ބޮލީވުޑުގެ ދުވަސްވީ ހަލްކް އެކްޓަރ ދަރްމެންދްރަ ފިލުމުތަކުން އަދިވެސް ފެންނާނެކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 84 އަހަރުގެ ދަރްމެންދްރަ ބުނެފައި ވަނީ އުމުރަކީ ހަމައެކަނި ނަންބަރެއް ކަމަށާއި އޭނާއަކީ އަދިވެސް ވަރަށް ހިތްވަރުގަދަ އަދި ހިތްހެޔޮ މީހެއް ކަމަށެވެ. އަދި ކޮރޯނާ ވައިރަސް ޕެންޑަމިކްގެ ކަންތައް ނިމުމުން އޭނާގެ ވަރަށް ތަފާތު ފިލުމެއް ބެލުންތެރިންނަށް ފެންނާނެ ކަމަށް ވެސް ބުންޏެވެ.

އެއްވެސް މަސައްކަތެއް ނުކޮށް ހުންނަން އޭނާއަށް ވަރަށް އުދަނގޫކަމަށް ވެސް ބުނެފައިވެއެވެ. މިވަގުތު އޭނާ ހުރީ ބުރޭކެއް ނަގައިގެން ރެސްޓްކޮށްލުމަށް ކަމަށް ވެސް އީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ޝޯލޭގެ އެކްޓަރ ދަރްމެންދްރަ މިވަގުތުހުރީ ހިތްހަމަ ޖައްސައިލާ، ރެސްޓްކޮށްލުމަށް އޭނާގެ ފާމް ހައުސްގައެވެ. ފާމް ހައުސްގައި މަޑުކޮށްލުމަށް މިއީ އެންމެ ރަނގަޅު ދުވަސްވަރު ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ވަރަށް ރަނގަޅުކަމަށް ވެއެވެ. އެތަނުގައި ހުރެގެން ދަރްމެންދްރަ ކުރާ ކަމަކީ ތަރުކާރީއާއި މޭވާ ހެއްދުމާއި އަދި އެ ސަރަހައްދުގެ ތަންތަން ބަލައިލުމެވެ. އަދި އޭގެ އިތުރުން އޭނާގެ ދަނޑުތަކުގައި މަސައްކަތް ކުރާ މީހުން ބެލެހެއްޓުމާއި ތަފާތު ޅެންތައް ލިޔަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ދަރްމެންދްރަގެ ފާހަގަކޮށްލެވޭ ބައެއް ފިލުމުތަކަކީ ޝޯލޭ، ދަރަމް ވީރް، އަޕްނޭ، ޔަމްލާ ޕަގްލާ ދިވާނާ، ސީތާ އޯރު ގީތާ، ދި ބާރނިން ޓްރެއިން ފަދަ އެތައް ފިލުމެކެވެ. އަދި ވެސް އޭނާގެ ފިލުމުތައް ފެންނާނެކަމީ އޭނާގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެކެވެ.