ފަސް އަހަރު ދުވަސް ވަންދެން ރައްޓެހިވެގެން އުޅުއްމަށްފަހު، ބޮލީވުޑް އެކްޓަރު ސޯނަމް ކަޕޫރާއި މުމްބާއީގެ ވިޔަފާރިވެރިޔާ އާނަންދު އަހުޖާ ކައިވެނި ކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގައެވެ. ކުލަގަދަ ހަފްލާއަކަށްފަހު ކުރެވުނު މި ކައިވެންޏަށްފަހު ސޯނަމް ފިލްމް ފެސްޓިވަލްގެ ހަރަކާތުގައި ބައިވެރިވެފައިވާއިރު، މިހާރު އެ ދެމަފިރިން ދިރިއުޅޭނީ ކޮން ޤައުމެއްގައި ތޯ ގިނަ ބަޔަކު މިދަނީ ސުވާލު އުފައްދަމުންނެވެ.

ބޭރު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކައިވެންޏަށްފަހު ދިރިއުޅުމަށް ސޯނަމްގެ ދެމަފިރިން ވަނީ ލަންޑަން އިން ގެޔެއް ގަނެފައެވެ. އަނެއް ބައި ރިޕޯޓްތައް ބުނަނީ އެދެމަފިރިން ދިރިއުޅޭނީ ހަމައެކަނި ލަންޑަނުގައި ނޫން ކަމަށާއި އެމީހުންގެ ވަގުތުތައް މުމްބާއީ، ލަންޑަން އަދި ދިއްލީއަށް ބަހާލާނީ ކަމުގައެވެ.

މިކަމާއި ގުޅިގެން ސޯނަމް ބުނެފައިވަނީ ކައިވެންޏަށްފަހު ވެސް އޭނާގެ ދިރިއުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އަހަރެން ފާއިތުވި ދެ އަހަރުވެސް މުމްބާއީ އާއި ލަންޑަނާއި ދެމެދު އަބަދުވެސް ދަތުރުކޮށްލަ ކޮށްލަ އުޅުނީ. ވަކި ތަނެއްގައި ހަރުލައިގެންނެއް ނުހުންނަން. މިއީ ގިނަ ބަޔަކަށް ފާހަގަ ނުވެ އޮތް ކަމަކަށް ވެދާނެ. ކައިވެންޏަށްފަހު ވެސް ދިރިއުޅުމަށް ބަދަލެއް ނާންނާނެ." ސޯނަމް ބުނެފައިވެއެވެ.

"ކައިވެންޏަށްފަހުވެސް ދިރިއުޅުން ކޮންމެހެން ބަދަލުވާކަށް ނުޖެހޭ. ބައެއް އަންހެނުންނަށް ވިސްނިފަ އޮންނަ ގޮތެއް އެއީ ވަރަށް ބޮޑަށް ދިރިއުޅުން ބަދަލުކޮށްލަން ޖެހޭނެ ކަމަށް ކައިވެނި ކުރެވުނީމަ. އެކަމަކު ފިރިހެނުންވެސް ނުވާ ބަދަލެއް ކޮންމެހެން އަހަރެމެން އަންހެނުން ނުޖެހޭނެ ވާކަށް" ސޯނަމް އިތުރަށް ބުނެފައިވެއެވެ.

ސޯނަމް ވަނީ ކައިވެންޏަށްފަހު އޭނާގެ މީސްމީޑިއާގެ ޕްރޮފައިލް ނަން "ސޯނަމް ކޭ އަހުޖާ" އަށް ބަދަލުކޮށްފައެވެ.