އެޗްބީއޯ އިން ދައްކާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސިލްސިލާ، "ގޭމް އޮފް ތްރޯންސް" ގެ ތަރި، ޑަޔާނާ ރިގް މަރުވެއްޖެ އެވެ.

"ލޭޑީ އޮލޭނާ ޓައިރެލް" ގެ ކެރެކްޓާއިން މި ސީރީޒްގައި ފެނިގެންދާ ޑަޔާނާ މަރުވެފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާގެ އާއިލާއިން ވެސް ވަނީ އެކަން ނޫސްތަކުގައި ކަށަވަރުކޮށްދީފައެވެ.

އިނގިރޭސިވިލާތުގެ ލަންޑަނަށް އުފަން ޑަޔާނާގެ އާއިލާއިން ބުނެފައިވަނީ އޭނާ މަރުވީ ގޭގައި އާއިލާއާއެކު ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ޑަޔާނާގެ މަރާއި ގުޅޭގޮތުން އާއިލާއިން މަޢުލޫމާތެއް ހާމަނުކުރި ނަމަވެސް، އޭނާ މަރުވެފައިވަނީ ކެންސަރު ބަލީގައި ކަމަށް މަސްދަރުތަކުން ބުނެއެވެ. ކެންސަރު ބައްޔަށް ޑަޔާނާ ފަރުވާ ހޯދަމުންދިޔަކަން އޭނާގެ ހަމައެކަނި ދަރިފުޅު، ރަޝައެލް ސްޓާލިންގް ވެސް ވަނީ ނޫސްތަކުގައި މިދިޔަ މާރިޗު މަހު ހާމަކޮށްފައެވެ.

2013 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް ގޭމް އޮފް ތްރޯންސް އިން ފެނިގެންދިޔަ ޑަޔާނާ އަކީ މަޝްހޫރު ބައެއް ފިލްމުތަކާއި އެހެން ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. މިގޮތުން އެމީ އެވޯޑްސް އަށް ދެ ފަހަރެއްގެ މަތީން ނޮމިނޭޓް ވެފައިވާ 1960 ވަނަ އަހަރުގެ "ދަ އެވެންޖާސް" ސީރީޒް އިންވެސް އާންމުންގެ ބޮޑު ތަރުޚީބެއް ޑަޔާނާއަށް ލިބިގެން ދިޔައެވެ.

އެންމެ ގިނަ ބައެއްގެ މަޤުބޫލުކަން ޑަޔާނާއަށް ލިބިފައިވަނީ "ގޭމް އޮފް ތްރޯންސް" ގައި އޭނާ ކޮށްފައިވާ މަސައްކަތަށެވެ. އެ ސީރީޒްގައި ކުޅުނު ރޯލަށް 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު އަދި 2015 ވަނަ އަހަރުގެ އެމީ އެވޯޑްސް އަށްވެސް ޑަޔާނާ ނޮމިނޭޓް ވެފައި ވެއެވެ.

ޑަޔާނާ ފިލްމީ ދާއިރާގައި އެންމެ ފުރަތަމަ މަސައްކަތް ކުރަން ފަށާފައިވަނީ އުމުރުން 12 އަހަރުގައެވެ. އެއަށްފަހު މިއަހަރާއި ހަމައަށްވެސް އޭނާ އައީ ދާއިރާގައި މަސައްކަތް ކުރަމުންނެވެ.

މަރުވިއިރު ޑަޔާނާގެ އުމުރުން 82 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    އަޅެ ޑަޔާ މައެކަނި ކޮއްފަ ދިޔައީތަތިޔަ...ޑަޔާޔާ ހަމަޔައް އަދި ނުވެސްދެވިގެން އުޅެނިކޮށް.

    1
    2
  2. ނަަން

    ގޭމް އޮފް ތްރޯންގަވެސް އޭނަ މަރުވެއްޖެ

  3. ޟމމ

    މުޑުދާރު ސީރީސްއެއްގެ ލަގަބު ލިބިފައިވާ ސީރީޒްއރއް