މީސްމީޑިއާ ނަމުން ނަމަ "ކުލަ ފިހި" މި ނަމުގެ ފަހަތުގައިވާ އުމުރުން 22 އަހަރުގެ މުސްތަފާ މުހައްމަދުއަކީ އޭނާގެ ތަފާތު ކުރެހުންތަކުގެ ސަބަބުން އާއްމުންގެ ސަމާލުކަން ހޯދަމުންދާ ޒުވާނެކެވެ.

އޭނާގެ އާޓްވޯކްތަކުގެ ތެރޭގައި ކުރެހުމުގެ އިތުރުން ޑިޖިޓަލް އާޓްވޯކްވެސް ހިމެނެއެވެ.

މުސްތަފާގެ ގިނަ ކުރެހުންތައް އަމާޒު ކޮށްފައި ހުންނަނީ އެއިރެއްގައި މުޖުތަމައުގައި ހިނގާ މުހިންމު ކަންކަމަށް ބިނާކޮށްގެން ކަމަށް ވާއިރު، އެ ކުރެހުމުގައި ހާއްސަ މެސެޖެއް ވެސް ފޯރުކޮށްދެއެވެ. ހދ.ކުޅުދުއްފުށްޓަށް އުފަން މި ޒުވާނާގެ ކުރެހުމުގެ ރަހަ ތަފާތުވާ ސަބަބަކީ މިއީއެވެ.

ދާދިފަހުން އޭނާގެ އިތުުރު މަސައްކަތަކަށް އެތައް ބައެއްގެ ތައުރީފު ވަނީ ލިބިގެން ގޮސްފައެވެ. އެއީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ދ.ރިނބިދޫގައި ޤާއިމްކުރި ސަޤާފީ މަގުގައި ހިމެނޭ އާރޓްވޯކްއެކެވެ.

އެ މަގުގައި އެކި ފަންނާނުންގެ އާރޓްވޯކްތައް ފެންނަން ހުރި އިރު މުސްތަފާގެ ކުރެހުމަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިގެންގޮސްފައެވެ. މީހުން ދިރިއުޅޭ ގެއެއްގެ މައި ދޮރާށީގެ ބޭރުގައި ކުރަހާފައިވާ އެ ކުރެހުން ބަލާލުމުން ދިވެހި ވަންތަ ރަހަ އިހުސާސްކުރެވެއެވެ.

އަދި ކުރެހުމުގެ ތަފްސީލްތަކަށް ބަލާލުމުން އެ މަސައްކަތުގެ ފުރިހަމަކަން ތަސައްވުރުކުރެވެއެވެ. ކުރެހުމުގެ ކޮންމެ ހިސާބަކުން ވެސް ފެންނަނީ ފަރުވާތެރިކަމާއި އެކު ކުރަހާފައިވާ، ހުނަރުން ފުރިގެންވާ މަަސައްކަތްތަކެކެވެ. އެ ފޮޓޯތަކަށް ބަލާލުމުން ޝާހީ ތަނެއްގެ ދޮރުމަތި ފެންނަ ކަމުގެ އިހްސާސް ކުރެވޭކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

ރިނބުދޫގެ ތާރީހާއި ސަޤާފަތް އަދި ރިނބިދޫގެ ތާރީޚު މި ތީމްއަށް ތައްޔާރުކޮށްފައިވާ އެ ސަޤާފީ މަގުގައި ހިމެނޭ އާރޓްވޯކްތަކުން ދައްކުވާދެނީ ރިނބިދޫގައި ޒަމާންވަންދެން ދެމި އޮތް ފަންނުވެރިކަމާއި އަތްތެރި މަސައްކަތްތަކުގެ ކުލަތަކެވެ.

އެ ތީމްގެ ދަށުން ގިނަ ފަންނާނުން ކުރެހީ ކަނޑުއަޑިއާއި، މަސްމަހާއިމެހި ފަދަ ގުދުރަތީ ތަކެއްޗެވެ.

20 ވަރަކަށް ފަންނާނުން ބައިވެރިވި މި ހަރަކާތުގައި މުސްތަފާ ކުރަހާފައިވާ ކުރެހުމަކީ ހިރިގަލުގައި ކަނޑާ ނަގާފައިވާ ކުރެހުމަކާ ވައްތަރު ކުރެހުމެކެވެ.

https://www.instagram.com/p/B8BNnWtJDI9/?igshid=ch6thsk7y58o&fbclid=IwAR2V9ShKhn6DstNGCAhk-cxjfr__t1owZvvcr5pNvtTMSzhzNt4Gp7hlKEg

"މޮޅު ކުލަ"، މި ނަމުން ނަންދީފައިވާ ކުރެހުން މީސްމީޑިއާއިން ފެނުމުން އާއްމުން ވަނީ އޭނާ އަށް ތައުރީފުގެ ބަސްތައް އޮއްސާލާފައެވެ.

މުސްތަފާއަށް މި ޚިޔާލު އައިގޮތް ހިއްސާކުރަމުން އޭނާ "ވަގުތަށް" ބުނީ އެ ޚިޔާލު އައީ އެ ރަށަށް އެރިތަނުން ފެނުނު މަހާނަ ގަލެއްގެ ސަބަބުން ކަމަށެވެ.

"މިހާރު ހަނދާނެއް ނެތް ކާކުގެ މަހާނަ ގަލެއް ކަމެއް އެއީ. އެކަމު ވަރަށް ރީތި މަހާނަ ގަލެއް ފެނުނު. އެއީ ރަށަށް އަރައިގެން ރިނބުދޫ ކައުންސިލާއި އެކު ހިނގާފައި ދަނިކޮށް. އެ ރަށު ކައުންސިލުންވެސް މައުލޫމާތު ދިން އެ ރަށް މަޝްހޫރީ ކޮންކަލަ ކަންކަމަށް ކަން." އޭނާ ކިޔާދިނެވެ.

މަހާނަ ގަލަކީ ހުދާއި ކަޅު ކުލަ ހުންނަ އެއްޗަކަށް ވާތީ އޭނާގެ ކުރެހުމަށް ތަންކޮޅެއް ގަދަ ކުލަތަކެއް ބޭނުން ކުރަން ވިސްނިކަމަށް ވެސް މުސްތަފާ ކިޔާދިނެވެ.

"ހިތަށް އެރީ ވައިބްރެންޓްކުރަން. އެހެންއެއްޗަކާ މިކްސްކޮށްލާނީ އޭ ކުލަތައް. ކުލަތައް ނެގީ ކަނޑާ އެއްގަމުން ފެންނާނެ ހުރިހާ ކުލައެއް ވިސްނައިގެން. ވަރަށް ފެހި ރަށެއް އެއީ. ރީތި މޫދެއްވެސް އޮވޭ." މުސްތަފާ ބުންޏެވެ.

މި މަސައްކަތް ފުރިހަމަ ކުރުމަށް 3،4 ވަރަކަށް ދުވަސް ހޭދަވި އިރު އެ ކުރެހުން ފުރިހަމަކުރަން މަސައްކަތް ކުރީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ސަބަބަކީ އެ ކުރެހުން ހުރި މަގަކީ ދުވާލު އަވިގަދަ މަގަކަށްވުމުން ފަސޭހަ ގަޑިއެއްގައި މަސައްކަތް ކުރުން ކަމަށް މުސްތަފާ ބުނެެވެ.

އެ އާޓްވޯކް އަށް "މޮޅު ކުލަ"ކީ ރިނބިދޫ މީހުންނަކީ މޮޅު ކުލައެއްކަން ރަމްޒުކޮށްދިނުމުގެ ގޮތުން ކަމަށް ވެސް މުސްތަފާ ބުންޏެވެ. އެއީ ރިނބިދޫގެ މީހުންގެ ހުނަރުވެރިކަމަށް ނިސްބަތްކޮށްދީފައިވާ ނަމެކެވެ.

ޅަ އުމުރުން ފެށިގެން ކުރަހަމުންދާ މުސްތަފާއަކީ އެކީ ތަފާތު އެކި ކޮންސެޕްޓްތަކަށް ފޮރުފިވާ މެސެޖުތައް ހިމެނޭ ކުރެހުންތައް އާއްމުންނާއި ހަމައަށް ގެނެސްދޭ ފަންނާނެކެވެ.

އަދި ކޮންމެވެސް ދުވަހަކުން އޭނާގެ ކުރެހުންތައް ދައްކާލެވޭނެ އާޓް އެގްޒިބިޝަނެއް ބޭއްވުމަކީ، ޕޮލިޓެކްނިކްގައި ޑިޕްލޮމާ ކިޔަވަމުންދާ މުސްތަފާގެ އުންމީދެެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކލމޖ

    ވިޒުއަލް އިފެކްޓްސް އަށް ވެސް ވަރަށް މޮޅުވާނެ ވަރަށް ޓެލެންޓެޑް ސޮރެއް ތީ.. ކީޕް އިޓް އަޕް

    43
    3
  2. Anonymous

    ޗޮއް. .މަހީކުރީ މައެންގެ ރަށުމުސްތަފާބެކަމައް

    15
    4
  3. އަލިބެއްޔާ

    ހަޑި ހާވާފަ އޮތްތަނެއް ދައްކާފަ މޮޅޭ މޮޅޭ ބުނީމަ މޮޅުވޭތަ؟

    17
    37
  4. Anonymous

    މުސްތަފާގެ މޮލުކުލައެއްނޫނޭ ޖަޕާނުގެ މޮލުކުލަ ކަމައްބަލާ މުތަފާއަކީ މޮލައައް ކުލަޖައްސާ މީހެކުވެ ކުލަޖެއްސުމަކީ ވަރައް ކެއްތެރިކަމާއިއެކު ވާނެކަމެކެވެ (ސުކުރިއްޔާ)

    17
  5. އިޔާދު

    އޭގެ ރީތި ކަން އިނގޭނީ ރީތިކަން ފާހަގަ ކުރަން އިނގޭ ބަޔަކަތް