މިއީ ހަޤީޤީ ހާދިސާއަކަށް ލިޔެވިފައިވާ ވާހަކައެކެވެ.

"ކޮބާ؟ ހުރިހާ އެއްޗެއް ހަމަވީތަ؟" ދޯނިން ފައިބައިގެން އައި ދީނާއަށް ބަލާލަމުން އަހަރެން ބުނީމެވެ.

"އާ. ބައްޕަ އެބަގެނޭ ފޮށިގަނޑު"

ދީނާއަކީ އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮއެވެ. ކިޔުވުން ނިންމާލާފައި ރަށުގެ ހެލްތް ސެންޓަރގެ ޑޮކްޓަރުގެ ވަޒީފާ ދީނާއަށް ހަމަޖެހުމުން ރަށަށް ބަދަލުވީއެވެ. ކޮއްކޮ އައުމުން އަހަރެންނާއި މަންމައާއި އަދި ބައްޕަވެސް ތިބީ ވަރަށް އުފަލުންނެވެ. އަހަރެންނަކީ ރަށު ސުކޫލްގެ ޓީޗަރެއްގެ ވަޒީފާގައި އުޅޭ މީހަކީމެވެ. ބައްޕަ އުޅެނީ ރަށު ސުކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާގައެވެ. ސާދާ ދިރިއުޅުމެއްގައި އަހަރެމެންގެ ކުޑަ ޢާއިލާ ދިރިއުޅެމުން މިދަނީ ވަރަށް އުފަލާއެކުގައެވެ. ކޮއްކޮ ރަށަށް އައުމުން ދެން ދިރިއުޅުން ފުރިހަމަވީކަމުގެ އިހްސާސް ކުރެވިގެން ދިޔައެވެ.

ކޮއްކޮ ގޮވައިގެން ގެއަށް ދެވުނު އިރު ހަވީރު ހަތަރެއްޖަހައި ބޮޑުވެއްޖެއެވެ. އޭރު މަންމަ ހުރީ އެންމެނަށް ނޫޑްލްސް ކައްކައިގެން ކާމޭޒުމަތިވެސް ތައްޔާރުކޮށްފައެވެ. ކެއުމަށްފަހު ކޮއްކޮ ބޭނުންވީ އަހަރެމެންގެ ގެއާ އިންވެގެން ބޮޑު މަގެއްލާފައި ދެފަރާތުން ރުށްތަކެއް ހައްދާފައި ހުންނަ ދިމާލަށް ދިއުމަށެވެ. އިރުއޮއްސޭ މަންޒަރު އެންމެ ރީތިކޮށް ފެންނަނީ އެތަނުންކަމުން ރަށުގެ ވަރަށް ގިނަ މީހުން އެދިމާލު އަތިރިމައްޗަށްގޮސް އެ ހިތްގައިމު މަންޒަރު ބަލަން ތިބެއެވެ. ދިގުމަގުން އަހަރެމެންވެސް ދިޔައީ އެދިމާލަށެވެ. އޭރު މަގުގެ އެއްފަރާތެއްގައި ހުރި ރުކެއްގެ ދަށުގައި ބަރޯގާޑިޔަލެއް ބަހައްޓައިގެން އަހަރެމެން ގޭގެ ކުރިމަތީގައި ހުންނަ ގޭގެ ދައިތަ އުޅެއެވެ.

"އަނހާ. ދީނާ.. ކޮން އިރަކު މަންޖެއައީ؟" ދައިތަ ކުރަންހުރި މަސައްކަތް މެދުކަނޑާލަމުން ބުންޏެވެ.

"މިއަދު ހަމަ މިއައީ. ހާދަ ބުރަކޮށް ކީއްތަތިކުރަނީ ދައިތާ؟" ދީނާވެސް ދައިތައާއި ސުވާލުކޮށްލިއެވެ.

"މީ ކާށިކޮޅެއް ހޯދަން ވަލަށް ވަދެފަ މިއައީ. ޝާހާ.. ކުރިން ދުވަހު މަންމަ ގެނައި ތަށްޓެއް ހުންނާނެ ގޭގައި. އެކޮޅަށް ދަމުން އެނަގައިން ދައްޗޭ އިނގޭ" ދައިތަ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުންޏެވެ. އަހަރެން އެއްބަސްވުމުގެ ގޮތުން ބޯޖަހާލާފައި ދީނާ ގޮވައިގެން ކުރިއަށް ހިގައިގަތީމެވެ.

"ދޮންތާ. އެދައިތަ އަދިވެސް ވަލަކުން ނާރާ ދޯ؟ އެހާ މުސްކުޅިވާއިރުވެސް"

"އާ. މިހާރުވެސް އިރުއޮއްސެންދެންވެސް އުޅޭނީ އަބަދު ކޮންމެވެސް އެއްޗެއް ހޮވުމުގަ ހަމަ. ބަންގި ގޮވައި ދެނަމާދު ދޭތެރޭގައިވެސް ހަމަ ހުރެދާނެ އެއޮއް ފެންނަ ބޮޑު ވިނަގަނޑު ކައިރީގައިވެސް ކާށި ފުންޏެއް ޖަހައިގެން އެ ބަލާ އައިސް" ތަންކޮޅެއް ދުރުން ފެންނަން އޮތް ގަސްބޯ ބިޔަ ވިނަގަނޑެއް ދައްކާލަމުން އަހަރެން ބުނެލީމެވެ.

"އަޅެ މަނަމަ ބިރުން މަރުވެދާނެ. މިގަޑީގައި އަންނަންވެސް ބިރުގަނޭ މިހާ ދިގު މަގެއް ހުރަސްކޮށްފައި. އަނެއްކާ މިހާރު ކުޑަކޮށް މިތަން ސާފުކޮށްފައި އޮތަކަސް ހަމަ މިހިރަ ރުށްތައް ކައިރިން އެކި ވަރުވަރުގެ ވިނައާއި ގަސްދޯ މިހުންނަނީ. ހަމަ ވަލެއްނު މީވެސް" ދީނާ ފާޑަކަށް މުޅި ސަރަހައްދަށް ބަލަމުން އަހަރެންނާ ދިމާލަށް އެނބުރިލާފައި ބުންޏެވެ.

އަހަރެން އިތުރަށް އެއްޗެކޭ ނުބުނެ ހޫމް އަޅުވާލާފައި މަޑުން ހުރީއެވެ.

އަހަރެމެންނަށް ދިހަވަރަކަށް މިނެޓް ފަހުން އަތިރިމައްޗާ ހަމައަށް އާދެވުނެވެ. އޭރު ބައެއް މީހުން އަތިރިމަތީގައި އެކި ވަރުގެ ފޯނު ހިފައިގެން ތިބެ އިރުއޮއްސޭ މަންޒަރު ފޮޓޯ ނަގަމުންދެއެވެ. އަހަރެމެން ދެމީހުންވެސް އެކަކު އަނެކަކުގެ ފޮޓޯކޮޅެއް ނަގާލުމަށްފަހު ބަންގި ގޮވުމުގެ ކުރިން ގެއަށް އަންނަން ވެގެން ހިގައިގަތީމެވެ. އަދި ގެއަށް ވަނުމުގެ ކުރިން ކުރިމަތީގައި ހުރި ދައިތަގެ ގެއަށްގޮސް މަންމަގެ ތަށި ނެގީމެވެ. އޭރުވެސް އަދި ދައިތަ ވަލުން ނާންނަކަމަށް ދައިތަގެ ދަރިން ބުންޏެވެ. އަހަރެން ދެފަރާތަކަށް ބޯހޫރުވާލާފައި އައިސް ގެއަށްވަނީމެވެ.

އޭގެ ހަފްތާއެއް ފަހެވެ. ދީނާވެސް ވަޒީފާއަށް ނުކުންނަން ފެށިއެވެ. އަހަރެންވެސް ސުކޫލަށް ނުކުމެ އުޅެންފެށީ ނެގި ޗުއްޓީ ހަމަވުމުންނެވެ. ދޭތެރެއަކުން މަންމައާއި ބައްޕައާވެސް އެކު އަހަރެމެން އަތިރިމައްޗަށް އިރުއޮއްސޭ މަންޒަރު ބަލަން ދަމެވެ. އެއްދުވަހެއްގެ ހަވީރު އަހަރެން ގެއަށްއައި މަގުމަތީގައި ދައިތަގެ އަންހެން ދަރިއަކާ މަގުމަތިން ދިމާވިއެވެ.

"އަސްމާ. ގެއާ ދިމާލަށްތަ ތި ދަނީ؟" އަހަރެން އަސްމާއާ އަރާހަމަކޮށްފައި ބުނެލީމެވެ. އޭރު އަސްމާގެ އަތުގައި އޮތް ބޭސްކޮތަޅު އަހަރެންގެ ލޮލުގައި އަޅައިގަތެވެ.

"އާ. މިއުޅެނީ މަންމަ ހުންއައިސްގެން އުޅޭތީ ރޭއްސުރެން. އެހެންވެ ބޭސްކޮޅެއް ގަނެލައިގެން މިދަނީ. މިއަދު އެއްފަހަރު ބޭސްދިނީމައި ކުޑަކޮށް ރަނގަޅުވެފައި ހުރީ. އެކަމަކު މިރޭވެސް ބޭސްދޭން ކަމަށް. ކޮންތާކުން ތިއަންނަނީ؟ ސުކޫލުންދޯ؟" އަސްމާވެސް އަހަރެންނަށް ބަލާލާފައި އަހަރެންނާއި އެއްވަރަކަށް ހިނގަމުން އައެވެ.

ގެއަށް ވަދެލާފައި ސައިބޮއިގެން އަހަރެން މަންމައާއެކު ބޭރު ޖޯލީގައި ޖައްސާލީމެވެ. އޭރު މަގުގެ އެއްކޮޅުން ދީނާ ޑިއުޓީ ނިންމާލާފައި އަންނަތަން ފެނެއެވެ. ބައްޕަވެސް ގެއިން ނުކުމެގެން އައިސް އަހަރެމެން އިށީނދެގެން ތިބި ޖޯލީގައި އޮށޯވެއްޖެއެވެ. އެޖޯލި ހުންނަނީ އަހަރެމެންގެ ގޯތީގައި މަގަށްވާ ގޮތަށް ބަހައްޓާފައި ކަމުން ރަށުގެ ބޮޑުމަގާއި އަތިރިމައްޗަށް ދާން އޮންނަ މަގުގެ ކުރިކޮޅު ރީއްޗަށް ފެނެއެވެ. އޭރު އިރުއޮއްސެން މާކަ ގިނަ ވަގުތެއް ނެތެވެ. އަހަރެމެން އެކި އެކި ވާހަކައިގައި މިހެން ތިއްބާ ކުރިމަތީ ހުރި ގެއިން ބަރޯގާޑިޔަލުގައި ހިފާލައިގެން އެއްކަލަ ދައިތަ ނުކުންނަތަން ފެނިއްޖެއެވެ.

"އަހާ ދައިތާ.. އަސްމާ ބުންޏޭ ވަރަށް ހުން އައިސްގެން އުޅޭ ވާހަކަ. ދެން އަނެއްކާވެސް ވަލަށްތަ ތިދަނީ؟" އަހަރެން ދައިތަ ފެނުމުން ޖޯލިން ކުޑަކޮށް ތެދުވެލައި ދައިތައާއި ވާހަކަ ދެއްކީމެވެ.

"އާ. ދެން ކުޑަ ހުމެއްވިއްޔަ. އޮންނަންޏާ ހަމަ އޮންނަހާވާނީ. އެހާ ބޮޑު ކަމެއް ނޫނެއްނު. މިދަނީ ދަރުކޮޅެއް ބަލާ"

މިހެން ބުނެފައި ހިނިގަނޑެއް ޖަހާލާފައި ދައިތަ ހިގައިގަތެވެ. ދީނާ ގެއަށް އައިސް ސައިބޮއިގެން މަގުމައްޗަށް ނުކުތްއިރު ހައެއްޖަހައި ބޮޑު ވެއްޖެއެވެ. ބައްޕަ ތެދުވެގެން ނަމާދަށް ދާން އުޅެފައިވެސް މަޑުކޮށްލީ ކޮންމެވެސް މީހަކު ގުޅައިގެން އުޅޭތީއެވެ. އަހަރެމެންވެސް ބައްޕަ ދައްކާ ވާހަކަ އަޑުއަހަން ތިއްބާ ބަންގިގޮވި އަޑު އިވުނެވެ. ބަންގި ގޮވައި ނިމުމުން ބައްޕަ ވާހަކަ ދައްކަން ފެށިއެވެ.

"ދަރިފުޅާ ދީނާ. ކިހިނެއްތަ ހެލްތް ސެންޓަރގެ ކަންތައް؟"

"ރަނގަޅު. އަދި އެހާ މީހުނެއް ނާދޭ ދައްކާކަށް. އެހެންވެ އެހާ ބިޒީއެއް ނުވޭ. އެކަމަކު އެބަ އުޅެޔޯ ބޮޑު ހުމެއް މިރަށުގަ" ދީނާ ވާހަކަދެއްކީ ފޯނާ ކުޅެމުންނެވެ.

"އާ. މާމަވެސް ހުންފާޑުވެފަ ހުރީ މަންމަ މިއަދު ހެނދުނު ދިޔައިރު. ހަވީރު ގުޅާލީމައި ބުނި ރަނގަޅޭ. އެކަމަކު މާދަން ހުން އައިސިއްޔާ ދީނާ ގޮސްލައްޗޭ މާމަ ބަލާލަން އިނގޭ" މަންމަ މިހެން ބުނެ ނުނިމެނީސް މީހަކު ބާރު ބާރަށް ހަޅޭއްލަވާ އަޑު އިވެން ފެށިއެވެ. އަހަރެމެން ދިޔައީ ސިއްސައިގެން ކަމުން ކޮޅަށްވެސް ތެދުވެވުނެވެ. އެކި ދިމަ ދިމާ ބެލިއިރު އަތިރިމައްޗަށްދާން އޮންނަ މަގުން އަންހެނަކު އޭނަގެ ލިބާސް ޖަހާ އަރުވާލައިގެން ބާރަކަށް ދުވެފައި އެބަ އާދެއެވެ. ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭ ހެންނެވެ. މިއަޑެއް އިވިގެން އޭރު މަގުމަތިން ދިޔަހާ ބަޔަކުވެސް ދުވެފައި ކަހަލަގޮތަކަށް އަހަރެމެން ގެއާ ދިމާލަށް އައެވެ.

"ދައިތައެއް ނެތް. ދައި" މާނޭވާ ލަމުން އައި ސިއްތިފުޅަށް ކިޔެނީ އެހިސާބަށެވެ.

"އޭ.. މަންމަ ކޮބާ؟" އަސްމާވެސް ސިއްތިފުޅާ ދިމާލަށް ދުއްވައިގަންނަމުން ބުނެލިއެވެ.

"އެކޮއި... ކަމަކުދާކަށްނެތް. ހިނގާ ހަސަންފުޅު ހޯދަން" ސިއްތިފުޅަށް ވާހަކަ ދެއްކެނީވެސް ނިކަން ހާލުންނެވެ. ލާފައިވާ ނޫކުލައިގެ ލިބާހުގެ ފަސްބައިގައި ހިފައި އަތުންނާއި ލޮލުން އެކި ވައްތަރު ޖައްސަމުން އެކިޔާ ނުކިޔާ އެއްޗެއްވެސް އިނގެނީ ވަރަށް ކަނުލައި އަޑު އެހީމައެވެ. އަހަރެންގެ ބައްޕައާއި މަންމަވެސް ސިއްތިފުޅާ ކައިރިވެއްޖެއެވެ. އަހަންނާއި ދީނާ ތިބީ ވާނުވާ ނޭނގިފައެވެ.

"ވީގޮތެއް ކިޔައިދީބަލަ. އޭރުންނު އަހަރެމެންނަށްވެސް އިނގޭނީ؟" ބައްޕައާއި އަދިވެސް އެހެން އަވަށްޓެރި ފިރިހެނެއް ސިއްތިފުޅު ކައިރިއަށް ޖެހިލާފައި އެހިއެވެ.

"މަ..މަ އުޅުނީ ދަރުކޮޅެއް ނަގަން ގޮސް. އޭރު ދަ ދަ ދައިތަވެސް އު އުޅޭ. އެތާ ހުރި ބޮޑު ވިނަގަނޑު ކައިރީގައި. މަ ބަރޯ ހިފައިގެން ވަލުން ނުކުތް އިރުވެސް އެދައިތަ އޮތީ މަށަށް ކުރިންވެސް އޭނަ ފެނުނުއިރު އޮތްހެން ގުދުވެގެން ކާށްޓެއްގައި ހިފައިގެން... އަޅެ، އަޅެ ބޯވެސް ހާވާލާއިގެންނޭ އޮތީ. ނުލާހިކުބޮޑަށް ތެޔޮލައިގެން އުޅޭ މީހެއްނު އެއީ. މޫނެއް ނުފެނުނަސް ދައިތަކަން އިނގުނު" ވާހަކަ ދައްކަމުން އަތިރިމައްޗާވީ ފަޅިއަށް ބަލާލަމުން ސިއްތިފުޅު ހުއްޓާލިއެވެ. ފެނުނު ކަންތައް ކިޔައިދޭން އުދަނގޫވެގެން އުޅޭހެން ހީވެއެވެ.

"ދެން؟" އަސްމާއަށް ކެތްނުކުރެވިގެން މިފަހަރުވެސް އަހާލިއެވެ.

"ދެން އޭނަ އެކުރާ ކަމެއް ބަލަން މަމިދިޔައީ. ބަރޯ ބަހައްޓާފައި. ކައިރިއަށް ދަމުން ގޮވާލީމައި ކުޑަކޮށް ތެދުވެ ބޯ ރަނގަޅުކޮށްލި. އެކަމަކު ނުބަލާ މަށާ ދިމާލަށް. ދަރުފުނިން ދައިތަގެ ފައިކައިރި އެއްވެސް ގޮތަކަށް ނުފެނޭ. ދެން އެކޮއިއަށް އެނގެއެއްނު އެހިސާބުގައި އެއޮންނަ ވިނަގަނޑުވެސް ކިހާބޯ. ނުފެނޭ މާކަ ރަނގަޅަށް ތިރިއެއް. ދެން މަ އަނެއްކާވެސް ގޮވީމައި އެއްކޮށް ކޮޅަށް ތެދުވެ ބަލާލީ.. ލޯ. ލޯ ހުރީ ފާޑަކަށް. އަނދިރިކަމުން އެހާ ސާފެއް ނުވި. ކީއްކުރަނީހޭ އެހީމައި ހީލީ ބާރަކަށް. މަށަށް ޔަގީނޭ ދެން އެއީ ދެއަޑެއްކަން.. ބިރުވެރި...."

ދެންވެސް ސިއްތިފުޅަށް ވާހަކަ ނުދެއްކިގެން ހުއްޓިލިއެވެ. އޭރު ކައިރި ގެއަކުން އަންހެނަކު އައިސް ސިއްތިފުޅު އަތަށް ފެންތަށްޓެއް ދިނެވެ. އެހާ ހިސާބުން އަހަރެމެން އެންމެންނަށްވެސް ބެލެން ފެށީ ކުރިމަތިން ފެންނަން އޮތް އަތިރިއާވީ ފަޅީގެ މަގާދިމާލަށެވެ. އެއްވެސް ލައިޓެއް އެހިސާބުގައި ނޯންނައިރު އިރުއޮއްސުމުގެ ކުލަވަރާ އެކުވެގެން އަނދިރިކަން ފާޅުވާއިރު އެހިސާބު ފެންނަނީ ނާމާންކޮށެވެ.

އެތާ ތިބި އަހަރެމެން އުމުރުގެ ދެފިރިހެން ކުއްޖަކު ދުއްވައިގަތީ މިސްކިތާ ދިމާލަށެވެ. މިސްކިތަށް ދިއުމުން އަހަރެމެން ރަށުގެ މުދިމް ހަސަންފުޅާ ދިމާވާނެތީއެވެ.

"ދެން ކިހިނެއްވީ؟" އަސްމާ ސިއްތިފުޅު ކައިރީގައި އަހާލިއެވެ. މަ ތަންކޮޅެއް ކައިރިއަށް ޖެހުނުތަނާ ފެނުނީ.... ދައިތަގެ ފައިތިލަ އެއް ނުފެނޭ. ބިމަކު ނުޖެހޭ.. އާ ނުޖެހެޔޭ.. މަ ބިރުން. މަ ބިރުގަތަސް މަގޭ ޒަމާން ދާނެ ވިއްޔަ ދުއްވައިގަނެފިއްޔާ. މަ އަވަހަށް ބުނިން ނޭނގޭކަމަށް ހަދާފައި ނިންމާފައި މަމިދަނީ ގެއަށޭ. ކިޔާފައި ބާރަށް ހިނގާފައި މިއައީ އެހިސާބަށް" ކުޑަކޮށް ލޯ ހަނިކޮށްލަމުން ސިއްތި އަހަރެމެންނަށް އޭނާ ފެނުނު ހިސާބު ދައްކާލިއެވެ. އިނގިލި ދިގުކޮށްފައި ދައްކާކަށް ނުކެރުނެވެ. ދީނާއާއި އަހަރެން ބިރުންގޮސް މަންމަ ކައިރިއަށް ޖެހިލީމެވެ. ލޮލުގެ ވަށްކަޅިން ވެސް އަހަރެމެންނަށް ބެލެނީ އެމަގާ ދިމާލަށެވެ. ކިތަންމެ ނުބަލަން ތިއްބަސް ބެލެނީއެވެ. ގެއަށް ވަންނާކަށްވެސް އަހަރެންނަކަށް ނުކެރުނެވެ.

"ދެން ހީވޭ އަޅެ އައިހެން. އެހިސާބަށް އަރާފައި ތިމީހުން ފެނުނީމައި މަށަކަށް ދެން ކެތެއް ނުވި. މަރުވިޔަސް ހެޔޮކަމަށް މަ ދުއްވައިގަތީ" މިހެން ބުނެވުނުތަނާ ސިއްތިފުޅު އަނބުރައިގަނެގެން އަހަރެމެންގެ ބައްޕަގެ އަތް މައްޗަށް ވެއްޓުނެވެ. އޭރު މުންޑު އަރުވައި ޖަހާލައިގެން ހަސަންފުޅު އަންނަތަން ފެނުނެވެ. ކައިރީގައި ހަސަންފުޅު ބަލާ ދިޔަ ދެޒުވާނުންވެސް ތިއްބެވެ. ހަސަން ފުޅަށް ވީގޮތް ކިޔައިދީފައި އަހަރެމެން މަގުގެ ކޮޅަށް ބަލާލީ އެންމެން އެއްކޮށެވެ. އެވަގުތު އަހަރެންގެ ފުރާނަ ހަށިން ނުނުކުތީ ހަމަ ކުޅަދުންވަންތަކަމުންނެވެ. ފެނުނު ބިރުވެރި މަންޒަރުން ހޭބުއްދި ފިލާނުދިޔަކަން ހަމަ ނަސީބެކެވެ. ދީނާ ވަގުތުން ބައްޕަ ކައިރިއަށް ޖެހިލައި ބައްޕަގެ ފަހަތަށްވަދެ މޫނު ފޮރުވާލިއެވެ. އަހަރެން ހުރީ މަންމަ ކައިރީގައިއެވެ.

ސުބުހާނަﷲއެވެ. މަގުގެ ކޮޅުގައި އެހުރީ ސިއްތިފުޅަށް ފެނުނު ދައިތައެވެ. ދެތެކެވެ. ފައިތިލަ ނުފެނެއެވެ. ބިމުގަ ނުޖެހެއެވެ. ހީވަނީ ވަޔާ އަރައިގެން އަރައިގެން އައިސްހުރި އެއްޗެއް ހެންނެވެ. ހަސަން ފުޅު ހުރީމައި ކަމަށްވެސް ވެދާނެއެވެ. ކުއްލިއަކަށް އަހަރެމެންގެ ލޯކުރިމަތިން އެގެއްލިއްޖެއެވެ. އެހާ ހިސާބުން އަހަންނަކަށް ކެތެއް ނުވިއެވެ. ދުވެފައި އައިސް މަންމަ ގައިގައި ބައްދާލާފައި ރޯން ފެށުނެވެ. ބައްޕަވެސް ދީނާ ގޮވައިގެން އައިސް އަހަރެމެން ކައިރިއަށް ޖެހި ހިތްވަރުކުރުމަށް ބުނެލިއެވެ. ވީނުވީއެއް ދީނާއަށް ފަހުން ނުފެންނާތީ އޭނަ އެހީ އޭތި ކޮބައިތޯއެވެ. އަސްމާވެސް އަނބުރައިގަނެގެން ވެއްޓުމުން އެންމެން ވެގެން އަސްމާއާއި ސިއްތިފުޅު ވެއްދީ ދައިތަމެންގެ ގެއަށެވެ. އެރޭ ފަންޑިތަ ހެދުމަށް ބޭނުންވާ އެއްޗިއްސާއި ކިޔެވެލި ކިޔަވާނެ މީހުން ހޯދުމަށްފަހު ހުރިހާ ފިރިހެންވެރިން ހަށިރައްކަލާއެކު ނުކުތީ ދައިތަ ހޯދުމަށެވެ. ބައްޕައަށް ނުދެވުނީ އަހަރެން ރޯވަރުންނެވެ. ބައްޕަ ދާން އުޅޭކަން އެނގުމުން އަހަރެން އަދި މާބޮޑަށް ރޯން ފެށީމެވެ. އެއް ސަބަބަކީ ބިރުން އިން ވަރުންނެވެ. އަނެއް ސަބަބަކީ ބައްޕައަށް ކަމެއް ވެދާނެތީ ގަތްބިރުންނެވެ.

ކޮންމެއަކަސް މާކަ ދުރު ބަލާކަށް އެމީހުންނަކަށް ނުޖެހުނެވެ. ސިއްތިފުޅަށް ދައިތަ ފެނުނު ވިނަގަނޑުގެ ތަންކޮޅެއް އެތެރޭގައި ދައިތަ އޮތީ އަނބުރައިގަނެގެން ވެއްޓިފައެވެ. ހުން ގަދަކަމުން އަތްފިހޭހާވާކަމަށް ދައިތަ ގެނައި މީހުން ބުންޏެވެ. އެރޭ ފަންޑިތަހަދައި ނިމެންދެން އަހަރެމެން ތިބީ އެގޭގައި ހުރި އެހެން ކޮޓަރިއެއްގައެވެ. ގެއަށް ދާކަށްވެސް އަހަރެމެންނަކަށް ނުކެރުނެވެ. ފަންޑިތަ ހަދަން ފެށުމުން ދައިތަގެ ހަށިގަނޑަށް ވާންވެ ބާރު އަރައި އުޅުނު ވާހަކަ ބައްޕަ ބުންޏެވެ. އަދި ދައިތައާ އަވަލެވީ ވަލުތެރޭގައި އުޅޭ ޖިންނިއެއްކަމަށާއި އެއީ އަބަދު ދެނަމާދު ދޭތެރޭގައި އެހެން އުޅޭތީ ވީގޮތެއް ކަމަށް ހަސަންފުޅު ބުނިކަމަށް ބައްޕަ ބުންޏެވެ. އެރޭގެ މަސައްކަތުން ދައިތައަށް ކުޑަކޮށް ލުއިވުމުން ބައްޕަ އަހަރެމެން ގޮވައިގެން ގެއަށް އައެވެ. ގެއަށް އައިއިރުވެސް އަހަރެންނަށް ބެލެނީ މަގުގެ އެފަރާތަށެވެ. ނަމަވެސް މުޅި ރަށުގެ ކޮންމެ ގެއަކުން ވަނީ ޤްރުޢާނުގެ މޫރިތި އާޔަތްތައް ޖަހާފައި ކަމުން ހިތަށްވަނީ ކޮންމެވެސް ވަރަކަށް ހަމަޖެހުން ލިބިފައެވެ. އަހަރެމެންވެސް ގެއަށްވަދެ އެންމެ ފުރަތަމަވެސް ހަސަންފުޅު ބުނިހެން ގްރްޢާން ޖަހައި ނަމާދުކޮށް ވުޟޫކަންމަތީގައި ތިބީއެވެ. އެރޭ ފާއިތުވީ އެފަދަ ގޮތަކަށެވެ.

އޭގެ ފަހުން ހަފްތާއެއްވިއިރު ހަސަންފުޅުމެން ނުނިދައި ތިބެ ކުރި މަސައްކަތުން މުޅި ރަށް އަމާންވެ ދައިތަވެސް ހަމަޔަކަށް އެޅުނެވެ. ފަހުން ދައިތަ ކިޔައިދިން ގޮތުގައި ދައިތަ އެއްވެސް ކަމެއް ހަނދާނެއް ނެތެވެ. ވަލަށް ގޮސް އެވިނަގަނޑު ކައިރީގައި ކާށްޓެއް ނަގަން ގުދުވިކަން ހަނދާންވާކަމަށާއި އިތުރުކަމެއް ނޭނގޭކަމަށް ދައިތަ ބުންޏެވެ. އެފަހުން ދައިތަ އޮޅިގެންވެސް އަތިރިމައްޗާވީ ފަރާތަށް ނުދެއެވެ. ދެނަމާދު ދޭތެރޭ ޤްރްއާން ކިޔަވައި ކޮންމެ ރެއަކުވެސް އަޅުކަމާއިގެން ދައިތަ އުޅެއެވެ.

މިހާރު އެ ހާދިސާއަށް އެތަށް އަހަރެއްވެ ފާއިތުވެއްޖެއެވެ. އަހަރެންނާއި ދީނާވެސް މީހުންނާއި އިނދެގެން މިއުޅެނީ އަހަރެމެންގެ ގޭގައެވެ. ދޭތެރެއަކުން އަދިވެސް އަތިރި މައްޗަށް ދަމެވެ. ނަމަވެސް ދުވަހަކުވެސް އިރުއޮއްސޭ ގަޑީގައި ނުދަމެވެ. އެ ހާދިސާއަށް ކިތަންމެ ދުވަހެއް ވިޔަސް އެދުވަސް އަހަރެމެންގެ ހިތުން ފިލައިގެން ނުދެއެވެ. އިއްޔެވީކަމެއް ފަދައިން އެހުރިހާކަމެއް ލޯކުރިމަތީގައި ސާފުކޮށް ފެންނަން ހުރެއެވެ. ދޮގު ނަހަދާ ބުނަންޏާ ދައިތަ ފެނުނަސް އަހަރެން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާތުމާ

    ހަހަހަހަހަަ.. މަ ހީހީ ހަލާ ކު. ބަނޑަށް ތަދުވާ ވަރު ވެއްޖެ....

    12
    5
  2. ވަލުޖިންނި

    އަދިވެސް އެ ދައިތަ ދުނިޔޭގަ އެބަހުރިތަ އުމުރުން ކިހާ ވަރެއް؟

    10
    1
  3. ލަމްޢާ

    ރީތި ނޫން

  4. މަޖާ

    ހާއްސަ ކޮށް ސިއްތި ފުޅުގައި 🤣🤣🤣