ތިހުރީ ވަރަށް ބަނޑުހައިވެފައި ތާއެވެ. މުޅި ދުވަހު ނުކައި ހުރުމުގެ ސަބަބުން މުޅި ހަށިގަނޑަށް ވަރުބަލިކަން އިޙްސާސް ކުރެވޭނެއެވެ. ރޯދަ ވިއްލާ ވަގުތު ކައިރި ވަމުންދާވަރަކަށް ބަނޑުހައިކަން އިތުރުވެއެވެ. އަދި މިދަނޑިވަޅުގައި ރޯދަ ވިއްލާ ވަގުތު ލައްކަ އެއްޗެހި ކާނަމޭ ތިހުރީ ހިތުއަޅައިގެން ހެއްޔެވެ؟

ރޯދަ ވިއްލާ ވަގުތު ކިތަންމެ ގިނައިން ކެޔަސް އެކަމުގައި މައްސަލައެއް ނެތެވެ. އެހެންނަމަވެސް ރޯދަ ވީއްލަންވާނީ، ދީނުގައިވެސް އިރުޝާދު ދީފައިވާ ގޮތަށް ކަދުރު އޮށަކުންނެވެ. ސަބަބަކީ މިކަމުގެ ސަބަބުން ތިމާގެ ހަށިގަނޑަށްވެސް ގިނަ ގުނަ ސިއްޙީ ފައިދާތަކެއް ލިބެމުން ދާތީއެވެ.

ކަދުރަކީ ފޮނި، އަނގަޔަށް މީރު މޭވާ އެކެވެ. އަދި އޭގައި ގިނަ އަދަދެއްގެ ވިޓަމިންސްއާއި މިނަރަލްސް ހިމެނޭ މާއްދާއެކެވެ. މިގޮތުން ކަދުރުގައި ޝުގަރ، ފައިބަރ، މެގްނީސިއަމް، އަދި ނިސްބަތުން މަދުކޮށްނަމަވެސް ޕުރޮޓީން އަދި ފެޓްއެކުލެވެއެވެ.

ކަދުރަކީ އަވަހަށް ހަޖަމް ކޮށްލެވޭ ކާނާއެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދެއެވެ. އަދި ދުވާލު ހަތަރުދަމު ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން މިކަމުގެ ސަބަބުން ދުރުކޮށްދެއެވެ.

އަދި ހަމައެހެންމެ، ކަދުރު ކެޔުމުގެ ސަބަބުން ގިނައިން ކެޔުމުން ދުރުކޮށްދެއެވެ. ސަބަބަކީ ކަދުރު ކެޔުމުގެ ސަބަބުން ބަނޑު ފުރިފައި ހުންނަ ކަމުގެ އިޙްސާސްއެއް މަދު ވަގުތު ކޮޅެއްގެ ތެރޭގައި ހަށިގަނޑަށް ކޮށްލަދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫސާ

    ރޯދައަށް މީހުން ހާދަ ބައިވަރު އެއްޗެއް އެބަގަނެއެވެ. އަހަންނަށް އެނގިފައިވާގޮތުގައި ރޯދައަށް ގަންނަންޖެހެހީ ހަމަ އެންމެ އެއްޗެއް. އެއީ ނިޔަތް.