ދުނިޔޭގެ އެކި ހިސާބުތަކުގައި ސިހުރުވެރިން ގެންގުޅޭ ވައްޓަފާޅިތައް ތަފާތެވެ. ސަޤާފީ ގޮތުން އެކި ކަހަލަ ގޮތްގޮތުން ސިހުރު ހަދާ އިރު އެކި މީހުން ސިހިރު ހަދަނީ އެކި ބޭނުމަށެވެ. ސިހުރު ހެދުމަކީ އިސްލާމް ދީނުގައި އެންމެ ބޮޑެތި ފާފަތައް ގޮތުގައި ހިމެނޭ އެއްކަމެވެ.

އެހެންނަމަވެސް މުސްލިމުންނާއި ޢައިރު މުސްލިމުންގެ މެދުގައި ވެސް ސިހުރުގެ ނުބައި އަމަލު ހިންގާ މީހުން މަދެއް ނޫނެވެ. ބައެއް މީހުން ސިހުރު ހަދަނީ ލޯބިވެރިން ހާސިލްކުރަންނެވެ. އަދި މުދަލާއި ދުނިޔޭގެ އުފާތައް ހޯދަން ބައެއް މީހުން ސިހުރު ހަދާ އިރު އަނެއް ބަޔަކު ސިހުރު ހަދަނީ އަމިއްލަ އަށް ރީތި ވުމަށެވެ.

އިންޑޮނޭޝިއާގެ އަންހެނަކު މިގޮތަށް ސިހުރު ހަދާފައި ނޫނީ، އެހެން ބަޔަކު އޭނާ އަށް ސިހުރު ހަދާދީފައި ހުރިކަން އެނގުނީ ގައިގައި ރިއްސާތީ އޭނާ ޑޮކްޓަރަށް ދެއްކުމުންނެވެ. ޓަސްކިއާ ސައިބީރާ ނަމަކަށް ކިޔާ ޑޮކްޓަރަކު ވަނީ އޭނާ ފަރުވާދޭ އެ ބަލި މީހެއްގެ އެކްސްރޭ އާއްމުކޮށްފައެވެ.

އިންޑޮނޭޝިއާގެ ނޫސްތަކުން ބުނީ 55 އަހަރުގެ އެ ބަލިމީހާގެ އެކްސްރޭއިން އެތައް ސަތޭކަ ތިނޯސްތަކެއް ފެންނަ ކަމަށާއި، އެ ތިނޯސްތަކަކީ ސިހުރުހަދަން ބޭނުންކުރާ ޒާތުގެ ތިނޯސްތަކެއް ކަމަށެވެ.

އެ އެކްސްރޭއަށް ބަލާލުމުން އެކަނިވެސް އެ ތިނޯސްތަކުން ތަދުވާނެ މިންވަރު އިހުސާސްކުރެވެއެވެ. ސުސުކް ނަމަކަށް ކިޔާ މި ތިނޯހަކީ ދަނގަޑު ނޫނީ ރަން ކަހަލަ އެއްޗަކުން ހަދާފައިވާ ތިނޯހެކެވެ. އެ ތިނޯސް ގަޔަށް ސިހުރު ހަދާފައި ހެރުމުން އެ ތިނޯސް ބޭނުން ކުރާ މީހާ ރީތި ވާނެ ކަމަށް އިންޑޮނޭޝިއާގެ ބައެއް މީހުން ޤަބޫލު ކުރެއެވެ.

އެ އެކްސްރޭ ހިއްސާ ކުރި ޑޮކްޓަރު ބުނީ އާއްމުކޮށް މިކަހަލަ ތިނޯހުން ސަރޖަރީއަށް ހުރަސް ނޭޅޭ ކަމަށާއި، އެ ތިނޯސްތައް މިހާރު ނަގާފައިވާ ކަމަށެވެ.

އެހެންނަމަވެސް މިގޮތަށް ސިހުރު ހެދުމަކީ ހަށިގަނޑަށް ވަރަށް ބޮޑަށް ނުރައްކާވާ ކަމެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ ސަަބަބުން ހަށިގަނޑުގައި ޖަރާސީމް ހެދި ހޮރުތަކަށް އަސަރު ކުރުން ގާތްކަމަށް އެ ޑޮކްޓަރު ވަނީ ބުނެފައެވެ