ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދަން ފޮލޯވަރުން އިތުރު ކުރުމަކީ މިހާރު ކުރަމުން އަންނަ ކަމެކެވެ. މިކަމަށް އެއްބަޔަކު މޮޅެތި އުކުޅުތައް ބޭނުން ކުރެއެވެ. މިއީވެސް އެފަދަ އުކުޅެކެވެ. އެކަމަކު މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޕާކިސްތާންގެ މަޝްހޫރު ޓިކްޓޮކާ އާދިލް ރާޖްޕުތް މަރުވެއްޖެ ކަމަށް، އޭނާގެ އަންހެނުން ސެޕްޓެމްބަރު 15 ދުވަހު ވީޑިއޯއެއް ހިއްސާ ކޮށްފައި ވަނީ މަގްބޫލުކަން ހޯދުމަށެވެ. އެހެން ނަމަވެސް އެއީ ދޮގެއްކަން އެނގުމުން ގިނަބަޔަކު ވަނީ ރުޅި އައިސްފައެވެ.

ޕާކިސްތާނުގް ޕަންޖާބްގެ ރަހިމް ޔާރް ޙާން ސިޓީގައި ދިރިއުޅެމުން އަންނަ އެ އަންހެން މީހާ އޭނާގެ ފިރިމީހާގެ ޓިކްޓޮކް އެކައުންޓުން ހިއްސާ ކުރި އެ ވީޑިއޯއިން ފެންނަނީ ފިރިމީހާގެ މަރުގެ ހަބަރު ދީ ރޯން އިންނަ މަންޒަރެވެ. އޭނާ ބުނެފައި ވަނީ އާދީލް މަރުވެފައި ވަނީ ކާރު އެކްސިޑެންޓެއްގައި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ވީޑިއޯ ދައުރުވުމާއެކު ގިނަބަޔަކު އޭނާގެ ގޭ ދޮށަށްވެސް އެއްވިއެވެ.

އޭނާގެ މަރުގެ ހަބަރުވެސް ދީފައި ވަނީ މިސްކިތެއް ކައިރީގައެވެ.

އެތައް ބަޔަކު އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށްވެސް ހިތާމަފާޅުކޮށްފައި ވެއެވެ.

އެހެން ނަމަވެެސް ދެމަފިރިންނަށް ބޮޑު ސަމާލުކަމެއް ލިބި ފޮލޯވާސްތައް އިތުރުވާން ފެށުމުން، އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށް ވަނީ ބުނެފައެވެ.

މިއާއެކު މީސް މީޑިއާގައި ގިނަބަޔަކު ރުޅިގަދަވެއްޖެ އެވެ. އަދި އެ މީހުންނާއި ދެކޮޅަށް ފިޔަވަޅު އަޅަން ގިނަބަޔަކު ދަނީ ގޮވަމުންނެވެ.