(ފުރަތަމަ ބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

ބިރުވެރި ވާހަކަތަކަކީ އަހަރެން ވަރަށް އަހާ ހިތްވާ އަދި ކިޔާހިތްވާ ވާހަކަތަކެވެ. ހަޤީޤީ ވާހަކަތަކާއި ޚިޔާލީ ވާހަކަތައް ވެސް މެއެވެ. އޭގެތެރެއިން ވެސް ޚާއްޞައީ ހަޤީޤީ ވާހަކަތެކެވެ. އެއީ އަޖައިބުކުރުވަނިވި އެތައް ކަންކަމެއް އެ ވާހަކަތަކުގައި ހިނގާތީއެވެ. ބުއްދިއަށް ޤަބޫލުކުރަންދަތި ހާދިޘާތައް އެ ވާހަކަތަކުގައި ވާތީއެވެ. އިބުރަތުން ފުރިގެންވާ ވާހަކަތަކަކަށް އެ ވާހަކަތައް ވާތީ ވެސް މެއެވެ.

ޚުދު އަހަރެންނަށްވެސް ޖިންނީންގެ ކަންތައް ގަނޑަކައި ލައިގަތެވެ. އެއީ އައްޑޫއަށް ކުރި ދަތުރުގެ ތެރެއިންނެވެ. ގިނަބަޔަކު އެފަދަ ބިރުވެރި ކަންކަމާ ކުރިމަތިލާ ވާހަކަތައް އަދި އަދަށް އަންނާދެއް ވެސް ކިޔައެވެ. އެހެނަސް އައްޑޫ ރަތްލިބާސް އެހެން ފަހަރަކަށް ބާއްވަމާއެވެ. މިފަހަރު މި ކިޔައިދެނީ އަހަރެންގެ ރަހްމަތްތެރިއަކަށް ދިމާވި ހަޤީޤީ ހާދިޘާއެކެވެ.

ޖިންނި މިއީ އެއްޒަމާނެއްގައި އުޅުނު އެއްޗެއްސެއް ނޫނެވެ. ޤުރުޢާނުގައި ޖިންނީންގެ ވާހަކަތައްވެއެވެ. އެހެންވުމުން ޖިންނީން މިއީ ނުވާ އެއްޗެއް ކަމަކަށް އަހަރެމެންނަކަށް ބުނެވޭކަށް ނެތެވެ. ދިވެހިރާއްޖޭގައި އެޔަށް އެކިއެކި ނަންތައް ކިޔައެވެ. ހަންޑިން ފެށިގެން ގޮސް ފުރޭތައަށެވެ. ވިގަނިން ގޮސް ދާއްބައަށެވެ. އެޔަށް ނަން ހެދިފައި ހުރީ އެދިމާވާ ކަމަކާ ނުވަތަ ހާދިޘާއަކާ ގުޅުގެންނެވެ. ނޫނީ ގުޅުވައިގެންނެވެ.

އަހަރެން ދިއްދޫއަށް ދިޔައީ ގިނަގުނަ މަޤްޞަދުތަކެއް ޙާޞިލްކުރުމުގެ ބޭނުމުގައެވެ. ދިރިއުޅުން އާރާސްތުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. އެ މަސައްކަތްތަކުގެ އެހީގައި ނުލިބި އޮތް ޢިލްމެއް ޙާޞިލްކުރުމުގެ ނިޔަތުގައެވެ. އަދި ހަމައެހެންމެ އެ ކަންކަމުން މިންޖުވުމާއެކު ރަށުގައި ހިންގޭ ޢިޖްތިމާއީ އެކިއެކި ހަރަކާތްތަކުގައި ވަރަށް ފުރިހަމައަށް ބައިވެރިވަމެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން މިއީ އެރަށު މީހުން ދަންނަ، ވަރަށް ކަމޭހިތާ ދިއްދޫގައި ހުރި ބީރައްޓެއްސެކެވެ.

ޢިޖްތިމާއީ ރޫޙް އާލާވުމުގެ ސަބަބުން ރަށުގެ ގިނަ ބަޔަކު އަހަރެންނާ ވަރަށް ރަޙްމަތްތެރިވާނެއެވެ. ކުޑަކުދިންތަކުން ފެށިގެން އެންމެ މުސްކުޅި މީހުންނާ ހަމައަށެވެ. އެމީހުންގެ ހަޔާތުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ދިރިއުޅުން ބައްޓަންކުރާ ގޮތުގެ ވާހަކަތައް ޙިއްޞާކޮށް ހަދައެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތުގައި ރަށަށް އޮތް ބީރައްޓެހިކަން ކެނޑި އެރަށަށް ހިތްޖެހުނެވެ.

އާދައިގެ މަތިން އަހަރެން ހުކުރުގެ ކެއުން ރަނގަޅަށް ކައިގެން ހޮޅުއަށްޓަށް ދިޔައީމެވެ. އިރުގެ ރަންދޯދިތަކުން ކުރަމުންދިޔަ ހޫނުން ބަރީއަވެ، ކަނޑުން ނަގަމުން ދިޔަ ރާޅުން ގެނުވާ ވައިރޯޅިތަކުން ހިތަށް ފިނިކޮށްލުމަށެވެ. އޭރު ހޮޅުއަށީގައި އެކި ފުރައިގެ މީސްމީހުން އެގޮތް މިގޮތަށް އަވީއްލާފައި ތިއްބެވެ. އެއްބަޔަކު ތިބީ ގުގުރީގެ އަޑުން، އަޑު ދަމައި ގަދަ ނިދީގައެވެ. ޅައުމުރުގެ ދެތިންކުދިން ފަނުން ބޯޅައާއި ދޫނި ވިޔުމުގައި ސަކަރާތް ޖަހަމުން ދިޔައެވެ.

އަހަރެންގެ ލޮލުގައި އަޅައިގަތީ ހޮޅުއަށީގެ އެއްފަރާތެއްގައި މޫދާ ދިމާއަށް ނަޒަރު ހުއްޓައިލާގެން އިން ހުސޭނެވެ. ފަހަރަކު މީހަކާ ސަލާން ގަލާންކުރަމުން އަހަރެން ދިޔައީ ހުސޭނާ ދިމާއަށެވެ. ހުސޭނުގެ ކޮނޑުގައި އަތް ބާއްވާލުމާއެކު އޭނާ ދިޔައީ ރޫރޫ އަރައިގެންނެވެ. އަހަރެންގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އޭނާގެ ދެލޯ ހުރީ ތަންމިނަށް ހުޅުވިފައެވެ.

"ކިހިނެއްވީ؟ ކޮން ޚިޔާލަކަށް ގެއްލިފަ ތިއިނީ؟" އަހަރެން އޭނާގެ ގާތުގައި އިށީނީމެވެ.

"އެހެން ވަކި ޚިޔާލަކަށް ގެއްލިފައެއް ނޫން." ހުސޭނު އަތުން ބޮލުގެ އިސްތަށިގަނޑު ކަހާލިއެވެ.

"ޤައިމް، ހުސޭނު ތިހެން މާ ފުން ޚިޔާލަކަށް ގޮސް އިންދައެއް އަހަރެން ނުދެކެން." ވެގެން އުޅޭ ގޮތެއް އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ.

"އާނ! އަހަރެންނަށް އެއްއިރެއްގައި ކަންތަކަކާ ކުރިމަތިވި. ދެން އެ ކަންތަކާމެދު މި ވިސްނާލެވުނީ!"

"އެހެންތަ. ތިހެންވެސް ޖެހޭނެ ކަންކަމާމެދު ވިސްނަން. އެކަމަކު ފިކުރު ބޮޑުވާވަރަށް ނުވިސްނައްޗޭ!" އަހަރެން މަޑުމަޑުން ހުސޭނާ ދިމާވި ކަންކަން ކިޔައިދޭތޯ މަސައްކަތްކުރަން ފެށުނެވެ. "ދެން ތި ދިމާވި ހާދިޘާ ކިޔައިދީބަލަ!"

އަހަރެން އެހެން ބުނުމާއެކު ހުސޭނު އެއްވެސް ފޮރުވުމެއް ނެތި އޭނާއަށް ދިމާވި ހާދިޘާ ކިޔައިދޭން ފެށިއެވެ. ބިރުވެރި ހާދިޘާއެކެވެ. އިބްރަތްތަކެއް ލިބޭ ހާދިޘާއެކެވެ. އަހަރެން އެ ބިރުވެރި ވާހަކަ ކަނުލައި އަޑު އަހަން އިނީމެވެ.

ހުސޭނާއި އަހްމަދާއި މުހައްމަދަކީ އެއް ފުރައިގެން ތިން ކުދިންނެވެ. ތިމާގެ ތިން ކުދިންނެވެ. ތިން ކުދިންވެސް ދެ ބެގެން ދެ ދަރިންހާ ކައިރި ތިމާގެ ކަމެވެ. އެކުގައި އަބަދުމެ އުޅޭ ތިންކުދިންނެވެ. އެ ކުދިންގެ ބައްޕައިން ކުރާ މަސައްކަތަކީ މަސްވެރިކަމެވެ.

ނަމަވެސް ހުސޭނުގެ ބައްޕަ ހަސަންފުޅަކީ ފަންޑިތައް ދަންނަ މީހެއް ކަމުން މަސްވެރިކަމުގެ އިތުރުން އެކަމުގައި ވެސް ވަގުތުތައް ހޭދަކުރެއެވެ. މީހަކު އެފަދަ ކަމެއް ކުރަން އެދުމުން މަހަށް ނުގޮސް މަޑުކުރަނީއެވެ. އެމީހަކަށް އެހީތެރިވުމުގެ ބޭނުމުގައެވެ. އެ މަސައްކަތަށް ވަކި އަގެއް ހަސަންފުޅު ނުކިޔައެވެ. އެހެނަސް ހަދިޔާއެއްގެ ގޮތުން މީހުން އޭނާއާ މުސާރަ ހަވާލުކުރެއެވެ.

ހުސޭނުމެންނަކީ ސަކަރާތްޖެހުމުގައި ހައްދުފަހަނައަޅައި ގޮސް ތިބި ކުދިންތަކެކެވެ. މީސްމީހުން ރުޅި އެރުވުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. މީހުންނަށް ލަނޑުދޭލެއް މަދެއްވެސް ނޫނެވެ. ކޮންމެ ރެއަކުމެ ދަންވަރު ތިން ކުދިން އެކުއެކީގައި ސަކަރާތްޖެހުމަށް ނުކުމެއެވެ. އެހެން ނުކުމެ އުޅުމުގައި ގަހަކުން ފެންނަ ފަޅޮލެއް ފޭރެއް ނޯވެއެވެ. ވެރިމީހާއާއި ސިއްރުން އެތަކެތި ބިދެގެން ކައި ހަދައެވެ.

އެހެން ސަކަރާތް ޖެހުމަށް ނުކުމެ އުޅުނު ރެއެކެވެ. މަގުމަތީގައި ތެޅެމުން ފޮޅެމުން ހިނގާފައި ދަނިކޮށް ހުސޭނަށް ފާރުމަތީގައި އިން ހާލެއް ފެނުނެވެ.

"އޭ. ބަލައިބަލަ! އެއިނީ އަހަރެމެންގެ ރޭނގަޑު ނާސްތާ!" ހުސޭނު އެ ހާ އަހްމަދަށާއި މުހައްމަދަށް ދެއްކިއެވެ.

ހުސޭނު އެނެއް ދެ ކުދިންނަށް އެއްވެސް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދެއެވެ. ފާރުގައި ކޭއްތެމުން ދެމެދުން ހާ ހިފުމުގެ މަސައްކަތް ފެށިއެވެ. ހާ އިނީ މަގުމައްޗަށް ފުރަގަސް ދީގެން ކަމުން އެއީ އެހާ އުނދަގޫ ކަމަކަށް ހުސޭނަކަށް ނުވިއެވެ. އޭނާ މަޑުމަޑުން ގޮސް އެއްލި އަތުން ހިފީ ސީދާ ހާލުގެ ކަރުގައެވެ.

ވީ އުފަލުން ހުސޭނު ކުއްލިއަކަށް އަހްމަދާއި މުޙައްމަދާއި ދިމާއަށް އެނބުރުނެވެ. އެ ކުދިންނަށް ލިބުނު އުފަލަކުން މަޑުމަޑުން އަތްތިލަބަޑި ޖެހިއެވެ. އޭރު ހުސޭނު އެމީހުންގެ ގާތަށް ދަނީއެވެ. ކުއްލިއަކަށް ހުސޭނު ހުއްޓުނެވެ. އަހްމަދާއި މުހައްމަދު އެ ހާލާ ދިމާއަށް އިނގިލި ދިއްކުރުމުންނެވެ. އެ ކުދިންގެ ލޯ ހުރީ ތަން މިނަށް ހުޅުވިފައެވެ. މޫނު މަތީގައި ހުރީ ޖެހިލުންވުމުގެ ކުލަވަރެވެ.

ހުސޭނު ނުބަލަން ހުރެ މަޑުމަޑުން އަތުގައި އޮތް ހާލަށް ބަލައިލިއެވެ. ހުސޭނުގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މީހާއަށް ބޭއިޚްތިޔާރުގައި ހިންދިރުވައިލެވުނެވެ. އެޔާއެކު އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އޭނާގެ އަތުގައި އޮތް ހާލުގެ ކަރު މަޑުމަޑުން ދިގުވަނީއެވެ. އޭތީގެ ކަރުގައި ފޫޓެއް ހުއްޓެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކައުންސެލަރު

    އަނެއްބައި ކޮންއިރަކުން. ވަރަށް ގައްޑާވާހަކައެއްހެން ހީވަނީ.

  2. ނިހާ

    ސަޅި

  3. ސަލް

    ވާހަކަ ވަރަށް ރީތި ❤?

  4. ސަމާ

    ހާދަ ބިރުވެރިއޭ.
    އެބަ އިންތިޒާރުކުރަން.