ޓިކްޓޮކް ވީޑިއޯތަކަށް ވިއުސް ހޯދަން ތަފާތު އުކުޅުތައް ބޭނުން ކުރެއެވެ. ނުރައްކާތެރިހެން ހީވާ އެތައް ވީޑިއޯއެއް ނަގާފައި ލައެވެ. ބޭނުންވަނީ މަޝްހޫރުކަން ހޯދާށެވެ. މަގްބޫލުކަން އިތުރުވޭތޯ ބަލާށެވެ.

މިގޮތަށް މީގެ ކުރިން މިފަދަ ވީޑިއޯތައް ނަގަން އުޅުމުގެ ތެރޭގައި ބޮޑެތި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެކްސިޑެންޓްތައް ވުމާއި، މަރުގެ ހާދިސާތައްވެސް ދިމާވެފައި އެބަ ހުއްޓެވެ.

މިއީވެސް މޮޅު ސްޓަންޓެއް ޖައްސައިގެން ވިއުސް ހޯދަން މަސައްކަތް ކުރި ބައެކެވެ. ޕާކިސްތާނުގެ ފުލުހުން ހައްޔަރުކޮށްފައި ވަނީ، ހަތިޔާރު ބޭނުންކޮށްގެން ހެދި ޓިކްޓޮކް ވީޑިއޯއެއް ހެެދި ހަތަރު މީހެކެވެ.

ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކޮށްފައިވާއިރު، އެ މީހުންގެ އަތުން ހަތިޔާރުވެސް ފުލުހުން ވަނީ ހޯދާފައެވެ.

ފުލުހުން ބުނެފައިވާގޮތުގައި، އެ ހަތިޔާރުތަކާއެކު އެ މީހުން އެތައް ފަހަރެއްގެ މަތިން ވީޑިއޯތައް ލާފައި ވެއެވެ. ފުލުހުން ބުނީ، އެ މީހުންނާއި ދެކޮޅަށް ކޭސްއެއް މިހާރު ރެޖިސްޓަރކޮށްފައިވާ ކަމަށެވެ.

ޕާކިސްތާނުގެ ބަޑީގެ ގާނޫނު ބުނާގޮތުގައި، މިފަދަ ހަތިޔާރުތައް އާއްމުކޮށް ދެއްކުމަކީ ކުށެކެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ހަތް އަހަރުގެ ޖަލު ހުކުމެއް އެ މީހުންނަށް އައިސްދާނެ އެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ، ޓިކްޓޮކްއަށް ލާ ވީީޑިއޯތަކުގެ މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފައެވެ. އެގޮތުން ދާދި ފަހުން މިސްރުގައިި ޓިކްޓޮކް ކުޅޭ ހަ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އާންމު އަހުލާގީ މިންގަނޑުތަކާއި ހިލާފުވެގެންނެވެ.