ސައިބީރިއާގެ ހުސް ބިމެއްގައި ގޮތްނޭނގޭ ބޮޑު ވަޅުގަނޑެއް ހެދިއްޖެ އެވެ.

މި މަންޒަރު ފެންނަ ފޮޓޯތައް މިހާރު މީސްމީޑިއާގައި އާއި ނޫސްތަކުން އާންމުކޮށްފައި ވާއިރު، މި ވަޅުގަނޑު ފެނުނީ އެ ސަރަޙައްދުން ހެލިކަޕްޓަރެއްގައި ދަތުރުކުރި ރަޝިޔާގެ ޓީވީ ކްރޫއަކަށެވެ. އެ ކްރޫއިން މި ވަޅުގަނޑުގެ ފޮޓޯ އާއި ވީޑިއޯ ނަގައި އާންމު ކުރުމާއެކު މިހާރު ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ލިބިފައެވެ.

ފުންމިނުގައި ގާތްގަނޑަކަށް ސަތޭކަ ވަރަކަށް ފޫޓު ހުރި މި ވަޅުގަނޑުގެ ފުޅާމިނުގައި 20 މީޓަރު ހުންނާނެ ކަމަށް ވަނީ ބެލެވިފައެވެ. މި ވަޅުގަނޑަކީ ކިހިނެއް އުފެދުނު ވަޅުގަނޑެއްކަމެއް އަދި ޔަޤީންކުރެވިފައި ނުވާއިރު، ސައިބީރިއާގެ ސައިންސްވެރިންނާއި ކަމާއި ބެހޭ އެނޫންވެސް ފަރާތްތަކުން ވަނީ އެ ސަރަޙައްދަށް ގޮސް އިތުރު ދިރާސާތައް ކުރުމަށް ނިންމާފައެވެ.

މީގެ ކުރިންވެސް ސައިބީރިއާއިން މިފަދަ ގޮތްނޭނގޭ ވަޅުގަނޑުތައް ފެނިފައި ވެއެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ އެޤައުމުން 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފެނުނު މިފަދަ ނުވަވަނަ ވަޅުގަނޑެއެވެ. ނަމަވެސް މިކަމުގެ ހަޤީޤަތް މިހާތަނަށް ހޯދިފައި ނުވެއެވެ.

ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުން މިފަދަ ވަޅުގަނޑުތައް ހެދެނީ ކައިރި ސަރަޙައްދަކުން ބިމުގެ އަޑީގައި ތެޔޮހުރެގެން ހިނގާ ކަންކަމުގެ ސަބަބުންނެވެ. އަދި އަނެއްބަޔަކު މިއީ ގިނިހިލައަކުން ބިމުގައި ޖެހިގެން އުފެދޭ ވަޅުގަނޑުތަކެއް ކަމަށް ޤަބޫލުރާއިރު، މިފަދަ ވަޅުގަނޑުތަކަކީ ސިއްރު އަސްކަރީ ބިންގަރާސްތައް ހުންނަ ސަރަޙައްދުތަކެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ.

މިފަދަ ވަޅުގަނޑުތައް ކުރިންވެސް ދުނިޔޭގެ ބައެއް ޤައުމުތަކުން ފެނިފައިވާއިރު ގިނަ ސައިންސްވެރިން އިއްތިފާޤުވަނީ މިއީ ތިމާވެއްޓަށް އަންނަ ބަދަލެއްގެ ސަބަބުން އުފެދޭ ވަޅުގަނޑެއް ކަމަށެވެ. މިގޮތުން ހޫނުމިން އިތުރުވުމާއި ގުޅިގެން ގިނަ އަދަދެއްގެ މީތޭން ގޭސް އެއްތަނަކަށް ޖަމާވެ ގޮވުމުންވެސް މިފަދަ ވަޅުގަނޑެއް އުފެދިދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ސައިބީރިއާގެ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރު ހިސާބަކުން އެންމެ ފަހުން ފެނުނު ވަޅުގަނޑަކީ މިހާތަނަށް ދުނިޔެއިން ފެނިފައިވާ މިފަދަ އެންމެ ބޮޑު ވަޅުގަނޑަށްވުން އެކަށީގެންވާ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.