ރާއްޖޭގައި ވެސް ޒުވާން އެތަަކެއް ހުނަރުވެރިންނެއް އެބަތިއްބެވެ. ހާއްސަކޮށް މިއުޒިކީ ދާއިރާގެ ވަރަށް ފަންނުވެރި ޒުވާނުން އެބަތިއްބެވެ. ލަވަ ކިޔުމާއި ޅެން ހެދުމަށް ބެލި ނަމަވެސް ހުނަރުވެރި ޒުވާނުން ވަރަށް ގިނައެވެ. ރީތި ލަވައެއް ވުޖޫދަށް ގެނެސްދިނުމުގައި އެންމެ ބުރަ މަސައްކަތެއް ކުރާ އެއްބަޔަކީ ހަމަ ޔަގީނުންވެސް ޅެންވެރިންނެވެ.

ގއ.ކޮލަމާފުށްޓަށް އުފަން އަހުމަދު ވަލީދު ( ފިއްޓެ) އަކީ ވެސް މިއުޒިކީ ދާއިރާގެ ހުނަރުވެރިންގެ ލިސްޓެއް ހަދާނަމަ ޖާގަ ހޯދާނެ ޒުވާނެކެވެ.

އުމުރުން 29 އަހަރުގެ ފިއްޓެ ޅެމުގެ ދުނިޔެއަށް ލޯހުޅުވުނީ "މަންދީރަ ބޮޑުބެރު ގްރޫޕް" ނުވަތަ ކުރީގެ ދަ ފެމިލީ އަށް ވަތް ފަހުންނެވެ.

2009 ވަނަ އަހަރު މަންދީރައާއި ގުޅުނު ފިއްޓެއަކީ މިހާރު މަންދީރައިގެ މައިތަނބެވެ. ޅެން ހެދުމުގެ އިތުރަށް ލަވަވެސް ކިޔާ ފިއްޓެ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ޅެން ހެދުމުގެ ހިޔާލު ފުރަތަމަ އައީ މަންދީރައާއި ގުޅުނު ފަހުން ކަމަށެވެ.

"ޅެން އެއީ ވަރަށް އެހެން ކަހަލަ ގޮތަށް ހެދެން ފެށި އެއްޗެއް. ކުޑައިރު އެއްވެސް ވަރަކަށް ކޮށް އުޅުނު ކަމެއް ނޫން މިއީ. އަހަރެން ޅެމަށް ޝައުގުވެރިވާން ފެށީ މަންދީރައަށް ވަތް ފަހުން. ދެން މިހެން އިނދެލާފަ ހިޔާލަށް އަންނަ ރާގެއް އައުމުން އެއަށް ފިޓްކޮށް ޅެން ހަދަނީ" ފިއްޓެ ބުންޏެވެ.

ފިއްޓެ ލަވައެއް ކިޔަނީ
ފިއްޓެ ލަވައެއް ކިޔަނީ

މިހާރު ވެސް ފިއްޓެ ވަނީ އަމިއްލަ އެތައް ރާގެއް ވެސް ހަދާ އެރާގުތަކަށް ލަވަ ތައްޔާރުކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރަމުން އަންނަ ފިއްޓެއަކީ ފުލުހުންގެ އެކި އެކި މުނާސަބާތަކަށްވެސް ލަވައާއި ޅެން ހަދައިދީފައިވާ ކުޅަދާނަ ޅެންވެރިއެވެ. އަދި މިކަމަށްޓަކައި އެކި ފަހަރު މަތިން އެކި އެވޯޑްވެސް އޭނާއަށް ވަނީ ލިބިފައެވެ.

މަންދީރައާއި އެކު ބޮޑުބެރުގައި ހުރިހާ ކާމިޔާބީއެއް ހޯދައިފައިވާ ފިއްޓެއަކީ ނަމޫނާ ޓީޗަރެއް ވެސް މެއެވެ. އެއީ މަދަހައާއި އެނޫންވެސް ދާއިރާއާއި ގުޅުން ހުންނަ ކަންކަން ދަސްކުރަން ފިއްޓެ ކައިރިއަށް އަންނަ ކުދިންނަށް ހިތްހެޔޮކަމާއި އެކު އެއްވެސް ފީއަކާއި ނުލާ އެކަންތައްތައް ކޮށްދޭ ބެލެނިވެރިންގެ ގާތް "އެކުވެރިއެކެވެ."

ފިއްޓެ އޭނާގެ ބައެއް އެކުވެރިންނާއި އެކު
ފިއްޓެ އޭނާގެ ބައެއް އެކުވެރިންނާއި އެކު

"ފިއްޓެ ކައިރިއަށް ޅެން ހަދަން ނުވަތަ މަދަހައެއް ކިޔަން ދަސްކުރަން އަންނަ ހުރިހާ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ ހުންނާނެ އެކަން ކޮށްދީފަ. އެގޮތުން މަދަހަ މުބާރާތަކަށް ގދ.ތިނަދޫގެ ކުދިން ކޮޅަކަށްވެސް ހުންނާނެ ޕްރެކްޓިސް ކޮށްދީފައި" ފިއްޓެ ބުންޏެވެ.

މަންދީރައިގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުރި ފިއްޓެއަކީ ހިތްހެޔޮ އަދި ސަކަ މިޒާޖެއްގެ މީހެކެވެ. ރަށްޓެހިންގެ ނަޒަރުގައި ފިއްޓެއަކީ އެފަދަ ދެވަނައެއްނެތް އެކުވެރިއެވެ.

މަންދީރަ ބޮޑުބެރު ގްރޫޕް ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރާ އެކަކަކީ ހަމަ ޔަގީނުންވެސް ފިއްޓެއެވެ. އަދި ފިއްޓެއަކީ އޭނާގެ ހުނަރުތަށް ގޮށްމުށުގެ ތެރޭގައި ބެހެއްޓުމުގެ ބަދަލުގައި އެހުނަރުތަށް ބޭނުންކޮށްގެން އެހެން މީހުން ބިނާ ކުރަން މަސައްކަތް ކުރާ ލީޑަރެއްވެސް މެއެވެ.

" މިހާރުވެސް މިތާނގަ އުޅޭ ދެ ކުއްޖަކަށް މިދަނީ ލަވަ އާއި ޅެން ހަދާނެ ގޮތް ކިޔާ ދެމުން. އަސްލު އަހަރެން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކު މިދާއިރާއަށް ނެރެން" ފިއްޓެގެ މަސައްކަތް ހިއްސާކުރަމުން ބުނެފައިވެއެވެ.

ފިއްޓެ ލަވައެއް ކިޔަނީ
ފިއްޓެ ލަވައެއް ކިޔަނީ

ބޮޑުބެރުގެ ހަޔާތުގައި މިހާރު 13 އަހަރަށް ވުރެ ގިނަ އަހަރު މަސައްކަތް ކޮށްފައިވާ ފިއްޓެއަކީ އާއިލީ ޒިންމާ އަދާކުރާ ނަމޫނާ ޒުވާނެއް ވެސް މެނެއެވެ. ޑިއުޓީއަށް ދަމުން ލޯބިވާ އަނބިމީހާއަށް ވަގުތު ދެމުން އަދި ހަމައެެހެންމެ ބޮޑުބެރަށް ވަގުތު ދެމުން އަންނަ ފިއްޓެއަކީ ނަމޫނާއަކަށް ބެލުން މުހިންމު ޒުވާނެކެވެ.

"ގަބޫލް ކުރަން އާއިލާއާއި އަންހެނުންނަށް އެކަށީގެންވާ ވަގުތު ނުދެވޭ ކަން. ބޮޑުބެރަށް ވަގުތު ދެމުން ޑިއުޓީއަށް ދަމުން އާއިލީ ކަންކަން ބަލަމުން މިއީ އަސްލު ވަރަށް ޓައިމް މެނޭޖްކޮށްގެން ކުރެވޭނެ ކަންކަން" ފިއްޓެ ބުންޏެވެ.

ޅެމާއި ބޮޑުބެރުގެ ހަޔާތުގައި ކުރިއަށް ދިޔުމަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ލޯބިވާ އަނބިމީހާގެ ފަރާތުން ކަމަށްވެސް ފިއްޓެ ބުންޏެވެ.

"އަންހެނުންގެ ފަރާތުން ހަޤީގަތުގައި ބޮޑު އެއްބާރުލުމެއް ލިބޭ މިކަމަށް. އެހެން ނޫންނަމަ ފިއްޓެ ނުފެންނާނެ މި ދާއިރާއަކުން" އަންހެނުން ފިއްޓެއަށް ދެމުންދާ އެއްބާރުލުން ފާހަގަކުރަމުން ފިއްޓެ ބުންޏެވެ.

މިހާރު ފުލުހެއްގެ ވަޒީފާގައި ހުރެ މިއުޒިކީ ދާއިރާގައި "އުދުހެމުން ދާއިރު" ފިއްޓެގެ ހަޤީޤީ ލޯބި އޮތީ ފްލައިޓް އުދުއްސުމަށެވެ.

"ކުޑައިރުއްސުރެއް ދެކެމުން އަންނަ ހުވަފެނެއް އެއީ ޕައިލެޓަކަށް ވުން. ދެން އަހަރެންގެ ފެމިލީއަކީ އެއިރު އެހާ ތަނަވަސް ބައެއް ނޫނީމަ އެކަން ނުކުރެވުނީ. އެހެންވެ އަސްލު ޕޮލިހަށް ވަނީވެސް އާއިލާގެ ކަންކަން ބެލުމަށް ފައިސާ ހޯދުމަށް އޮތް އެންމެ ފަސޭހަކަމަކަށް އެކަން ވީމަ. އަދިވެސް އުންމީދު ކުރަން 40 އަހަރު ވުމުގެ ކުރިން ޕައިލެޓަކަށް ވުމަށް. އަސްލު އެއީ ކެރިއަރަކީ. ޅެން ހެދުމާއި ބޮޑުބެރަކީ މިއީ ހޮބީއެއް ގޮތަށް ކުރާ ކަމެއް" ފިއްޓެގެ ކުޑައިރުއްސުރެއް ދެކެމުން އަންނަ ހުވަފެން "ވަގުތު" އާއި ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

މިއުޒިކުގެ ދާއިރަގައި ފިއްޓެ ހޯދަމުން އަންނަ ކާމިޔާބީގެ ފަހަތުގައި އޭނާ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޕޮލިސް ސާވިސްވެސް ވާކަންފާހަގަކުރިއެވެ.

"މިހާރު ބޭނުމެއް ނުވޭ ފުލުހުންގެ ވަޒީފާ ދޫކޮށް އެހެން ވަޒީފާއަށް ދާންވެސް. އެހާވެސް ހިތްހަމަ ޖެހިގެން މިއުޅެނީ. ހަޤީގަތުގައި ވަޒީފާ އަދާކުރާ ތަނުން ދޭ އެއްބާރުލުން ވަރަށް ބޮޑު. ޝޯވ އަކަށް ދާން ވިޔަސް ހަމަ ބުނެލާއިރަށް ރިލީޒް ދޭ" ވަޒީފާ އަދާކުރާތަނަށް ތައުރީފް ކުރަމުން ފިއްޓެ ބުނެފައިވެއެވެ.

ފިއްޓެއަކީ ޅެމުގެ ދާއިރާގައި މުސްތަގުބަލް އޮތް ޒުވާނެކެވެ. އަދި އޭނާއަކީ ކުޅަދާނަ ލަވަކިޔުންތެރިއެއްވެސް މެއެވެ. އަދި އެއީ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. ކުޅަދާނަ ލީޑަރެއްގެ އިތުރުން އެތަށް ކުދިންނެއްގެ ލޯބި ހޯދައިދައިވާ މުދައްރިސެއްވެސް މެއެވެ. އަދި ޒިންމާދާރު ފިރިއެއްގެ އިތުރުން މަންދީރައިގެ ހުންގާނުގައި ހިފައި މަންދީރައިގެ އޮޑި ކާމިޔާބީގެ ކަނޑުތަށް ފަތަހަ ކުރުމުގައި އެންމެ ބޮޑު އެހީއެއް ވެދެއްވަމުން ގެންދާ އާރުކާޓީ ވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ްަްްއަހޫ

    ސާބަހޭ ފިއްޓޭ! ތީހަމަ މޭންއެއް!

  2. ލައިސާޓު

    ފުރިހަމަ ކަމަކީ އަޅުކަން އިސްކުރުން

  3. Anonymous

    ފުރިހަމަ ކަމަކީ އަޅުކަން އިސްކުރުން

  4. ާމަ

    ޥަލިދު ހަމަ ގަދައެެެ

  5. އަފޫ

    ތީހަަމަ އެއްވަނައިގެ މީހެެއް ހުވާ. ތިވަރެއްނެތް އިގޭ ވަލީދޫ. ބާއްޖަވެރި މުސްތަގްބަލަކަށް އެދެން ސަކަ މިޒާޖުގެ ވެރިޔާ

  6. ޢަހުމަދު

    ސާބަސް ފިއްޓެ

  7. ޢަފާ

    ކާމިޔާބީ އަކީ މަސައްކަތްތެރިންގެ ހައްގެއް.

  8. ބޯފަން ބިލާލް

    ގާއްޓެ ވަރަށް ލައިކް ވެއޯ

  9. ނާހަމަތެދެ

    ދެން ގޮސް އަޑިޕާކުގަ ދަންޖެހެން އުޅޭނީކީނޫން

  10. ކާމިޔާބު

    ފުރިހަމަ ކަމަކީ އަޅުކަން އިސްކުރުން..

  11. ާަަޖާދު

    ހީވާގި ކަންބަލެއް