ޓީވީ ރިމޯޓް ނަގާ ނިއްވާލީ އަޑު އަހަމުން ދިޔަ ޚަބަރުގައި ގޮވަމުން ދިޔަ އެއްޗަކުން ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑު ކަމުންނެވެ. އިށީނދެގެން އިން ސޯފާއިން ތެދުވެ ކޮޓަރިއާ ދިމާލަށް ހިނގައި ގަތީމެވެ. މިރޭ ދެން ކާ އެއްޗެއް ކެވޭ ވަރު ވާނެހެން ހިޔެއް ނުވެއެެވެ. ކޮޓަރީގެ ހަތަރު ފާރުގެ ހިމާޔަތަށް ވަދެވުމާއެކު އަވަސް އަވަހަށް ދޮރު ތަޅުލީމެވެ. އޭރުވެސް ބާރު ބާރަށް ހިތް ތެޅެމުން ދިޔައެވެ. އަބަދުވެސް ހީވަނީ މީހަކު ބަލާހެންނެވެ. ހުރިހާ ހަރަކާތަކަށް ނަޒަރު ހިންގާ ހެނެވެ.

ލައިގެން ހުރި ޖިންސާއި ޓީޝާޓު ބޭލުމަށްފަހު ފާހާނާއަށް ވަނީމެވެ. ހޫނު ފެން ތައްޔާރުވި ކަމުގެ ސިގްނަލް ލިބުމުން ފެން މާގަނޑު އަނބުރާ، ހަމަޖެހިލީމެވެ. އިސާހިތަކު ހޫނު ފެން ތިކިތަކުން ހަށިގަނޑުގެ ފިނިހޫނުމިން ބަދަލުކޮށްލިއެވެ. ލޯމަރައިގެން ހުރި އިރު މަސައްކަތް ކުރަމުން ދިޔައީ ހަމަހިމޭން މަންޒަރުތަކުން ސިކުނޑި ފުރާލެވޭތޯއެވެ. މަޑު ނޫ ކަނޑެކެވެ. ހިމުން ދޮންވެލި ތުނޑިއެކެވެ. ފޮޓޯ އަލްބަމެއް ހެން ތަސްވީރުތައް ބަދަލުވަމުން ދިޔައެވެ. ގަދަކަމުންނެވެ. ސިކުނޑިއަށް ބިރުވެރި ޚިޔާލެއް މި ވަގުތު ނުވެެއްދުމަށެވެ. ތެޅެމުން ދިޔަ ހިތް އިތުރަށް ހާސް ނުކުރުވަމަށެވެ. ސައިކިއަޓްރިސްޓް ގެ ނަސޭހަތަކީ އެއީއެވެ.

ސައިކިއަޓްރިސްޓް ބުނެއެވެ. އަމިއްލަ ހަށިގަނޑުން ހިމާޔަތް ހޯދާށެވެ. ހަށިގަނޑަކީ ވަރަށް ބާރު ގަދަ އެއްޗެކެވެ. އެއީ ނިކަމެއްޗެއް ކަމުގައި ނުދެކޭށެވެ. ލަހުން ނަމަވެސް މި ބަސްތައް ގަބޫލުކުރެވޭތޯ މަސައްކަތްކުރާށެވެ. އަދި ދުވަސްކޮޅެއް ނަގާފާނެއެވެ. ނަމަވެސް ޔަގީން ކަމާއެކު ބުނެވޭނީ ރަނގަޅު ދުވަހެއް އަންނާނޭ ކަމެވެ.

އަހަރުތަކެއް ވެއްޖެއެވެ. މަސްދުވަސް ފާއިތުވެ ދުވަސްތައް ބަދަލުވެއްޖެއެވެ. ޒަމާން ތަރައްގީވެ މީސްމީހުންގެ ވިސްނުން ފުޅާވެއްޖެއެވެ. ކާ ކެއުމާ ލާ އަންނައުނު ތަފާތުވެއްޖެއެވެ. އަތުގެ ފުޅާމިނަށް ހެޔޮވަރު ފޯނު ތަކާ، އައު އީޖާދުތަކުން ދުނިޔެ އާރާސްތުވެއްޖެއެވެ. ނަމަވެސް އެދުވަހެއް ނާދެއެވެ. އަންނާނީ ވަކި ކިހިނެތް ބާވައެވެ. މިރޭވެސް ޚަބަރުން އެ ގޮވި އެއްޗެއް އަޑުއެހީމު ހެއްޔެވެ؟

ޕާކިސްތާނުގެ ކަސޫރު އޭ ކިޔުނު ޝަހަރެއްގައި ހަ އަހަރުގެ އަންހެން ކުއްޖެއްގެ އިތްފަތްތެރިކަން ނަގާލާ މަރާލާފައިވާ އޮއްވާ ފެނުނު ވާހަކައެވެ. އަދި މިއުޅެނީ އިހަކަށް ދުވަހު މާލޭގެ ސްޓޫޑިއޯ އެއް ތެރޭ އަންހެން ކުއްޖަކު ރޭޕް ކޮށްލި ހަބަރުގެ އަޑު ވައިގެ ތެރެއިން ނުފިލައިގެންނެވެ. ނޫސް ނޫހުގެ ފަލަ ސުރުހީތަކުގައި ތަފާތު އިބާރާތް ތަކުން މި ހަބަރު ގެނެސްދީފައި ވާ އިރު ޓީވީ ހުޅުވާލިއަސް ގޮވަމުން ދަނީ ތުއްތު ތުއްތު ޒައިނަބް ގެ ވާހަކަ އެވެ.

ހަ އަހަރެވެ. އެފަކީރަށް އެންމެ ހަ އަހަރެވެ.

ގޮށް މުއްކަރުވާފައި އަތް ގެނެސް މުށި ޖަހާފައި ހުރި ފާރުގައި ބާރަކަށް ޖެހީމެވެ. އެއްޗެއް އިހުސާސް ވޭތޯއެވެ. ދެތިން ފަހަރު ގައިގަ ހުރި ބާރެއްލާފައި އަނެއްކާވެސް ޖެހީމެވެ. ކަމެއް ވި ހެން ވެސް ހީ ނުުވެއެވެ. މާގަނޑު ނިއްވާލުމަށް ފަހު އިރުކޮޅެއް ވަންދެން ފާހާނައިގެ ފާރާ ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ. އޮފް އަރާފާ ހުރި މުށިތަކުން ފަނޑު ރިވެއްޔެއް ސިފަވިއެވެ. ލޯ މަރާލާފައި ފާހާނައިން ނިކުންނަން ހިނގައިގަތީމެވެ.

ތުވާލި ހަށިގަނޑުގައި އޮޅާލުމަށްފަހު އެނދުމަތީގައި އިށީނީމެވެ. އަތް ތުރުތުރު އަޅާތީ ކުޑަކޮށް ހާސް ވިއެވެ. ނަމަވެސް މިއީ އާންމުކޮށް ވާ ކަމެކެވެ. މާޒީ އާ ދިމާލަށް ޚިޔާލުތަކުގެ މިސްރާބު ޖަހާ ކޮންމެ ފަހަރަކު ހަށިގަނޑަށް މިކަހަލަ ކުދި ކުދި ބަދަލުތަށް އާދެއެވެ. ތެޅެމުން ދިޔަ ހިތް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރީމެވެ. ސައިކިއަޓްރިސްޓް ބުނެއެވެ. ފުން ކޮށް ނޭވާ ލާށެެވެ. ލޯ މަރައިގެން ހުރެ އެންމެ އުފާވާނޭ މަންޒަރެއް ސިކުނޑިއަށް ސިފަކޮށްދޭށެވެ.

ކުޑައިރު ރަތް ދަކަ އަވީގައި އުފަން ރަށުގެ ހޭޅިގަނޑު ތެރޭ ދުވެ ނަގާ ސަކަރާތްޖަހާ އުޅުނު ހަނދާންތަކުން، ސިކުނޑިއަށް ވެރިވެގަތް ނަގޫރޯޅި ހިނދުކޮޅަކަށް މަތަކޮށްލިއެވެ. އުމުރުން އަށާރަ އަހަރު ވަންދެން އުޅުނީ ރަށުގެ ފެހިކަންގަދަ ގަސްތަކުގެ ހިމާޔަތުގައެވެ. މާލޭގެ އުސް އިމާރާތްތަކާއި، ޒަމާނީ ފޭޑީގެ އަވައިގައި ޖެހެން އަދި ދުވަސް އެބައޮތެވެ. އަހަރެންގެ ހިތުގައި އަދިވެސް ބިންވަޅު ނެގިފައިވަނީ އެ ހިމުން ދޮންވެލިގަނޑާ ވިލު ނޫ ކަނޑެވެ. އެ ބިޔަ ގަސްތަކާ އާދައިގެ ގެދޮރެވެ. ލޯބިވާ މަންމަގެ ހިނިތުންވުމާ އަވަށްޓެރިންގެ ހިތް ހެޔޮ ކަމެވެ. ބައްޕަގެ ކެތްތެރިކަމާއި، ބޮޑުބެގެ...

ކުއްލިއަކަށް އަހަރެން ފުއްމައިގެން އެނދުން ތެދުވެއްޖައީމެވެ. ޚިޔާލުތަކުގެ މިސްރާބު މިއަދު އެ ޖަހާލީ އަހަރެން ބޭނުންވި މަންޒިލަކަށް ނޫނެވެ. ހަމަހިމޭން ހަނދާންތަކުން ފެށި ދަތުރު ނިިންމާަލަން ޖެހުނީ ހިތި މާޒީގެ ސަފްހާ އަކުންނެވެ. އެއީ އަހަރެން ހުޅުވަން އުއްމީދުކުރި ސަފްހާއެއް ނޫނެވެ. ކޮންމެއަކަސް ފޮތް ހުޅުވިއްޖެއެވެ. ޚިޔާލުތައް ބަނަވެ، މުޅި ވިސްނުން ތަޣައްޔަރު ކޮށްލައިފިއެވެ. ދެން އެންމެ ސިކުންތު ކޮޅަކުވެސް މި ކުޑަ ގޮޅިއެއްފަދަ ކޮޓަރިތެރޭ މަޑުކުރެވޭކަށް ނެތެވެ. އަލިފާން ފަރުބަދައެއް ފަދައިން ގޮވާފާނެއެވެ.

އަވަސް ހަރަކާތްތަކާއެކު އަލަމާރިން ލާނެ އެއްޗެއް ނަގާ ގަޔަށް މަހާލީމެވެ. ކަންނެތް ގޮތަކަށް ތައްޔާރު ވެލާ އޮފީހާ ދިމާއަށް މިސްރާބު ޖެހީ ދާ ހިތަކަުން ނޫނެވެ. ނަމަވެސް މާ ގިނަ ދުވަހު ސަލާމް ބުނަން ވެއްޖެއްޔާ ވަޒީފާގެ ކުރިއެރުމަށް ބުރޫއަރާ ފާނެތީ ކިތަންމެ ބޭނުން ނުވިއަސް ހިނގައިގަތީއެވެ. މާލޭގެ ހަލަބޮލި މަގުތަކުގައި ހިނގާ ބިނގާވެ އުޅެން ގިނަ މީހުން ބޭނުން ނުވިއަސް، ތޮއްޖެހިފައިވާ މި ކުޑަ ތަނުގެ އަޑުގަދަ ގޯޅިތަކުން އަހަރެންގެ ހިތަށް ދިރުން ގެނުވާ ކަހަލައެވެ. އެއްވެސް އަޑެއް ނީވެންޏާ އަމިއްލަ ވިހަ ޚިޔާލުތަކުން މާޔޫސްކުރުވައެވެ. އަހަރެންގެ ސައިކިއަޓްރިސްޓް ބުނެއެވެ. ބޭނުން ނުުވާ ޚިޔާލުތައް އޮއްބާލާށެވެ. ސިކުނޑީގެ އަނދިރި ކަނަކަށްލާ ފޮރުވާލާށެވެ. ބޭނުން ކަމަކާ މެދު ވިސްނުމުގެ އިޚްތިޔާރު އޮތީ ތިބާގެ މުށުތެރޭގައެވެ. އެ ބާރުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. މީ އަދި އަހަރެން ދަސް ނުވެ އޮތް ކަމެކެވެ. އަހަރެންގެ ޚިޔާލުތަކުގެ ރާސްތާ ބަދަލުކުރުމުގެ ބާރު އަދި އަހަރެންނަކަށް ލިބިފައެއް ނެތެވެ. ސިކުނޑި މާ ގަދަފަދައެވެ. ހަމަވިސްނުމަށް ދަރެއް ތަން ދޫ ނުކުރެއެވެ. އަހަރެންގެ ހިތަކީ މި ކޯޅުންގަނޑު ތެރޭ ގެއްލިފައި ހުރި އެއްޗެކެވެ. އެ ހިތަށް ދިރުން ގެނެސްދެވެނީ ހަމަ އެކަނި އެންމެ އިންސާނަކަށެވެ.

އޮފީހުގެ ދޮރު ކުރިމައްޗަށް އެރުމާއެކު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލީމެވެ. މިއީ އަހަރެންގެ ދުވަހުގެ އެންމެ އުނދަގޫ އަށް ގަޑި އިރެވެ. މީހުންގެ ތެރޭ އުޅުމަކީ އަހަރެންނަށް ފަސޭހަ ކަމެއް ނޫނެވެ. އަދި އަމުދުން ވާހަކަ ދައްކާ އުޅެން ދައްޗެވެ. ގިނަ މީހުން އަހަރެން ސިފަ ކުރަނީ ހިސާބަށްވުރެ ފޮނި މީހެއް ގޮތުގައެވެ. އެކަމަކާ އަހަރެންގެ ފަރުވާލެއް ނެތެވެ. މީހުންނާ ގުޅިގެން އުޅެވޭތޯ އަހަރެން މަސައްކަތް ކުރަމެވެ. އެކަން އަހަރެން ދަންނަ މީހުން ބަލައިގަންނަ ނަމައެވެ.

ގަޑި ޖެހުމުގެ ކުރިން އޮފީހަށް އާދެވުމުން މުޅި އޮފީހަށް ވެރިވެފައިވަނީ ނާމާން ހަަމަހިމޭން ކަމެކެވެ. ކުޑަކޮށް ހަމަޖެހިލާ ލިފްޓާ ދިމާއަށް ހިނގައިގަތީމެވެ. އަށްވަނަ ފަންގިފިލާ އަށް ފިއްތާލާ ލިފްޓުގެ ދޮރު ލެއްޕޭނެ ވަގުތުކޮޅަށް އިންތިޒާރުކޮށްލީމެވެ. ލެއްޕި ލެއްޕި ހުރި ދޮރު ހުއްޓުވާލީ ލިފްޓުގެ ތެރެއަށް ދިއްކޮށްލި އަތަކުންނެވެ. ސިހިފައި އަހަރެން ބަލާލީމެވެ.

އެއީ އަހަރެން މަސައްކަތް ކުރާ ޑިޕާޓްމަންޓްގެ ތަންކޮޅެއް އިސްމަގާމެއްގައި އުޅޭ މެދު އުމުރުގެ މީހެކެވެ. ކޯޓު ފަޓުލޫނުގައި ކިތަންމެ މޮޅު ފޭޑިއަކަށް ހުއްޓަސް އޭނާގެ އަޚްލާގީ ފެންވަރު އެހާމެ ދަށެވެ. އޮފީހުގައި އުޅޭ އަންހެން ކުދިންނަށް މީނާގެ ފަރާތުން ކުރިމަތިވާ ދުއްތުރާ ތަކުގެ ވާހަކަ އަކީ މި އޮފީހަށް އާ ވާހަކަތަކެއް ނޫނެވެ. މަގާމުގެ ގޮތުން މަތިވި ވަރަކަށް މީސް މީހުންގެ ހިތްވެސް މޮޅުވަނީއެވެ. ހީވާ ކަހަލއެވެ. ބޭނުން ގޮތަކަށް ކަންތައް ކުރެވޭނެެއެވެ. އަހަރެމެންނީ ވެރިންނެވެ. އޭނާގެ ލޯ އަހަރެންނާ ދިމާލަށް އަމާޒުވުމާއެކު އަހަރެންގެ މުޅި އަތްފައި ފިނިވިއެވެ. ހިތުގެ ތެޅުން ބާރުވެ ނޭވާލާން އުނދަގޫ ވާން ފެށިއެވެ. ލިފްޓުގެ ދުވެލި އަވަސް ވޭތޯ ހިތާ ހިތުން ދުޢާ ކުރަމުން ދިޔައީމެވެ. މިހެން ހުއްޓާ އަށްވަނަ ފަންގިިލާއަށް ލިފްޓް އައިސް މަޑުކޮށްލައިފިއެވެ.

ދޮރު ހުޅުވުމާއެކު އަަހަރެން އަވަސް އަވަހަށް ހިނގައި ގަތީމެވެ. ފަހަތުގައި ހުރި މީހާގެ މޫނުގެ ކުލަވަރަށް ބަލާލުމެއް ނެތިއެވެ.

***

"ފުން ކޮށް ނޭވާ ލާ"

ސައިކިއަޓްރިސްޓް ގެ މަޑުމައިތިރި އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކަށް ހުއްޓުމެއް އައެވެ. ބުނި ގޮތަށް ކަންތައް ކޮށް ދެތިން ފަހަރު ފުން ނޭވާތަކެއް ދޫކޮށްލީމެވެ. ނިތްކުރީގައި އުފެދިފައި ހުރި ދާތިކިތަކުން ފަހަރަކު ތިއްކެއް، މުއްކަވާފައި އަތުގެ ތެރެއަށް ފައިބަމުން ދިޔައެވެ. މެރިފައިވާ ދެ ލޯ އަހަރެން ހުޅުވާލީމެވެ.

ހުދު ކޮޓަރިއެކެވެ. ކުރިމަތީގައި އިން އަންހެން މީހާގެ ފަހަތުގައި ބޮޑު ފޮތް ކަބަޑެެއް ހުއްޓެވެ. އެކި ކުލަކުަލައިގެ ބަނޑޭރިލީ ފޮތްތަކެވެ. ކޮޓަރިން ފާހަގަވަނީ ސާފުކަމާއި ތަރުތީބު ކަމެވެ. އަހަރެން އިިނީ ގަދަ ނޫކުލައިގެ ސޯފާއެއްގައެވެ. ކުރިމަތީ އިން އަންހެން މީހާ ކަރުކެހިލުމުން އަހަރެން އޭނާ އަށް ބަލާލީމެވެ.

މިއީ އަހަރެންގެ ސައިކިއަޓްރިސްޓެވެ. އަހަރެންގެ ދިރިއުޅުމުގެ ވިހަ ސިއްރުތައް ރައްކާކުރާ ތިޖޫރީއެވެ. ބޮޑު އަގުދީގެން ނަމަވެސް ކޮންމެ ދުވަހުގެ މި ސެޝަން ފުރިހަމަ ކުރަން ޖެހެއެވެ. ނޫނީ އަހަރެންގެ މުށުތެރޭން ނަފްސުގެ މައްޗަށް އޮށް ބާރު ދޫވެގެން ގޮސްދާނެއެވެ. ތޭވީސް އަހަރަކީ އަދި މީހަކު ދުނިޔޭން މޮޔަވާން މާ އަވަސް އުމުރެއް ނޫން ހެއްޔެވެ؟

"ވެން އެވާ ޔޫ އާ ރެޑީ"

އަނެއްކާވެސް އޯގާތެރިކަމާއެކު އޭނާ ބުނެލިއެވެ. އަހަރެން ވިސްނާލީމެވެ. މިވާހަކަތައް ކިޔައިދޭނީ ބާވައެވެ؟ މިހާރު ސައިކިއަޓްރިސްޓް ކައިރިއަށް އަންނަތާ މަސްދުވަސް ވަނީއެވެ. އަހަރެންގެ ތެރަޕީ އަށް ކުރިއެރުމެއް ލިބޭނީވެސް ދިރިއުޅުމުގެ އަނދިރި ސަފްހާތައް އަންދާލި ޒަމާނަކަންނެވެ. ކޮންމެ ދުވަހަކު ނިދާ ހޭލުމަށްފަހު އަޒުމް ކަނޑައަޅަނީ މި ވާހަކަތަށް އޭނާ އަށް ކިޔައިދޭށެވެ. ނަމަވެސް ކޮންމެ ދުވަހަކު، ފިނޑިކަން އަހަރެންގެ ދުރުވިސްނުމުގެ މައްޗަށް ގަދަވެގަނެއެވެ.

އޭނާ ގާތު މި ވާހަކަތައް ކިޔައިދޭނެ ގޮތަކާ މެދު އެތަކެއް ފަހަރެއްގެ މަތިން ވިސްނިއްޖެއެވެ. ފަށާނީ ކިހިނެއްހެއްޔެވެ؟ އުމުރުން ހަ އަހަރުގައި ބައްޕަ ނުކުޅެދޭ މީހަކަށް ވި ހިސާބުން ހެއްޔެވެ؟ ގޭގެއަށް ސަލާން ޖަހަން ދާން މަންމަ އަށް މަޖުބޫރުވި ހިސާބުން ހެއްޔެވެ؟ ނޫނީ ބޮޑުބެ އަހަރެމެންގެ ދިރިއުޅުަމަށް އައި ހިސާބުން ހެއްޔެވެ؟

ބައްޕަ އަކީ އަހަރެންގެ ދިރިއުޅުމުގެ އެންމެ މުހިންމެ އެއް އިންސާނެވެ. ކުޑަ އިރުއްސުރެ އަހަރެންނަށް ބައްޕަގެ ދިރިއުޅުމުން އެތަކެއް އިބުރަތްތަކެއް ވަނީ ހާސިލްކުެވިފައެވެ. އެއީ ކެތްތެރި އިންސާނެކެވެ. ހުނަރުވެރި ކެޔޮޅެކެވެ. އޯގާތެރި ފިރިއެކެވެ. ހިތްތިރި ބައްޕަ އެކެވެ. އަހަރެންނާ އަހަރެންގެ ދޮށްޓަށް ހުރި ދައްތައަށް ބޭނުންވާ ހުރިހާކަމެއް ކޮށްދެމުން އައީ ބައްޕަ މަސައްކަތްކޮށްގެން ހޯދާ ފައިސާ އިންނެވެ. ކެޔޮޅެއް ކަމުން، ފުދޭވަރެއްގެ އާމްދަނީ އެއް ލިބެއެވެ. މިހެން އުޅެނިކޮށް ދިމާވި ހާދިސާއެއްގައި ބައްޕަގެ އުނަގަނޑުން ތިރި އެއްކޮށް ވާގި ގޮސް ނުކުޅުދޭ ގޮނޑީގައި އިންނަން މަޖުބޫރު ވެއްޖެއެވެ.

އަހަރެންގެ މަންމައަކީ ބައްޕައަށް ބަރޯސާވެގެން ހުރި މީހެކެވެ. ކިޔަވައިގެން ތިބި ބައެއް ނޫންކަމުން ސަލާން ޖެހުންނޫން ގޮތެއް މަންމައަށް ނުފެނުނެވެ. ބައްަޕަ އަށް ވަގަށް އަވަށްޓެރިން ގާތަށް ގޮސް މަސައްކަތް ކޮށްދީ ހަދައެވެ. ނަމަވެސް ގިނައިން ފައިސާ ހޯދަނީ އެއްގެއިން އަނެއް ގެއަށް ސަލާން ޖަހަން ގޮސްގެންނެވެ. ބައެއް ފަހަރު އަހަރެންވެސް މަންމައާއެކު ދަމެވެ. އެ ފަކީރުގެ ލޮލުން ފޭބި ކަރުނަތަށް އެންމެ ގާތުން ފެނިފައިވަނީ އަހަރެންނަށެވެ. އެކަމާ އެންމެ ހިތާމަ ކުރީވެސް އަހަރެންނެވެ.

ބޮޑުބެއަކީ މާލޭގައި ދިރިއުޅެމުންދިޔަ ބައްޕަގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މާލޭ މީހަކާ ކައިވެނިކޮށް މުދަލާއި ގެދޮރު ހުރި މީހެކެވެ. ބޮޑުބެއަކަށް ދަރިންނެއް ނުލިބެއެވެ. އެހެންކަމުން ރަށަށް އަންނަ ކޮންމެ ފަހަރަކު އަހަރެންނާއި ދޮންތައާއެކު ގިނަ ވަގުތުތަކެއް ހޭދަ ކުރެއެވެ. އަަހަރެންވެސް ބޮޑުބެއާއެކު ވަގުތު ހޭދަކުރާ ހިތްވެއެވެ. ބައްޕަ އަށް ދިމާވި ހާދިސާއަށް ފަހު ބޮޑުބެ ވީ އަހަރެންގެ ދިރިއުޅުމަށް އައި ދެވަނަ ބައްޕައަކަށެވެ. އެއްވެސް ހާލެއްގައި އަމިއްލަ ބައްޕަގެ މަތިން ހަނދާން ނެތުނީކީ ނޫނެވެ. ނަމަވެސް އަހަރެން ގިނަ ވަގުތުތައް ހޭދަކުރަމުން ދިޔައީ ބޮޑުބެއާ އެކުގައެވެ.

މިހާ ހިސާބަށް އައިސް އަހަރެން ޚިޔާލުތައް އަނެއްކާވެސް މަޑު ޖެހިއްޖެއެވެ. މިއީ އަބަދުވެސް ވާގޮތެވެ. މިހިސާބުން އަހަރެންގެ ބާރުގެ ދަށުން ހަމަވިސްނުން ދެމިގަންނާނެއެވެ. ދެން ނުވިސްނޭނެެއެވެ. ހާސް ވާން ފަށާނެއެވެ. ހިތުގެ ތެޅުން އަވަސްވެ މޫނުމަތި އަނދިރި ވާން ފަށާނެއެވެ. އަހަރެންގެ ސައިކިއަޓްރިސްޓް ޖެހޭނީ އަނެއްކާވެސް ނޭވާލުމުގެ ކަސްރަތެއް ކުރުވާށެވެ. ހަމައަކަށް އެޅޭ އިރު ސެޝަންގެ ވަގުތު އޮންނާނީ ހަމަވެފައެވެ. ދެން އަނެއްކާވެސް އަނެއް ދުވަހު އަންނަން ވީއެވެ. ހިނގައި ދާނީ ހަމަ މި ކަންތައްގަނޑެވެ.

ނަމަވެސް މިއަދަކު ނޫނެވެ. މިއަދު އަހަރެން ވާހަކަ ދައްކާނަމެވެ. އަހަރެންގެ ޒަމީރަށް މި ލިބުނީ ކޮންތާކުން ހޯދި ހިތްވަރެއް ކަމެއް ނޭނގެެއެވެ. މިއަދު ޚަބަރުގައި އިވުނު ވާހަކަ ބާވައެވެ. އިއްޔެ ނޫހުގައި އޮތް ލިޔުންކޮޅުހެއްޔެވެ. ނޫނީ މިއަދު އޮފީހުގައި ދިމާވި ކަންތައްބާވައެވެ. ކޮންމެއަކަސް އަހަރެން މަރާ ބަންދުކޮށްފައިވާ ދެ ލޯ ހުޅުވާލީމެވެ. އަދި ފުން ނޭވާ އެއް ދޫކޮށްލުމަށް ފަހު އަހަރެންގެ ދިރިއުޅުމުގެ އަނދިރި ސަފްހާތައް ހުޅުވާލީމެވެ. އަޑުއަހާށެވެ.

އަހަރެންގެ ހަށިގަނޑުގެ ބައެއް ގުނަވަންތަކުގައި ކޮންމެ ކޮންމެ މީހަކު އަތްލަން ދީގެން ނުވާނެކަން އަހަރެންނަށް އިނގުނީ އުމުރުން ތޭރަ އަހަރުގައެވެ. ކުލާހުގައި ދެކެވުނު ވާހަކަތަކަކުން ލިބުނު މި އާ މައުލޫމާތުން އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލައިފިއެވެ. ހަނދާން ވާން ފެށީ އަނދިރި ކޮޓަރިއެއްގައި އަހަރެން ދަންނަ ދެ އަތުން ގައިގެެ އެކި ތަންތަނުގައި މީހަލު އަތްލި ހަނދާން ތަކެވެ. ހަނދާން ވަނީ އަހަރެންގެ ދޮށީ ދައްތަގެ ކޮޓަރީގެ ލޫވަތަކުން ފެނުން ބަލަން އުނދަގޫ މަންޒަރު ތަކެވެ. ހަނދާން ވަނީ މަންމަގެ މިޒާޖަށް އައި ކުއްލި ބަދަލެވެ. އަހަރެންގެ ގަޔަށް ހީވީ ހޮނުގުގުރި އެއް އެޅި ހެންނެވެ. ބިރުން ގޮތެއް ނެތެެވެ. ގެއަށް އައިސް މުޅި ގައިދޮވެ ހޫނު ފެނުން ފެންވެރީމެވެ. ހަށިގަނޑު ފާރުވަންދެން ސައިބޯނިލައި އުނގުޅީމެވެ. ދެތިން ފަހަރު ހޮޑުވެސް ލީމެވެ. އެވަރުން ނުވެގެން އަހަރެން ނިންމީ ބޮޑުބެ އަށް ގުޅާ އޭނާގެ ސިއްރު އެންމެނަށް ފަޅާ އަރުވާށެވެ.

ކާމިޔާބެއް ނުވިއެވެ. އަހަރެން ގެނެވުނީ މާލެއެވެ. އާއިލާ މީހުން ތެރޭ ދެކެވުނު ވާހަކައެއް އަހަރެންނަކަށް ނޭނގެއެވެ. އެއްވެސް މީހަކު އަހަރެންނާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެެވެ. ގެނެސް ބެހެއްޓީވެސް ބޮޑުބެގެ ގޭގައެވެ. ދެން ކޮންމެ ރެއަކު އަހަރެން ޖެހުނީ އެ ނުލަފާ ހައިވާނުގެ އަނިޔާވެރި ވަކިތަކުގެ ތެރޭ ތެޅި ތެޅި އޮންނާށެވެ. އެތަކެއް ދުވަހެއް ވަންދެން އަނދިރި ކޮޓަރިއެއް ތެރޭ އަހަރެން އެކަނި މާ އެކަނި އޮތީމެވެ. ހާލު އަހުވާލު ބަލާލާނޭ މީހެއް ނާދެއެވެ. ކާން ތަށި ދިއްކޮށްލަން ނޫނީ އިތުރު ކަމަކު އަހަރެންގެ ކޮޓަރިއަށް ބޮޑުބެގެ އަންހެނުންނެއް ނުވަދެއެވެ. އޭނާގެ ލޮލުން ފެންނަ ހަމްދަރުދީއިން އޭނާއަށް މިކަންތައް ރަނގަޅަށް އެނގޭކަން އަހަރެންނަށް ޔަގީންވިއެވެ. އޭގެ ފަހުން ނަފްރަތުކުރެވެން ފެށި މީހުންގެ ލިސްޓަށް ބޮޑުބެގެ އަންހެނުންގެ ނަން ވެސް އިތުރު ވިއެވެ.

ނަމަވެސް އެއް ރޭ ނުވަގުތެއްގައި ކޮޓަރިއަށް ވަދެގަތް މީހެއް އަހަރެންނަށް ގޮވާ ހޭލައްވާލިއެވެ. ބިރުން ތެޅެގަނެ އަހަރެން ހަޅޭލަވަން މަސައްކަތް ކުރީމެވެ. ނަމަވެސް ވަން މީހެއްގެ މޫނު ހާމަކޮށްލުމުން އަހަރެން މަޑު ޖެހުނީމެވެ. އެއީ އަހަރެންގެ ދޮށީ ދައްތައެވެ. ދައްތައާއި އެކު އަހަރެން ކޮޓަރިން ނިކުތީ ވަގަށެވެ. ނަމަވެސް ގޭގެ ބޮޑު ދޮރުން ނުނިކުމެވެނީސް މީހެއްގެ ހިޔަނި ފެނުމުން އަަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ބޮޑުބެގެ އަންހެނުން ފެނުމާއެކު އަހަރެންގެ ދައްތަ ގޮސް އޭނާ ގައިގައި އޮޅުލައިގަނެ ޝުކުރުއަދާކުރިއެވެ. އަހަރެން ހުރީ ވާނުވާއެއް ނޭނގިފައެވެ. އެނގުނު ހާ ވެސް އެއްޗަކީ އަހަރެން ސަލާމަތް ކުރުމުގައި ބޮޑުބެގެ އަންހެނުންގެ އަތެއްވެސް އޮތް ކަމެވެ. ޝުކުރު އަދާކުރުމުގެ ގޮތުން އަހަރެންނަށް ޖަހާލެވުނީ ބޯ އެކަންޏެވެ. އަޑު ކުރަކިވެފައި ހުރުމުން ވާހަކަދައްކާނެހާ ހިތްވަރެއް ނުލިބުނެވެ.

ކަންތައްވީ ގޮތް ކިޔައިދިނީ ދައްތައެވެ. ބޮޑުބެގެ ޖިންސީ ގޯނާ ތަކުގެ ޝިކާރައަކަށް ވީ އަހަރެން އެކަންޏެއް ނޫނެވެ. ދައްތަ އާއި މަންމަވެސް ޖެހުނީ ބޮޑުބެގެ އެކުވެރިންގެ އެދުންތަކަށް ގަދަހެދިޔަސް މަރުހަބާ ކިޔާށެވެ. ކަރުނައިން ފުރިފައިވާ އެ ދެލޮލުން އަހަރެންނަށް ފެނުނީ މާޔޫސްކަމެވެ. ސުވާލުން ފުރިފައިވާ އަހަރެންގެ ހިތް ބަންޑުން ނުވަނީސް ދައްތަ ކައިރިން ކަންތައް އޮޅުން ފިލުވަން ފެށީމެވެ.

ބައްޕަގެ ސިއްހީ ޚަރަދުތައް ކޮށްދިނުމަށް ބޮޑުބެ އެއްބަސްވީ އަހަރެންނަށް ކިޔަވަދިނުމަށް މާލެ ފޮނުވާ މަތިންނެވެ. ކިޔަވަދިނުމޭ ބުނުމުން އަހަރެން ކޮށި ނޭރީ ކިރިޔާއެވެ. ފާއިތުވި ދުވަސްތަކުގައި އެ އަނދިރި ކޮޓަރިތެރެއިން އަހަރެންނަށް ދަސްވި ފިލާވަޅެއް ނެތެވެ. މަންމަ އެއްބަސްވީ އިތުރު ގޮތެއް ނެތިގެން ކަމުގައި އަހަރެން ގާތު ދައްތަ ބުންޏެވެ. ގޮތް ހުސްވާންވީ ކީއްވެ ހެއްޔެވެ؟ އެފަދަ އަނިޔާވެރި މީހެއްގެ ބެލުމުގެ ދަށަށް އަހަރެން ފޮނުވާލަންވީ ވަކި ކީއްވެހެއްޔެވެ؟ މަންމަ އެހާ ނިކަމެތި ވީ ހެއްޔެވެ؟ ބައްޕަ އަށް ހަގީގަތް ނޭނގެނީ ހެއްޔެވެ؟ ސުވާލުތަކުން އަހަރެންގެ ބޯ ފަޅައިގެން ދާ ވަރު ވެއްޖެއެވެ.

ދައްތަ މާލެ އައީ ބައްޕަ އަށް ހުރިހާ ވާހަކައެއް ކިޔައި ދިނުމުން ބައްޕަގެ އަމުރަށެވެ. އަހަރެން ސަލާމަތް ކުރީ ބޮޑުބެ އަންހެނުންނާ އެއްބައިވެގެންނެވެ. ދެން ބޮޑުބެ އަކަށް އަހަރެންގެ ދިރިއުޅުމަށް ވައި ވެސް ނޭޅޭނޭ ކަމުގައި ދައްތަ ވަނީ ބުނެފައެވެ. އަހަރެންނަށް ގަބޫލެއް ނުކުރެވެއެވެ. އެ އަނިޔާވެރި އިންސާނާ ގެ ވަކި ތަކުން މިހާ ފަސޭހައިން ސަލާމަތްވެވޭނެ ކަމަކަށް އުއްމީދެއް ނުކުރަމެވެ. އަހަރެން ހީކުރީ އުމުރު ދުވަހު އެ ކުޑަ ގޮޅީގައި އަހަރެން އިންނަން ޖެހޭނީ ރަހީނުކުރެވިފައި ކަމުގައެވެ. ނަމަވެސް މިއަދު އަހަރެންނަކީ މިނިވަން ދޫންޏެކެވެ. އަހަރެންގެ ދައްތަގެ ސަބުބުންނެވެ.

އަހަރެން ވާހަކަ ދައްކާ ނިމުނު އިރު ސައިކިއަޓްރިސްޓް އިނީ އަނގަ ހުޅުވިފައެވެ. އަހަރެންގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ނިމުމެއް ނެތެވެ. ހިތް ތެޅެމުން ދިޔަލެެތް ބާރު ކަމުން ދެންމެ ދެންމެ މޭ ފަޅާލައިފައި ނިކުމެދާނެޔޭ ވެސް ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް ކެތްކުރީމެވެ. މި ވާހަކަތައް ބޭރުކޮށްލަން ބޭނުންވެގެން އުޅޭތާ މިހާރު ދުވަސްގަނޑެއް ވެއްޖެއެވެ. މިހާރު އަހަރެންގެ ހިތް ސާފެވެ. ދެން އަހަރެންނަށް އެއްވެސް އުނދަގޫ ކަމެއްނެތި ނޭވާ ލެވޭނެއެވެ.

"ކޮބާ އޭނަ މިހާރު؟"

ސައިކިއަޓްރިސްޓް އެ ދައްކަނީ ކާކުގެ ވާހަކަ ކަން ސާފުކޮށް ނުބުންޏަސް އަހަރެންނަށް އިނގެއެވެ. އެހެންކަމުން ކަރުކެހިލުމަށްފަހު ޖަވާބު ދިނީމެވެ.

"ޖަލުގަ. އަހަރެން ސަލާމަތްވި ރޭ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ. އަހަރެންނާ، ދައްތަގެ ބަޔާނުގެ އިތުރުން ބޮޑުބެގެ އަންހެނުންގެ ފަރާތުން ބަޔާން ނެގުމަށްފަހު އޭނާ ވަނީ ޖަލަށް ލާފައި."

ސައިކިއަޓްރިސްޓް ފުން ނޭވާ އެއް ބޭރުކޮށްލުމަށްފަހު ގޮނޑިން ތެދުވެ އަހަރެންނާ ދިމާލަށް ހިނގައިގަތެވެ. އަހަރެންވެސް އޭނާގެ ކޮންމެ ހަރަކާތަކަށް ކަޅިވެސް ޖަހާނުލާ ބަލަން އިނީމެވެ.

"ހުސެއިން. އިޓްސް އޯކޭ. ޔުއާ އޯކޭ ނައު."

އެއީ އަހަރެންގެ ނަން އޭނާގެ އަނގައިން ބޭރުވި ފުރަތަމަ ފަހަރެވެ. އަހަރެންގެ އަތުގައި ހިފާ އޭނާ ބާރުކޮށްލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަހަރެން ހިނިތުންވެލީމެވެ.

މަސްދުވަސް ވަންދެން ބޭރުނުވެގެން އުޅުނު ވިހަ ސިއްުރު މިއަދު ބޭރުވީ އެވެ. އަހަރެންގެ ދިރިއުޅުމުގެ އަނދިރި ސަފްހާތަށް އަންދާލަން މިހާރު އަހަރެން ތައްޔާރެވެ. އާ ހަޔާތެއް ފަށަން އަހަރެން މިއަދު ބޭނުމެވެ. ބިރުވެރިކަމުގެ ތެރޭގައި އުޅުނު ދުވަސްތަކަށް ނިމުމެއް މި އައީއެވެ. ދެން އަހަރެންގެ ވިސްނުން ތަކުގެ މިސްރާބު ކަނޑައަޅާނީ އަހަރެންނެވެ.

****

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަރަށް ސަޅި މިވާހަކަ. މަރިޔަމްގެ ވާހަކައެއް ކޮންމެ ދުވަހަކު އަރާނެދޯ؟

  2. ވާހަކަ ކީއިރު ހީވަނީ އަންްހެނެއްގެ ވާހަކައެއްހެން. އެކަމަކު ނިމުންއިރު ފިރިހެނަކަށް ނިމިފައިނީ.

  3. މުހައްމަދު

    ވަރަށް ސަޅި ❤?

  4. ވަރަށް ރީތި ❤