ކޮންމެ ދެމަފިރިއަކު ވެސް ކައިވެނި ކުރަނީ އުމުރު ދުވަހު އެކުގައި އުޅެންށެވެ. ދެމަފިރިން އެކުގައި އުޅުމަށް ފުރިހަމަވާން ޖެހޭ ވަރަށް ގިނަ ޝަރުތުތައް ހުރެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބި ވުމެވެ. ލޯތްބަކީ ދެމަފިރިންގެ ގުޅުން ދަމަހައްޓަން އެންމެ ބޭނުންވާ ކަންތައްތޯ ނުވަތަ ނޫންތޯ ބަހުސް ކުރެވިދާނެއެވެ. ނަމަވެސް ލޯބި ނުވާ މީހަކާއި އެކު ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެވިދާނެތޯ ބަލަން ބަހުސްއެއް ބޭނުމެއް ނުވެއެވެ. އެއީ އެއަށްވުރެ މާބޮޑަށް ސާފު މައްސަލައެކެވެ.

ކޮންމެއަކަސް ވަރަށް ލޯބިން ކައިވެނި ކުރާ ދެމަފިރިއަކު ވެސް ފަހުން އެކަކު އަނެކަކުދެކެ ލޯބި ނުވެ، ކަންކަން ގޯހުން ގޯހަށް ހިނގައިދާނެއެވެ. އޭގެ ކުރިން އަމިއްލަ ނަފްސާއި ބައެއް ފަހަރު ސުވާލު ކުރަން ޖެހޭ ފަހަރުތައް އާދެއެވެ. އަންހެނުން ހިތައް އަރައެވެ. އަހަރެންގެ ފިރިމީހާ މިހާރު އަހަރެންދެކެ ލޯބިވޭ ހެއްޔެވެ؟ ފިރިހެނުން ހިތައް އަރައެވެ. އަހަރެންގެ އަނބިމީހާ މިހާރު އަހަރެންދެކެ ލޯބިވޭ ހެއްޔެވެ؟

ދެމަފިރިންގެ ދެމެދުގައި ލޯބި ދެމިއޮތްތޯ ބަލަން ތަޖުރިބާކާރުން ކުރާ ސުވާލުތަކެއް ހުރެއެވެ. ނުވަތަ ބަލާކަންތައްތަކެއް ހުރެއެވެ. ތިރީގައި އެވަނީ އެފަދަ ބައެއް ކަންކަމެވެ. ކިޔާލުމަށްފަހު އަމިއްލަ ނަފްސާއި ސުވާލު ކޮށްލާށެވެ.

ރޮމޭންޓިކް ވާން ހަނދާން ނެތުން

ކޮންމެ ދުވާލަކު އެއްފަހަރު ބައިވެރިޔާ އަށް ވަރަށް ރޮމޭންޓިކް ހަދިޔާއެއް ގެނެސް ދިނުން އެއީ ކުރަން ޖެހޭ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް މުހިއްމު ދުވަސްތައް މަތިން ހަނދާން ނައްތާ ނުލާށެވެ. މިސާލަކަށް އުފަން ދުވަސް ނުވަތަ އެނިވާސަރީއެވެ. އެފަދަ ދުވަސްތައް ހަނދާން ނައްތާލާނަމަ އޭގެ މާނައަކީ ތިދެމީހުންގެ ދެމެދުގައި އޮތް ގުޅުން ހީނަރުވާން ފަށައިފިއެވެ. ދެމީހުންގެ ދެމެދުގައި އޮތް ލޯބި "ގެއްލެން ފަށައިފިއެވެ."

މުސްތަގުބަލާއި މެދު ވާހަކަދެއްކުން

މުސްތަގުބަލާއި މެދު ވާހަކަދައްކާ، ދެމީހުން ކަންކަން ރޭވުން އެއީ ކުރަން ޖެހޭނެ ކަމެކެވެ. މުސްތަގުބަލާއި މެދު ދެމީހުންނަށް މަޝްވަރާ ނުކުރެވޭނަމަ، އޭގެ މާނައަކީ ތިދެމީހުންގެ ގުޅުމުގައި މުސްތަގުބަލެއް ނެތެވެ. ދެމީހުންގެ ދެމެދުގައި އޮތް ކުރިމަގަށް ކުރާ އުއްމީދުތައް ނެތިގެން ހިނގައްޖެއެވެ. ދެމީހުން ދެކެމުން އައި ހުވަފެންތައް ވިއްސި ވިހާލިވެއްޖެއެވެ. ނުވަތަ އެހުވަފެންތައް ތެދު ހަޤީޤަތައް ހަދަން ދެމީހުން އެކުގައި މަސައްކަތް ކުރަން މިހާރު ބޭނުމެއް ނުވެއެވެ.

ކޮންމެ ކަމަކާއި އެކު ޒުވާބެއް

ކޮންމެ ދެމީހެއްގެ ދެމެދުގައި ވެސް މައްސަލަ ޖެހޭނެއެވެ. ހިޔާލު ތަފާތުވުންތައް ހުންނާނެއެވެ. އެކަކު ކަމަކާއި މެދު ދެކޭ ގޮތައް އަނެކަކު އެކަމާއި މެދު ނުދެކެފާނެއެވެ. ނަމަވެސް ޚިޔާލު ތަފާތުވުން އުފެދޭ ކޮންމެ ފަހަރަކު ޒުވާބު ކުރާނަމަ އެއީ މައްސަލައެކެވެ. ޒުވާބުތައް ކުރާ ކޮންމެ ފަހަރަކީ ދެމީހުންގެ ގުޅުން އިތުރަށް ހީނަރުވެގެން ދާނެ ކަމެކެވެ.

ނިމިފައި ހުރި މައްސަލަތައް އަލުން ބެލުން

ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ގޯސްތަކެއް ހެދިފައި ހުންނާނެއެވެ. ނަމަވެސް އެގޯސްތައް އިސްލާހުކޮށް، ގޯސްތައް ތަކުރާރުނުކުރާނަމަ އެމީހަކު އިސްލާހުވީ ކަމުގައި ބަލަން ޖެހޭނެއެވެ. ނަމަވެސް ހިތްހަމަ ނުޖެހުމެއް އުފެދޭ ކޮންމެ ފަހަރަކު ކުރީގެ މައްސަލަ ނަގައިގެން އެމައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދާނަމަ ތިދެމީހުންގެ ލޯބީގެ ނިމުން މިހާރު ލޮލަށް ފެންނަން ފަށައިފިއެވެ.

ލޯބިވާ ވާހަކަ ނުބުނުން

ލޯބިވާ ވާހަކަ ބުނުން އެއީ ވަރަށް މުހިއްމު ކަމެކެވެ. އެކީ ކޮންމެހެން ލޯބިވާކަން ސާބިތު ކުރުމަށް ކުރާކަމެއް ނޫނެވެ. ނަމަވެސް އެއީ ވައުދާއި އަހްދުތައް މަތިން ހަނދާން ކުރަން ވެގެން ކުރާ ކަމެކެވެ. ލޯބިވާ ވާހަކަ ބުނަން މިހާރު ހަނދާން ނެތޭނަމަ އެއީ ގޯސް ފާލެކެވެ.

ނިންމާލުމުގެ ކުރިން ބުނަން ބޭނުންވާ އެއް ވާހަކަ އެބައޮތެވެ. އެއްވެސް މީހަކު އަނެކަކު ކުށްވެރިކޮށްގެން ގުޅުން ކުރިއަކަށް ނުގެންދެވޭނެއެވެ. އެއީ ފިރިމީހާ ނުވަތަ އަނބިމީހާ އިސްވެ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކޮށް ގުޅުން ދަމަހައްޓަން މަސައްކަތް ނުކޮށް ތިބުމަކީ ހައްލެއް ނޫނެވެ. ތިދެމީހުންގެ ގުޅުން ވަރުގަދަ ކުރަން އިސްނެގުން އެއީ ތިދެމީހުންގެ ތެރެއިން ކޮންމެ މީހެއްގެ ކޮނޑުގައި ވެސް އެޅިފައި އޮތް ވާޖިބެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޣޖ

    މމމ މީ ވަރައް އޮށްތަރެއްނެއް ލިއުމެއް.

    18
    2
  2. ދޮރުފާރަ

    ހުސްދޮގު

    8
    3
  3. އަހުމަދު

    މަށާއި މަގޭ އަންހެނުންނަކީ ދުވަހަކު އުފަންދުވަސް ފާހަގަ ކުރި ބައެއް ނޫން އަލަތު ކާވެންޏަށް ވިއްސަކަށް އަހަރާ ގާތްވި އިރު އަދި الله ގެ ރަހު މަތް ފުޅުން ދުވަހަކު ވެސް މައްސަލަ އެއް ދި މާވެފައެއް ނެތް. ލިޔުންތެރިޔާ އަށް ވިސްނެފަ ނެތީ ދެ މަފިރިންގެ ގުޅުން ހަރުދަނާ ކުރު މަށް އިސްލާ މީ ރިވެތި އުސޫލުގެ މުހިއް މު ކަން.

    23
    1
  4. މ

    އެހެންތަ

  5. އެމަންޖެ

    އަޅުގަނޑާ ފިރިމީހާޔާ ދެމެދު މައްސަލަ ޖެހެނީ މިގައުމުގަ ވެރިކަން ކުރާ ސަރުކާރާ ހެދި މިކަން ހައްލުވަން އޮތީ ވެރިކަން ވެއްޓުން.

    18
    1