އާމޮޑެލްއެއްގެ އައިފޯނެއް ބޭނުން ކޮށްލުމުގެ ފުރުސަތު އަދި މިއަހަރު ނުލިބުނު ނަމަވެސް އައިއޯއެސް 14 އާއި އެކު އެޕަލްގެ ލޯބިވެރިންނަށް މިވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައެވެ. އައިއޯއެސްގެ އާއަޕްޑޭޓާއި އެކު ގިނަ ބަދަލުތަކަކާއި މުހިއްމު ފީޗާތަކެއް ވަނީ ލިބިގެން ގޮސްފައެވެ. މީގެ ތެރެއިން އެންމެ ހާއްސަ އެއް ފީޗާ އަކީ ތިބާގެ ހަރަކާތްތައް އެހެން މީހަކު ބަލަމުން ދާނަމަ އެކަން އަންގައި ދިނުމަށް ފޯނުގެ ސްކްރީނުން ފެންނަން އިންނަ ފާހަގައެވެ.

މައިކްރޯފޯން ނުވަތަ ކެމެރާ އެކްޓިވޭޓް ވެފައިވާނަމަ އެކަން އަންގައި ދިނުމަށް ފޯނުގެ ސްކްރީނުން މަތީ ކަނަށް އޮރެންޖް ކުލައިގެ ތިއްކެއް އަރާފައި އިންނާނެއެވެ. އޭގެ މާނައަކީ ތިބާގެ ފޯނުން ދައްކާ ވާހަކަ ކޮންމެވެސް އެހެން މީހަކު އެބައަޑުއަހައެވެ. ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް މައުލޫމާތުތައް ހޯދަމުން އެބަގެންދެއެވެ.

ވަށައިގެން ޖާސޫސުންނާއި، ސިއްރުން މައުލޫމާތުތައް ވަގަށް ނަގާ މީހުން ތިބި މިޒަމާނުގައި މިއީ ވަރަށް މުހިއްމު ފީޗާއެކެވެ.

އައިއޯއެސް 14 އާއި އެކު އައިފޯން ވެގެން ދާނީ މީހުންގެ ޒާތީ މައުލޫމާތުތައް އެންމެ ފުރިހަމައަށް ކަށަވަރު ކޮށްދޭ ފޯނަށް ކަމަށް އެޕަލް އިން ބުނެއެވެ. "މީހުންގެ ޒާތީ މައުލޫމާތުތަކީ އެންމެ ބޮޑު އެއް އިންސާނީ ޙައްޤު. އެޙައްޤު ހިމާޔަތްކޮށް ކަށަވަރު ކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިދަނީ ކުރަމުން. އައިއޯއެސް 14 ގައި މީހުންގެ ޒާތީ މައުލޫމާތުތައް ހިމާޔަތް ކުރުމަށް ފޯނު ބޭނުން ކުރާ މީހުންނަށް ވާނީ އިތުރު އިހްތިޔާރުތަކެއް ދީފައި." އެޕަލް އިން ބުންޏެވެ.

މީގެ އިތުރުން އައިއޯއެސް 14 ގައި މީހަކު ހުންނަ ސީދާ ލޮކޭޝަން ފޯނުން އަންގައި ދިނުމުގެ ބަދަލުގައި އެމީހަކު ހުރި ސީދާތަނެއް ނުބުނެ، އެސަރަހައްދެއްގެ ލޮކޭޝަން ފޯރުކޮށްދޭ ފީޗާއެއް ވެސް ވަނީ ހިމަނާފައެވެ.

އެޕަލް އިން މީހުންގެ ޒާތީ ދިރިއުޅުމަށް އިތުރު ސަމާލުކަމެއް ދިންއިރު ފޭސްބުކް ފަދަ ކުންފުނިތަކުން މީހުންގެ ޒާތީ މައުލޫމާތުތައް އަމިއްލަ ބޭނުންތަކަށް ބޭނުން ކުރާކަމުގެ ތުހުމަތު ވަނީ ވަރަށް ބޮޑަށް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސޭނު

    ހުސްފޭކު.