހަމަހިމޭންކަމުގެ ފަރުވާ މުޙިންމު ދައުރެއް އަދާކުރެއެވެ.

2015 ވަނަ އަހަރު ކުރިޔަށްގެންގޮސްފައިވަ ދިރާސާއެއް ބުނާގޮތުން، ހަމަހިމޭންކަން ތަޖުރިބާ ކުރުމަކީ ނިދި ނައުމުގެ މައްސަލަ ދިމާވާ ފަރާތްތަކަށް ވެސް އޮތް ޙައްލެކެވެ. ޚާއްސަކޮށް ހަމަނިދި ނުލިބުމުގެ މައްސަލަ ދިމާވާ ޒުވާނުންނަށް މިކަމަކީ މުޙިންމު ކަމެއްގެ ގޮތުގައި ސިއްޙީ ތަޖުރިބާކާރުން ސިފަކުރެއެވެ.

2013 ވަނަ އަހަރު ޝާޢިއުކޮށްފައިވާ ޖާނަލްއެއްގައި ވެސް ހަމަހިމޭންކަމުގެ އަޖައިބު ކުރުވަނިވި ފައިދާތަކުގެ ވާހަކަ ލިޔެވިފައި ވެއެވެ. ގިނަ ތަޖުރިބާކާރުން ގުޅިގެން ކުރިޔަށްގެންދިޔަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ މި ޖާނަލްގައި ބުނެފައިވާގޮތުން ދެގަޑިއިރުގެ ހަމަހިމޭން ވަގުތުކޮޅެއް ހޯދުމަކީ، އެކަމުގެ ސަބަބުން ސިކުނޑީގެ "ހިޕޯކެމްޕަސް" ނަމަކަށް ކިޔާ ބައިގައި އާ ސެލް އާލާވާ ކަމެކެވެ. މި ބަޔަކީ ކަންކަން ދެނެގަނެ ދަސްކުރުމާއި، ހަނދާންތަކާއި އަދި ޖަޒުބާތުތަކާއިވެސް ގުޅޭ ނިޒާމެވެ. އެހެންކަމުން ހަމަހިމޭންކަމުގެ ސަބަބުން މި ބައިގައި އާ ސެލް އުފެދުމަކީ ފައިދާކުރަނިވި ކަމެކެވެ.

ހަމަހިމޭންކަމުން ގެއްލުމެއް ލިބިދާނެތަ؟

އިސްވެ ފާހަގަކުރެވުނު ކަންކަމާއި ޚިލާފަށް، މާގިނަ ވަގުތު ނުވަތަ އެތައް ދުވަހެއް ވަންދެން ހަމަހިމޭންކަން ތަޖުރިބާ ކުރުމަކީ އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތައްވެސް ކުރުވާ ކަމެކެވެ. މިގޮތުން ފައްސި (ޕޮޒިޓިވް) ވިސްނުމެއްގައި ހުންނަ މީހަކަށްވެސް މާބޮޑަށް ހަމަހިމޭންކަން މަތީ އުޅެން ޖެހިއްޖެނަމަ އެކަން ބަދަލުވެ ނަފްސަށް އޮންނަ އިތުބާރު ގެއްލެން ދިމާވާ ކަމަށް ވެއެވެ. މިއީ ހުރިހާ އެންމެންނަށް ދިމާވަ މައްސަލައަކަށް ނުވީނަމަވެސް، އެކި މީހުންނަށް މި ހާލަތު އެކި މިންވަރަށް ކުރިމަތިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާގެ ނިއުރޯފިޒިއޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ އެންޑްރޫ ކިންގް ވިދާޅުވާގޮތުން، ސިއްޙީ ހާލަތެއް ދިމާވެފައި ނުވާ މީހަކު މާގިނަ ވަގުތު ނުވަތަ އެތައް ދުވަހެއް ވަންދެން ހަމަހިމޭންކަންމަތީ، އެހެނިހެން އަޑެއް ނީވި ހުންނަން ޖެހުމަކީ އެކަމުގެ ސަބަބުން ސިކުނޑިއަށް ނުރަނގަޅު އަސަރު ކުރާ ކަމެކެވެ. މިގޮތުން ބައެއް ހާލަތްތަކުގައި، އަވަހަށް ހަނދާން ނެތުމުގެ މައްސަލަވެސް މިކަމާއި ގުޅިފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ.