ސެލީނާ ގޮމޭޒް އާއި ޖަސްޓިން ބީބާ އަކީ ހޮލީވުޑްގައި ނުހަނު މަޝްހޫރު ދެ ލަވަކިޔުންތެރިންނެވެ. މި ދެ ލަވަކިޔުންތެރިންގެ ލޯބީގެ ވާހަކަ އަކީ ވަރަށް ގިނަ މީހުން ގާތުން ބަލާ ކަމަކެވެ.

މި ދެ ފަންނާނުން ފެންނަނީ ބައެއް ދުވަސްވަރު ވަރަށް ގާތްކޮށް އުޅޭ އަދި އަނެއްބައި އިރު އެކަކު އަނެކަކަށް ހޫނު ބަސްތައް ރައްދުކުރާ ދެ ފަންނާނުންގެ ގޮތުގައެވެ. އެގޮތުން މި ދެ ފަންނާނުންގެ ދެމެދުގައި ގިނަ މައްސަލަތަކެއް ޖެހި އެތަށް ފަހަރެއްގެ މަތިން ރުޅިވެފައިވެއެވެ.

އެންމެ ފަހުން މި ދެ ފަންނާނުން ރުޅިވި ފަހުން ދުވަސްތަކެއް ވެފައިވާއިރު އަނެއްކާވެސް މި ދެތަރިން އެކުގައި ވަގުތު ހޭދަކުރަން މިވަނީ ފަށާފައެވެ. އެގޮތުން ލޯބި ވެރިންގެ ދުވަހު (ފެބްރުއަރީ 14) ވަނަ ދުވަހުގެ ރޭގައި މި ދެ ލޯބިވެރިން އެކުގައި ރެސްޓޯޜެންޓެއްގައި ކެއުމަކަށް ގޮސް އުޅެނިކޮށް ގިނަ މީހުންނަށް ފެނިގެން އެވާހަކަ މިވަނީ ދައްކަން ފަށާފައެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނާގޮތުގައި އެދެމީހުން އުޅުނުލެ ގާތްކަމުންނާއި މޫނުމަތިން ފެނުނު އުފާވެރިކަމުން ދެމީހުން މެދުގައި ދުވަހަކުވެސް މައްސަލައެއް ޖެހުނު ފާޑުވެސް ނުޖަހައެވެ. އަދި އެ ރެސްޓޯރަންޓަށް ދިޔަ ގިނަ ބައެއްގެ ކުރިމަތީގައި އެމީހުންގެ ލޯބި ފުރިގެންވާ ވާހަކަތައް ދައްކަމުން ކައި ނިމިގެން ދެމީހުން އަތުގައި ހިފައިގެން ދިޔަ މަންޒަރު އެތަށް ބަޔަކަށް ވަނީ ފެނިފައެވެ.

ސެލީނާ ގޮމޭޒް އާއި ޖަސްޓިން ބީބާ ލޯބިވެރިންގެ ދުވަހު ރެސްޓޯރަންޓަގައި ކަމަށް ބުނާ ފޮޓޯ

އަދި މީގެ އިތުރުންވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މި ދެތަރިން ލަގޫނާ ބީޗް ރިޒޯޓްގައި އެކުގައި ޗުއްޓީއެއް ހޭދަ ކުރިކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ. އަދި މިހާރު މި އުފެދިފައިވާ ގުޅުން އެހެން ފަހަރުތަކަކާއި ތަފާތުކަމަށް އެ ތަރިންނާއި ގާތް ފަރާތްތަކާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކުރެއެވެ.

މި ދެ ލަވަކިޔުންތެރިންގެ ލޯބީގެ ގުޅުމަކީ އެތަށް ބަޔަކު ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. މި ދެކެވޭ ވާހަކަ އާއިމެދު މި ދެތަރިންކުރެ ތަރިއެއް އަދި އެއްވެސް އެއްޗެކޭ ބުނެފައި ނުވާއިރު އެދެތަރިން އަނެއްކާވެސް ލޯބީގެ ގޮތުން ގުޅިއްޖެ ނަމަ ހަމަގައިމުވެސް އެއީ އެމީހުންގެ ސަޕޯޓަރުން އުފާކުރާނެ ކަމަކެވެ.