ރީތިވާ ލޯގަނޑު ކުރިމަތީ އަހަރެން ހުއްޓި ހުރީ ބޮލުގައި ފުނާ އަޅާށެވެ. ފާއިތުވި ބައިގަޑިއިރު ތެރޭ އިސްތަށިގަނޑަށް ނުޖެއްސޭ ވައްތަރެއް ނޯންނާނެއެވެ. އަދިވެސް މިހިތަކަށް ތަސައްލީއެއް ނުލިބެއެވެ. ހިތް ތެޅެނީއެވެ. ހާސްވަނީއެވެ. މިއީ އަހަރެންނާ ވަރަށް ބީރައްޓެހި އިހުސާސްތަކެކެވެ. އެހެންކަމުން ހިތަށް ވަނީ ބުނެދޭން ނޭނގޭ ނުތަނަވަސްކަމެއް ވެރިވެފައެވެ. ގަޑީގެ ހިނގުމުގެ ދުވެލި އަވަސްހެން ވެސް ހީވެއެވެ. އިރުކޮޅަކުން ބައްޕަގެ ސައިކަލުގެ ބަރުގޮނު އަޅާ އަޑު އިވޭނެއެވެ. އޭރުން ޖެހޭނީ ކޮންމެވެސް ވައްތަރެއް ބޮލަށް ޖައްސާ ގޭގެ ތިރިއަށް ފައިބާށެވެ. އާ ސުކޫލަކަށް ދާ ފުރަތަމަ ދުވަހު ތައްޔާރު ވާން މިހާ އުނދަގޫ ވާނޭ ކަމަކަށް އަހަރެންގެ ހިތަކަށް ނާރައެވެ. ކުރިން އިނގުނު ނަމަ ތަންކޮޅެއް އަވަހަށް ތެދުވީހެވެ.

"ލަމްހާ. ބައްޕަ އެބަ ގުޅާ"

ބަދިގެ ފަރާތުން މަންމަ ގޮވާލި އަޑު އިވުނެވެ. އަވަސް އަވަހަށް އަހަރެންގެ އިސްތަށިގަނޑު ނަގާ ބޮލުގެ މެދަށް އައްސާލީމެވެ. މަސަލަސް ނުވި ދެތިން އިސްތަށިކޮޅު ކަންފަތުގެ ހިމާޔަތަށް ގެނެސް ފޮރުވާލަމުން، ދަބަސް ނަގާ ކޮނޑުގައި އަޅުވާލީ ފަހު ފަހަރަކަށް ލޯގަނޑަށް ބަލާލަމުންނެވެ. އަހަރެންގެ ހާސް ވެފައި ހުރި ރިވެއްޔަށް ނަޒަރު ހިންގާލީމެވެ. ރޭ ހަތަރު ދަމު ހޭލާ ހުރުމުގެ ސަބަބުން ލޯ ކައިރި ވަނީ ކުޑަކޮށް ދުޅަވެފައެވެ. ލައިގެން ހުރި ޔުނީފޯމުގައި ރުލުގެ އެއްވެސް އަސަރެއް ނެތުމުން ހިތަށް ކުޑަ ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެެވެ. ޓައީ ކުޑަކޮށް ދޫކޮށްލާ ޔުނީފޯމުގެ ތިރި އެއްވަރުކޮށްލީމެވެ.

"ބައްޕައަށް ލަސް އެބަ ވެޔޯ"

މަންމަ އަނެއްކާވެސް ގޮވާލި އަޑު އިވުނެވެ. މިފަހަރު ތަންކޮޅެއް ބާރަށް ކަމުން އަހަރެން އަވަސް އަވަހަށް ކޮޓަރިން ނިކުތީމެވެ. ކާ އެއްޗެހީގެ ވަސްގަނޑު ޖެހުމާއެކު ހައިވެފައިވާ ބަނޑު ރޯން ފެށިއެވެ. ކުރިން ހޭލެވުނު ނަމަ އެއްޗެއް ކާލައިގެން ދެވުނީހެވެ. މަންމަވެސް ބުނީ ހަމަ އެހެންނެވެ. މެންދުރު ގެއަށް އައިސް ރަނގަޅަށް ކާނަމޭ ބުނެ އަހަރެން ގެއިން ނިކުތީމެވެ. ތެޅެމުން ދިޔަ ހިތުގެ ހަލުވި ކަމަށް ބަދަލެއް ނާދެއެވެ.

***

ރަށްފުށުގެ ހިތްފަސޭހަ މާހައުލު ދޫކޮށް، މާލޭގެ ކާރޫބާރޫ ބޮޑު "ސިޓީ" އަށް ދިރިއުޅުން ބަދަލުކުރަން ޖެހުމުން އަހަރެން ހުރީ މާޔޫސްވެފައެވެ. އުޅެ ބޮޑުވި ގާތް ރަހުމަތްތެރިންނާއި، ދެކެފަރިތަ އަވަށްޓެރިންގެ ހިމާޔަތުން ބޭރުވެ، އެތަކެއް މޭލު ދުރުގައި އޮތް މި ބީރައްޓެހި ހާއްޔަށް ދިރިއުޅުން ބަދަލުކުރީ އަހަރެންނަށް ރަނގަޅު ތަޢުލީމެއް ދޭން މަންމަމެން ބޭނުންވާތީއެވެ. މޮޅު މީހަކަށް ވާން އަހަރެންވެސް ބޭނުން ވެއެެވެ. ނަމަވެސް ކުރަން ޖެހުނު ޤުރުބާނީ ވަކި ކުޑަ ހެއްޔެެވެ؟

ސައިކަލުގައި ދުއްވާފައި ދިޔައިރު އަަމިއްލަ ރަށުގެ ހަމަ ހިމޭންކަން މަތިން އިތުރަށް ހަނދާންވަމުން ދިޔައެވެ. މި ތޮއްޖެހިފައިވާ ކުޑަ ކުޑަ ރަށުގެ ޚަރަދުބޮޑު ދިރިއުޅުމައިގެން ކުރިއަށް މިދަނީ ހަމަ މޮޔަކަމުންނެވެ. މަންމަ މެންނަށް ވިސްނައިދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. މީހާ މޮޅުވަނީކީ ދާ ސުކޫލެއްގެ ޒާތަކުން ނޫނެވެ. ނަމަވެސް އަހަރެންނަކީ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ފުރާނަކަމުން، ކިޔަވައިދެވެން އޮތް އެންމެ ރަނގަޅު ތަނަކުން އަހަރެންނަށް ކިޔަވައިދޭން ބޭނުންވެއެވެ.

ސީ.އެޗް.އެސް.އީ ގެ ގޭޓް ކުރިމައްޗަށް ސައިކަލު މަޑު ކޮށްލުމާއެކު ހީވީ އަހަރެންގެ ހިތަށް ގަނޑުފެން ބާލިދީއެއް އޮއްސާލިހެންނެވެ. ކުރިން ގަތް ބިރުގެ އަސަރު ދެގުނަ އަށް އިތުރު ވެއްޖެއެވެ. އާންމު އުސޫލުން އަހަރެންނަކީ މިހާ ފިނޑި މީހެއް ނޫނެވެ. ނަމަވެސް އާ ތަނެއްގެ، އާ ސުކޫލަކަށް ސެމިސްޓަރ ގެ މެދުތެރޭން ބަދަލުވާން ޖެހުމުން އަމާޒުވާނެ ލޯ ތަކާއި، ދެކެވިގެންދާނޭ ވާހަކަތައް ހިތަށް އަރާ ހަމަ ބިރުގަންނަނީއެވެ. އެއްވެސް ހާލެއްގައި ގަނާގެ ޝިކާރައަކަށްވާން އަހަރެން ނޭދެމެވެ. ނަމަވެސް މިހާ ހިތް ބަލިއްޔާ ޝިކާރައަކަށް ވާނީ ގަނާގެ އެކަންޏެއް ނޫނެވެ. މިކަން ތަންކޮޅެއް ކުރިން އެނގުނު ނަމައެވެ.

****

އެއް ހަފްތާ ނިމިގެން ދިޔައިރު އަހަރެންގެ ހިތުގެ ނުތަނަވަސްކަން މުޅިންހެން ފިލައިފިއެވެ. ހީކުރި ވަރަށް ވުރެ ކުލާސް ކުދިން ހެވެވެ. ގިނަ ބަޔަކު ވާހަކަ ދައްކާ އަމިއްލައަށް ތަޢާރަފްވެ އުޅުނެވެ. ވީ ވަރަކުން އެމީހުންނާ ވާހަކަދެއްކޭތޯ އަހަރެން މަސައްކަތް ކުރަމެވެ. ކަރު ބަންދުވަނީ ހަމައެކަނި އޭނާ އާ ވާހަަކަ ދައްކަން ޖެހިއްޖެ ހާލެއްގެއަވެ.

މި ދައްކަނީ ސުކޫލުގެ ފުރަތަމަ ދުވަހު، ކުލާހުގެ ދޮރުން އަހަރެން ވަނުމާއެކު ލޮލުގައި އަޅައިގަތް ކުއްޖެއްގެ ވާހަކައެވެ. އެހާ ރީތި ފިރިހެން ކުއްޖެއް އަދި މިހާތަނަށް ނުދެކެމެވެ. ފިރިހެންވަންތަ ކަމުގެވެސް ލާމަސީލު މިސާލެކެވެ. ތުނިކޮށް ޓްރިމް ކޮށްފައިވާ ތުނބުޅިންނާއި، އެއްފަރާތަކަށް ރީތިކޮށް ފުނާއަޅާފައިވާ ކުރު އިސްތަށިގަނޑުންވެސް އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ. ބަލާބެލުމަށް ސުކޫލުގެ އެންމެން ކަހަލަ ގޮތަކަށް އޭނާ ދަނެއެވެ. އެއީ ސުކޫލުގެ މަޝްހޫރު "އިޓް ކްލީކް"ގެ ކުއްޖެކެވެ.

ދެފަހަރެއްގެ މަތިން އޭނާ އަހަރެންނާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކު އަހަރެންގެ އަޑު ބެދި، އެއްޗެއް ބުނެވޭ ވަރެއް ނުވެއެވެ. ހީވަނީ އަމިއްލަ ހަށިގަނޑު އަހަރެންގެ ހިތް ސަލާމަތްކޮށްދޭން އުޅޭ ހެންނެވެ. ހަށިގަނޑެއްކަމަކު އެހާ ސަލާމަތީ ބާރު ވަރުގަދަ ކުރަން ޖެހޭ ހެއްޔެވެ؟ މިއަދުވެސް އަހަރެން ވާހަކަ ނުދެއްކުމުން ޗޮކެއް ކަނޑާާލައިފައި އޭނާ އެ ދިޔައީއެވެ. މިފަހަރު ފަސް އެނބުރި ބަލާވެސް ނުލައެވެ. ކުޑަކޮށް ހިތަށް ތަދުވިއެވެ. ނަމަވެސް ކެތްކޮށްލީމެވެ.

ސީ.އެޗް.އެސް.އީ ގެ އާ އިމާރާތުގެ މައިގަނޑު ހޯލުގައި ދަރިވަރުންނަށް ޚާއްސަ ލޮކަރުތަކެއް ބެހެއްޓިފައި ވެއެވެ. އެއްވެސް ކުއްޖަކަށް އެހެން ކުއްޖެއްްގެ ލޮކަރެއް ބޭނުމެއް ނުކުރެވެއެވެ. ރަށުގެ ރައްޓެހިން ކައިރީ މިވާހަކަ ބުނުމުން އެވެރިން ވަރަށް ގަޔާވިއެވެ. އެމީހުންނަށް މިއީ ވަރަށް "ކޫލު" ކަމެކެވެ. އަހަރެންނަށްވެސް މި ލޮކަރުގެ ޚިޔާލު ވަރަށް ކަމުދެއެވެ. ކޮންމެ ދުވަހަކު ބަރު ދަބަހެއް ހިފައިގެން އަންނާކަށް ނުޖެހޭ ވިއްޔާއެވެ.

އަހަރެންނަށް ލިބުނީ ހޯލުގެ އެންމެ ނިމޭ ހިސާބުން ދެވަނައަަށް ހުރި ލޮކަރެވެ. ނަމްބަރަކީ 489 އެކެވެ. ފުރަތަމަ ދުވަހު ލޮކަރު ހުޅުވަން ގަތް ގަނޑު ހިތަށް އަރާ އަދިވެސް ހިނި އާދެއެވެ. ދުވަހަކު ދުށް އެއްޗެއް ނޫންވިއްޔާއެވެ. ކޮންމެއަކަސް އެހެން ދުވަސް ދުވަހެކޭ އެއްފަދައިން މިއަދުވެސް ގެއަށް ގެންދަން ބޭނުންނުވާ ބައެއް ފޮތްތައް ހުރުމާއެކު، ލޮކަރަށް ލާން އަހަރެން އައީ ބައްޕަ އައުމުގެ ކުރިން ގޭޓާ ހަމަައަށް ފޯރާތޯޢެވެ. އަވަސް އަވަހަށް ފޮތްތައް ލައިފައި ދޮރު ލައްޕަން އުޅުމުގެ ތެރޭ ރީނދޫ ކުލައިގެ ނޯޓު ކޮޅެއް ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން ނޯޓް ކޮޅު ހުޅުވާލީ ގޮށް ޖެހިފައި ހުރި ދެ ބުމަޔަށް ލުޔެއްް ހޯދާށެވެ.

"ލަމްހާ. ވަރަށް ރީތި ނަމެއް. އެކަމް ތި ހިނިތުންވުން އަދި މާ ފުރިހަމަ."

ނޯޓު ކޮޅު ކިޔާލުމާއެކު އަހަރެންގެ ކޯތާފަތް ހީވީ ހަމަ ދެންމެ ދެންމެ އަނދާ ހުލިވެދާނެ ހެންނެވެ. ރަކި ހިނިތުންވެލުމެއް އަހަރެންގެ ތުންފަތުގައި ކުޅެލިއެވެ. ސުވާލުތަކުން ހިތް ތޮށްޖެހެމުން ދިޔައެވެ. ރީތި އަތު ލިޔުމެކެވެ. ފަށުވި އިބާރާތްކޮޅެކެވެ. އަަހަރެންގެ ހިތް އަސްލަށްވެސް ވިރިގެންދިޔަ ކަހަލައެވެ. ހިތުގެ ފޮނި އިހުސާސުތަކުން މަސްތުވަމުން ދިޔަ އަހަރެންގެ ޚިޔާލުތަށް ހަމަޔަކަށް އަޅުވަދިނީ ދުރުވިސްނޭ ސިކުނޑިއެވެ. އަނެއްކާ މީހަކު އަހަރެންނަށް ލަނޑެއް ދޭން މަސައްކަތް ކުރަނީ ހެއްޔެވެ؟ މިއީ ނުލަފާ ޖޯކެއް ބާވައެވެ؟ ނޫނީ ކޮށްލެވޭ މަލާމާތެއް ހެއްޔެވެ؟ ބޮލުގައި އަށަގަތް ރިހުންގަނޑު ފެތުރިގަތީ ހީވެސް ނުކުރާހާ އަވަހަށެވެ. އިރުގަނޑެއް ވަންދެން ނޯޓު ކޮޅަށް ބަލަން ހުރެފައި ދަބަހަށް ވައްޓާލީ ފޯން ރިންގުވާން ފެށުމުންނެވެ. ބައްޕަ އެއައީ ބަލައެވެ.

ހަލުވި ހިނގުމެއްގައި ގޮސް އަހަރެން ބައްޕަގެ ސައިކަލަށް އެރީމެވެ. ލަސްވުމުން ކިތަންމެ ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް އަހަރެން ފެނުމާއެކު ބައްޕަ ހިނިތުންވެލިއެވެ. ސައިކަލު ދުއްވާލުމުގެ ކުރިން ގަހެއްގެ ނިވަލަށް ވަދެ ފިލާހުރި މީހަކު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް މޫނު ފެނުމުގެ ކުރިން ބައްޕަ ސައިކަލު ދުއްވާލައިފިއެވެ.

****

ފަހަކަށް އައިސް އަހަރެންނަށް ހުރެވެނީ ގިނަ ވަގުތު އަމިއްލަ ޚިޔާލަކަށް ގެއްލިފައެވެ. މުޅިންހެން އާ ދުނިޔެއެއްގައެވެ. ހިނިތުންވުމުގެ ކުލަވަރު ތުންފަތުން ކެނޑިގެން ނުދެއެވެ. އުފާވެރިކަމުގެ އިހުސާސު ސިކުނޑީގެ މައި ނާރުތަކުން އަބަދާއި އަބަދު ދައުރު ކުރާ ކަހަލައެވެ. ފެންނަ ކުލަތައް ގަދަވެއްޖެއެވެ. މާލޭގެ ތޮއްޖެހިފައިވާ މަގުތައް ރީތިވެ ހިމޭން ވެއްޖެއެވެ. މި ތަޣައްޔަރު ވެފައިވާ ޝަހަރަށް ކުލުނު އުފެދިއްޖެއެވެ.

ރަހުމަތްތެރިން ބުނާ ގޮތުން ނަމަ އަހަރެންނަށް މިވަނީ ލޯބިވެވިފައެވެ. ނަމަވެސް އެމީހުންގެ ވިސްނުމާ އަހަރެންގެ ޚިޔާލުތަކާ ތަފާތެވެ. އަހަރެން ހިތުން ލޯތްބަކީ ގަސްތުގައި ވެވޭ އެއްޗެކެވެ. ނޭނގިހުރެ މީހަކު އަހަރެންގެ ހިތް ހިސާރުކޮށްލާކަށް ބޭނުމެއް ނުވެއެވެ. އަދި އަމުދުން ލޮލަށް ނުފެންނަ، ގޮތް ނޭނގޭ މީހެއްގެ ދަލުގައި ޖެހެން ހިތަށްވެސް އަރުވާކަށް ނޭދެމެވެ. ނަމަވެސް އަބަދުމެ ވިސްނެނީ އަހަރެންނަށް ކޮންމެ ދުވަހަކު ސިއްރިއްޔާތުގައި ނޯޓު ފޮނުވާ ޒުވާނާ އާ މެދުއެވެ.

ފާއިތުވި މަސްދުވަސް ތެރޭ މި ޒުވާނާ އާ ބެހޭ ވަރަށް ގިނަ ކަންތައްތަކެއް އަހަރެންނަށް ދަސްވެއްޖެއެވެ. އޭނާއަށް ކަމުދަނީ ކަޅު ކުލައެވެ. އެއީ ފޮތް ކިޔަން ފިސާރި ފޯރިހުންނަށް ކުއްޖެކެވެ. އެންމެ ކިޔާ ހިތްވަނީ އިނގެރޭސި ވާހަކަތަކެވެ. ކިތަންމެ "ރަނޑު"ކަމަށް މީހުން ދެކުނަސް، ލޯބީގެ ވާހަކަތަކަށް ޝައުގުވެރިކަން ހުރެއެވެ. އެންމެ ބަލާ ހިތްވަނީ އަހަރެން ހިނިތުންވާ މަންޒަރެވެ. (އެ ނޯޓު ކޮޅު ކިޔާލި ދުވަހު މުޅިންހެން އަހަރެން އުޅުނީ މަސްތުވެފައި ހުރި މޮޔައެއް ހެންނެވެ.) ދަތުރު ފަތުރު ކުރަން ވަރަށް ހިތް އެދެއެވެ. ހިތް ހަމަނުޖެހޭ ކަމެއް ދިމާވެއްޖެއްޔާ އެންމެ ފުރަތަމަ ދަނީ ހެދި ގޮނޑުދޮށަށެވެ. ގިނަ ވަގުތު އެތަނުގައި ހޭދަކުރެވެ. ކޮންމެ ހުކުރު ދުވަހަކު ފަތިސް ނަމާދަށްފަހު އިރު އަރާ މަންޒަރު ބަލަން ދެޔެވެ. (މިކަން އަހަންނަށްވީ ވަރަށް "ރޮމޭންޓިކް" ކަމަކަށެވެ.) އެންމެ ކާހިތްވަނީ ރިހާކުރާ ބަތެވެ. ޒައިތޫޏްނަށް އެލާޖިކެވެ. އެކައިފިއްޔާ ލޯ ކަހަޔޯލައެވެ. އޭނާ އަކީ ވާއަތްތެރިއެކެވެ. އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަހަރެން އޭނާގެ މީހަކަށް ވާނޭ ދުވަހެވެ.

އަހަރެންނަށް މިވަރުން ލޯބިނުވެވި ހުރިއްޔާ ރަނގަޅެވެ. އޭނާގެ ފަށުއި، މާމުއި ބަސްތައް އަހަރެންނަށް ވަރަށް ކަމުދެއެވެ. ނަމަވެސް އަދިވެސް ހިތުގައި ސުވާލުަތަކެއް އުފެދިފައި ވުމާއެކު އޭނާ އަށް ހިތް ހިބަ ކޮށް ދޭން ބޭނުމެއް ނުވެއެވެ. އަހަރެންގެ ހިތުގައި މި ޒުވާނާއަށް ބިންވަޅުނެގިފައިވާ އިހުސާސުތަކެއް ވާ ކަމާމެދު ދެކޮޅެއް ނަހަދަމެވެ. ނަމަވެސް އެއީ ކާކުކަން ނޭނގެނީސް އޭނާ އެ ކުރަހާދޭ ލޯބީގެ ކަނޑަށް ފުއްމާލާކަށް ބޭނުމެއް ނުވެއެވެ.

އަހަރެންނަކީ ފަތަން އިނގޭ މީހެއް ނޫނެވެ.

****

ލޯ މެރޭ ގޮޮތެއް ނުވިއެވެ. ނިދި އަހަރެންނާ ރުޅި ހަދާލާފައިވާ ރެ އެކެވެ. ވިސްނެނީ މިއަދު ހިނގާދިޔަ ކަންތަކާއެވެ.

ކުލާހަށް ވަނުމާއެކު މުޅި މާހައުލުގެ ބަނަކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ. ތުންތުން މަތިން ދެކެވެމުން ދިޔަ ވާހަކަތައް އަހަރެންގެ ކަންފަތުގައިވެސް ޖެހުނެވެ. ކައިސް ގެ ބައްޕަ ނިޔާވެއްޖެޔޯލައެވެ. ކައިސް އަކީ އަހަރެން އެންމެ ފުރަތަމަ މި ސުކާލަށް އައި ދުވަހު ލޮލުގައި އަޅައިގަތް ފިރިހެން ކުއްޖާއެވެ. އޭނާ އާ މެދު މިހާރު އަހަރެންގެ ހިތުގައި މާ ބޮޑު ޝައުގެއް އުފެދިފައެއް ނެތެވެ. ވާހަކަދައްކާ އިރު އަޑު ބެދޭ ގޮތެއް ނުވެއެވެ. އޭނާ ފެނުމުން ހިތުގެ ވިންދަށް ބަދަލެއް ނާދެއެވެ. އަތް ފައި ފިނިވި ދުވަސް ހިނގައްޖެއެވެ. އޭނާ އަކީ އަހަރެންގެ ރައްޓެއްސެއްް ނޫނެވެ. ކުލާހުގައި އިންނަ އަހަރެން ދަންނަ ކުއްޖެެކެވެ. ވާހަކަ ދައްކައެއް ނުހަދަމެވެ. އެއީ މާ މަޝްހޫރު މީހެކެވެ. ނުދަންނަ މީހެއް ނުހުރެއެވެ. އެންމެން ބޭނުންވަނީ އޭނާގެ ރައްޓެއްސަކަށް ވާށެވެ. އެހެންކަމުން އަހަރެންނަށް އޭނާގެ އެކުވެރިކަން މާ މުހިންމެއް ނޫނެވެ. ނަމަވެސް މި ޚަބަރު ލިބުމާއެކު އަހަރެންގެ ހިތަށް އަސަރުކުރިއެވެ. ބައްޕައެއްގެ ލޯތްބަކީ ކިހާ މުހިއްމު އެއްޗެއްކަން އަހަރެންނަށް އިނގެއެވެ. ކައިސް އެކަނި ވާނޭ ވަރު ވިސްނާ އޭނާ އާ މެދު ހަމްދަރުދީ ވެވުނެވެ. ނަމަވެސް ތައުޒިޔާގެ މެސެޖެއް ކޮށްލަން ހިތަށް އަރުވާފައިވެސް ނުފޮނުވީ އަހަރެންގެ މެސެޖަކުން އޭނާއަށް ލިބޭނޭ އުފަލެއް ނޯންނާނޭކަން ޔަގީންވާތީއެވެ.

ދުވަސް ފެށުނީއްސުރެ ނިމެންދެން އަހަރެން އިންތިޒާރު ކުރީ ލޮކަރާއި ހަމައަށް ދެވޭނެ ވަގުތަކަށެވެ. މިއަދު އޮންނާނީ ކޮން ކަހަލަ ނޯޓެއް ބާވައެވެ. އެ ޒުވާނާ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ. އޭނާގެ ނަން ބުނެދާނެ ބާވައެވެ. އެއީ ކާކު ކަން އަންގަދޭނަމައެވެ. އަހަރެން އެ މޫނު ދެކެން ބޭނުމެވެ. އަހަރެންގެ ހިތުގެ އުދާސްތައް ކިޔައިދޭން ބޭނުމެވެ. އޭނާ ދެކެ ލޯބިވާން ހިތަށް ފުރުސަތު ދޭން ބޭނުންވާ ވާހަކަ ދުލުކުރިއަށް ގެންނަން އެދެމެވެ. މިގޮތުގައި ވަގުތު ހޭދަކުރަނިކޮށް ފަހު ގަޑި ނިމިއްޖެެއެވެ. ބައްޕަ ބަލާ އައުމުގެ ކުރިން އަހަރެން ލޮކަރާއި ދިމާއަށް ހިނގައިގަތީމެވެ.

ފެނުނު މަންޒަރުން ހިނގުން ހުއްޓުނެވެ. އަހަރެންގެ ލޮކަރު ކައިރީ މަޑުކޮށްގެން އެ ހުރީ ފިރިހެން ކުއްޖެކެވެ. އިސްކޮޅުން ދިގު ރީތި ކުއްޖެކެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސް ވިޔެވެ. ކައިރިވާ ވަރަކަށް އޭނާގެ ސިފަ ސާފު ވަމުން ދިޔައެވެ. އެއީ އަހަރެން ދަންނަ ކުއްޖެކެވެ. ކައިސް ގެ އެކުވެރި އެކެވެ. އަބަދުމެ ކަހަލަ ގޮތަކަށް އޭނާ އާ އެކު އުޅޭތަން އަހަރެން ދެކެމެވެ. ނަމަކަށް ކިޔަނީ އައްމާރު އެވެ. ނޫނީ އާމިރެވެ. ހަނދާނެއް ނެތެވެ. މިވަގުތު ހަނދާނެއް ނުވެސް ވާނެއެވެ. އަހަރެންގެ ހިތުގެ ތެޅުން ސިކުނޑިއަށް ވުރެ ބާރުގަދައެވެ.

ސުވާލުތަކުން ފުރިފައިވާ ހާލު އަހަރެންގެ ލޮކަރު ހުޅުވައިފީމެވެ. އައްމާރު އޭރުވެސް ހުރީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. ފޮތްތައްލުމަށްފަހު އަހަރެން ލޮކަރު ރަނގަޅަށް ހާވާލީމެވެ. ނޯޓެއް ފެންނާކަށް ނެތެވެ. ހިތް އުދާސް ވިއެވެ. މާޔޫސްވެ ހުރެ ލޮކަރު ލައްޕާ ތަޅުލީމެވެ. ހިނގައިގަތުމުގެ ކުރިން އައްމާރު އަހަރެންނަށް ގޮވާލި އަޑު އިވުނެވެ.

"ކިހިނެތްވީ؟"

އަހަރެން ހަމައެކަނި ކޮށްލީ ސުވާލެކެވެ. ހާލު އަހުވާލު އަހާ، ބޮޑުތަކުރުފާނު ވާހަކަ ދައްކާނޭ މޫޑެއް ނެތެވެ. އަހަރެންގެ އަޑުން އެކަން އެނގޭނެ ނަމައެވެ.

"އޫހް، ހަދަ ރުޅި އައިސް؟"

އައްމާރު ކޮށްލީ ސަމާސާއެކެވެ. އެ އަޑުގައި ވަނީ ލާނެތްކަމެވެ. އަހަރެންނަށް ކަމަކު ނުދިޔައެވެ. މީނާ އަހަރެންގެ ކެތްތެރިން އިމްތިހާނު ކުރަނީހެއްޔެވެ؟

"ޔާ، ކުޑަކޮށް ބޮލަށް ތަދުވާތީ. ކަމަކުތަ؟"

އަހަރެންގެ ޖަވާބު ކުރުވެފައި ފިންޏެވެ. އައްމާރު އަށް ވެސް އެކަން ފާހަގަވި ކަހަލައެވެ.

"ލެޓް މީ ކަޓް ޓު ދަ ޗޭސް. އަހަރެންނާ ރައްޓެހިވާނަންތަ؟"

އައްމާރު ކޮށްލި ސުވާލުން އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. މިއީ އަހަރެން ރަނގަޅަށް ދަންނަ މީހެއްވެސް ނޫނެވެ. ނަމަކީ އައްމާރު ކަމެއް އާމިރު ކަމެއްވެސް ނޭނގެއެވެ. ސަމާސާ ކުރިޔަސް މިއީ ތަންކޮޅެއް ބޮޑުވަރެވެ. އަހަރެންގެ ރުޅިގަނޑު ކޮންޓްރޯލް އިން ނައްޓައިން ނުދަނީސް އަވަހަށް މިތަނުން ދާންވީއެވެ. އެހެން ހިތާ ހިނގައިގަތީމެވެ. ނަމަވެސް އައްމާރު އަހަރެންނާ އަރާ ހަމަކޮށްފިއެވެ.

"އެ ވާހަކަ ނޯޓެއްގައި ލިޔެ ލޮކަރަށް ލި ނަމަ އާނ އެކެ ބުނާނަންތަ؟"

އައްމާރުގެ ސުވާލުން އަހަރެންގެ އަތްފައި ފިނިކޮށްލިއެވެ. ސިކުންތު ކޮޅެއް ތެރޭގައި މުޅި ހިތުގެ ސަމުގާ ބަދަލުކޮށްލި ކަހަލައެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އެއްވެސް ލަދުވެތިކަމެއް ނެތި އަހަރެން އައްމާރުގެ ލޮލަށް ބަލާލީމެވެ. އެ ލޮލުގައި ސަމާސާ ގެ ކަންފުޅެއްވެެސް ނެތެވެ. އޭނާގެ މޫނުމަތީގައި ވަނީ ސީރިއަސް ކަމެވެ.

ފުރަތަމަ ފަހަރަށް އައްމާރު ގެ ނަން އިނގެން ބޭނުންވިއެވެ. ފުރަތަމަ ފަހަރައަށް އޭނާއަށް ހިނިތުންވެލުމެއް ރައްދު ކޮށްލަން ހިތް އެދެން ފެށިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ހިތާ ހިތުން ތައުރީފު ކޮށްލެވުނެވެ. މިއީ އަހަރެންގެ ޒުވާނާ ބާވައެވެ؟ އަހަރެންގެ ހިތް ގޮވަމުންދަނީ އައްމާރަށް ބާވައެވެ؟ ނޯޓު ތަކުގެ ވާހަކަ އެނގެންވީ އިތުރު ސަބަބެއް ނެތެވެ. ދެންމެ ދިމާވިނަމަވެސް އެތައް ޒަމާނެއްވަންދެން އޭނާ އަހަރެން ދަންނަ ކަހަލައެވެ.

"ކިހިނެތް ނޯޓުތައް އިނގެނީ؟"

އަހަރެން ސުވާލުކޮށްލީމެވެ. އައްމާރު ޖަހާލީ ހިނިގަނޑެކެވެ. އެ އަޑުގައިވަނީ ފިރިހެންވަންތަކަމެވެ. އަހަރެންނަށް ވަރަށް ކަމުދިޔައެވެ.

"އަހަރެން ކޮންމެ ދުވަހަކު ކުރާ ކަމެއް ވިއްޔާ އެނގޭނެ ދޯ؟"

އަހަރެންގެ ހިތް އުފަލުން ބަންޑުންވި ކަހަލައެވެ. މިއީ އަހަރެންގެ ޒުވާނާއެވެ. އެތަކެއް ރެއެއްގެ ނިދި ނަގާލި ޒުވާނާއެވެ. މިއަދު އޭނާ މި ހުރީ އަހަރެންގެ ކުރިމަތީގައެވެ. ދިމާވާ ދުވަހަކުން ދައްކާނެ އެތަކެއް ވާހަކައެއް އަހަރެން ހިތު ދަސްކުރީމެވެ. ނަމަވެސް މިހާރު ބުނާނެ އެއްޗެއް ދުލުކުރިއަކަށް ނައެވެ. އަޑު ބެދިއްޖެއެވެ. ފައި ކޮޅުން ވަރުދެރަވާ ގޮތް ވަނީއެވެ.

އައްމާރު އައިސް އަހަރެން އޭނާގެ މެޔާ ލާ ބޮނޑިކޮށްލިއެވެ. އަހަރެންވެސް އޭނާގެ ހަށިގަނޑުގެ މީރުވަހުގައި ޖެހި، އޭނާގެ އުނަގަނޑުގައި ހިފާ ބާރުކޮށްލީމެވެ. މީގެ އެތަކެއް މަހެއް ކުރިން އަހަރެންގެ ހިތުގައި ލިޔެވުނު އަރަތުގެ ޖަވާބު މިއަދު ލިބިއްޖެއެވެ. އުފާވެރިކަމުގެ ސާލަކުން އަހަރެން ވަށާލި ކަހަލައެވެ. ދިރިއުޅުމުގައި ލޯބީގެ ކުލަ ފުރަތަމަ ފަހަރަށް ޖެހިއްޖެއެވެ. އަހަރެން މިހާރު މި ހުރީ ފުއްމާލަން ތައްޔާރަށެވެ.

ފަތަން ނޭނގުނަސް ހެވެވެ.

****

- ނިމުނީ -