މީސްމީޑިއާ ކުރި އަރައިގެން އައި އިރު ދިވެހިންގެ ތެރޭގައި ބަދަލުވެގެން އައި އެއް ކަމަކީ ވިޔަފާރި ކުރަމުން އައި ވައްޓަފާޅިއެވެ. ކުދި ވިޔަފާރިތަކަށް ހުޅުވިގެން އައި ބޮޑު ފުރުސަތުތަކާއެކު ހުނަރުވެރިންގެ ހުނަރުތައް މީސްމީޑިއާ އަށް އޮއްސާލައި ދިވެހިންގެ ވިޔަފާރި ކުރުމުގެ އާދަތައް ބަދަލުކޮށްލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

އެގޮތުން ބަލާ ނަމަ މީގެކުރިން އާންމުކޮށް ދިވެހިން ނު އުފައްދާ އައިޓަމްތައް ވެސް މިހާރު ލިބެން ހުރެއެވެ. މިސާލަކަށް ގަހަނާ ފަދަ ތަކެތީގެ ތެރެއިން ކުރިން ދިވެހި ބާޒާރުން ލިބެން ނެތް އެއްޗެހި މިހާރު ލިބެން އެބަހުއްޓެވެ. ރާއްޖެއިން ކުރިން ފެންނަން ހުރި ގަހަނާ ފަދަ ތަކެތީގެ ތެރެއިން، ރެޒިން ބޭނުންކޮށްގެން ހަދާފައިވާ ގަހަނާގެ ބާވަތްތަކާއި، ރެޒިން ބޭނުންކޮށްގެން ހަދާފައިވާ އެހެން ތަކެއްޗަކީ މީގެ ކުރިން މުޅިންހެން ބޭރުގެ އުފެއްދުންތަކެވެ.

އެކަމަކު މިހާރު އެކަން މިވަނީ ބަަލުވެފައެވެ. ރެޒިން އުފެއްދުންތައް ދިވެހިންނަށް ކަމުދާނެހެން ގެނެސްދިނުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަމަކީ 'ސަލްވާ އެމްވީ"އެވެ. މި ނަމުގެ ފަހަތުގައި ވަނީ އާއްމުންނަށް ދެނެ ފަރިތަ މޫނެކެވެ. އެއީ މޯލްޑިވިއަން އައިޑޮލް އިން ގިނަ ދިވެހިންނަށް ތައާރަފްވި މަރިޔަމް ސަލްވާއެވެ.

ލަވަކިޔުމާއި މުޅިން ތަފާތު ދިމާއަކުން ސަލްވާ ދައްކާލި ހުނަރާ އެކު އެތައް ބައެއްގެ ހިތްތައް ސަލްވާ ވަނީ އަތުލާފައެވެ. ކުރު ގޮތަކަށް ބުނާ ނަމަ " ސަލްވާ އެމްވީ" މިއީ ސަލްވާ (މިއްމި)ގެ ރެޒިންގެ ދުނިޔެއެވެ. މި ދުނިޔެ ޖަރީކުރަން ސަލްވާ މަސައްކަތް ކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ކަމުދާނެ ރަހަތަކާއި ކުލަތަކުންނެވެ. ކޮންމެ އުފެއްދުމަކީވެސް އެހާމެ ތަފާތު ކަވި މަސައްކަތެކެވެ.

މާލެއަށް އުފަން ސަލްވާގެ އުފެއްދުންތަކުގެ ތެރޭގައި އަތްތެރި މަސައްކަތްތައް ހިމެނުނު ނަމަވެސް އޭނާގެ ގިނަ އުފެއްދުންތައް ޚާއްސަ ވަނީ ރެޒިން އާޓްއަށެވެ. ސަލްވާ "ވަގުތަށް" ކިޔާދިން ގޮތުން އަބަދުވެސް އޭނާ އަކި އުފެއްދުންތެރި މަސައްކަތްތަކަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. ނަމަވެސް އާމްދަނީ ހޯދަން މަސައްކަތެއްގެ ގޮތުގައި މިކަން ކުރަން ފެށީ އާއިލާ އާއި ރައްޓެހިންގެ އެހީތެރިކަމާ އެކުގައެވެ.

"އަބަދުވެސް މަންމަ އާއި ބައްޕަ ބޭނުންވީ ޑޮކްޓަރެއް ކަހަލަ މީހަކަށް ވާން. އެކަމަކު ވަރަށް ސަޕޯޓިވް މިކަމުގައި މަންމަމެން. ބޭނުންވަނީ އަދިވެސް ގިނަ ކަންކަން ދަސްކޮށް އާޓް ކެރިއާ ކުރިއަރުވަން. ވަރަށް ރަނގަޅު ކޮމެންޓްސް ލިބޭ. ދާއިމީކޮށް މިކަން ކުރަން ގޮންޖެހުން ހުރޭ. އެކަމަކު ބްރޭކް އެއް ނުނަގާތީ މިހިސާބަށް އާދެވުނީ. ބައެއް ދުވަސްތައް ދޭ މި މަސައްކަތުގައި ވަރަށް ދެރަވާ ކަހަލަ. އެކަމަކު ކުރާ މަސައްކަތް ދެކެ ލޯބިވުން އެއީ ވަރަށް މުހިންމު ކަމެއް. އެހެންވެ ކުރިއަށް މި ދެވެނީ." ސަލްވާ ކިޔާދިނެވެ.

ސަލްވާ ބުނާ ގޮތުން އޭނާގެ އުފެއްދުންތަކުގެ ތެރެއިން އޭނާ އެންމެ ގަޔާވާ އުފެއްދުމަކީ މޫދުގެ ކުލަތަކާ ރަން ކުލަ ހިމެނޭ ޕެންޑެންޓްތަކުގެ ސީރީޒްއެވެ. ސަލްވާ ގަބޫލު ކުރާ ގޮތުން މި އަތްތެރި އުފެއްދުންތަކަށް މީހުންގެ ހިތުގައި އޮންނަ ލޯބި ކުރިއަށް ވުރެ އިތުރެވެ. އެހެންކަމުން އުފެއްދުންތެރި މަސައްކަތްތަކަށް ކުރާ މީހުން ކުރިއަށް މިއީ ރަނގަޅު ވަގުތެކެވެ.

ގިޓާ ކުޅުމައި ލަވަ ކިއުމުގެ ތެރެއިން ދިވެހިންނަށް އެނގުނު މި މޫނުގެ ފަހަތުގައި އަދިވެސް އެތައް ހުނަރުވެރި ވާހަކަތަކެއް އެބަހުއްޓެެވެ. އެގޮތުން ސަލްވާގެ ކޭކް އެޅުމުގެ ހުނަރު ފާހަގަކޮށްލެވެއެވެ. އެކަމަކު އެ ވާހަކަ އެހެން ދުވަހަކަށް ބާއްވާނަމެވެ.