މީގެ އެތައް ހާސް އަހަރެއް ކުރީން އަޑިޔަށް ދިޔަ ޝަހަރެއް އިނގިރޭސިވިލާތުގެ ވޭލްސްގެ ހުޅަނގު އައްސޭރީގެ ސަރަޙައްދަކުން ފެންމަތިވާން ފަށައިފިއެވެ.

މި ޝަހަރު އޮތް މޫދުގެ ބޮޑު ސަރަޙައްދެއް ހިކެން ފަށާފައި މިވަނީ ދާދިފަހުން އިނގިރޭސިވިލާތުގެ ބައެއް ސަރަޙައްދުތަކަށް ކުރިމަތިވި ވަރުގަދަ ތޫފާން، "ތޫފާން ފްރޭންސިސް" އަށް ފަހުއެވެ.

ބުނެވޭ ގޮތުގައި މި ޝަހަރަކީ މީގެ 4500 އަހަރު ކުރީން ފެށިގެން އައްސޭރީގެ ސަރަޙައްދުން މޫދު އަޑިޔަށް ގޮސްފައިވާ ސަރަޙައްދެކެވެ. ގިނަ އަދަދެއްގެ ބޮޑެތި ގަސްތައް ހުރި މި ޖަންގަލި ސަރަޙައްދުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 21 ކިލޯމީޓަރު ހުންނަ ކަމަށް ވެއެވެ.

ފެނުއަޑީގައި އެތައް ޒަމާނެއްވުމުން މި ސަރަޙައްދުގައި ހުރި ބޮޑެތި ބިޔަ ގަސްތައް ވަނީ މަރުވެފައެވެ. ނަމަވެސް ގަސްތަކުގެ ބައިތަކާއި މޫތައް އަދިވެސް އެ ސަރަޙައްދުން ފެންނާން އެބަހުއްޓެވެ.

ތޫފާން ފްރޭންސިސް އަށްފަހު މި ޝަހަރު ފެންނަން ފެށުމާއެކު ކުރިން މި ސަރަޙައްދާއި މެދު ޤަބޫލުކުރެވިފައިވާ ޤަބޫލުކުރުންތަކާއި މެދުވެސް ޚިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ. އަދި ކުރިން މި ސަރަޙައްދުގެ ބޮޑުމިން ކަމަށް ބެލެވުނު ވަރަށްވުރެ އެތައް ގުނައެއް ބޮޑުކަން ފަހުން ވަނީ ހާމަވެފައެވެ.

މީގެ ކުރިން 2014 ވަނަ އަހަރުވެސް މި ސަރަޙައްދުން ބައެއް ހިކުނެވެ. ނަމަވެސް ފަހުން މާގިނަ ދުވަސްތަކެއް ނުވެ އެސަރަޙައްދަށް ވެލި އަރައި ވަނީ ވަޅުލެވިފައެވެ.

މި ސަރަޙައްދަކީ މީގެ އެތައް ޒަމާނެއް ކުރިން ގިނަ އަދަދެއްގެ ގަސްގަހާގެހި ހުރި ސަރަޙައްދަކަށް ވެފައި، އެތަނުގައި މީގެ ކުރިން ދުނިޔެއިން ނެތިފައިވާ ބައެއް ބާވަތްތަކުގެ ގަސްތައްވެސް ހުރިކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން އެކަންކަމާއި ބެހޭ އިތުރު ހޯދުންތައް ހޯދުމަށް އެފަރާތްތަކުން އަންނަނީ ތައްޔާރުވަމުންނެވެ.

ތާރީޚުން އެނގޭ ގޮތުގައި މި ޖަންގައްޔަކީ 17 ވަނަ ގަރުނުގައި އެ ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި އާބާދުވެ އުޅުނު އަވަށެއްގެ މީހުން އެކި ބޭނުންތަކަށް ބޭނުންކޮށް އުޅުނު ޖަންގައްޔެކެވެ. ތިމާވެއްޓަށާއި ދުނިޔެއަށް އައި ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑު އުފުލި އެ އަވަށްވެސް ވަނީ އަޑިޔަށް ގޮސްފައެވެ.

ތާރީޚީ ފަތްފުއްތަކާއި ކުރެހުންތަކުން ޤަބޫލުކުރެވިފައިވާ ގޮތުން މި އަވަށް އަޑިޔަށް ދިޔައީ ކުއްލި ގޮތަކަށް ރާޅުބޮޑުވެ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ނަމަވެސް އެވާހަކަތަކަށް ހެކިދޭ ސީދާ ހޯދުމެއް އަދި ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަދާ

    ވަރަށް އިންޓްރަސްޓިންގް

    21
  2. Anonymous

    ﷲ ގެ ކުޅަދުން ވަންތަ ކަން އަދި ވެސް ޑެޑް ސީ އާ ގާރޫން ލޭކް އަދި އައްޔޫބު ގެފާނު ނައިނާފުޅު ފިއްލެވި ފެންގަޑާ އަގްސާ މިސްކިތާ ގުޅިފައިވާ އާސާރުތައް އެހެރީ ފެންނަން ކާފަރުން ނުރުހުނު ކަމުގައިވިޔަސް ﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ނައްތައެއް ނުލެވޭނެ

    71
    1