ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓަށް އޮކްސިޖެން ފުޅި އާއި ނުލައި ދިހަ ފަހަރެއްގެ މަތީން އެރުމުގެ ރެކޯޑް އޮންނަ ނޭޕާލްގެ އަންގް ރީތާ މަރުވެއްޖެ އެވެ.

އުމުރުން 72 އަހަރުގައި، އަންގް ރީތާ މަރުވެފައި ވަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. އޭނާ މަރުވީ ސިކުނޑި އާއި ފުރަމޭގެ ބައްޔެއް ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ނޫސްތަކުން ބުނެއެވެ.

އަންގް ރީތާ މަރުވުމަކީ ނޭޕާލަށާއި، އެޤައުމުގެ ފަރުބަދައަށް އަރާ މީހުންގެ ޖަމާޢަތަށް ހީނަރުކަން ލިބިގެންދާ ބޮޑު ހިތާމައެއް ކަމަށް އެޤައުމުގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

އަންގް ރީތާއަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. ދުނިޔޭގެ ރެކޯޑެއް ޤާއިމްކުރެވުނު ކަމަށް ކަނޑައަޅައި އޭނާގެ ނަން ރެކޯޑް ފޮތަށް އަރާފައި ވަނީ 1983 ވަނަ އަހަރާއި 1996 ވަނަ އަހަރާއި ދެމެދު ދިހަ ފަހަރެއްގެ މަތީން، އޮކްސިޖެން ފުޅިއެއްގެ އެހީއާއި ނުލައި މައުންޓް އެވަރެސްޓުގެ އެންމެ އުހަށް އަރާފައިވާތީ އެވެ.

އޭނާ އަކީ މި ފަރުބަދައަށް އޮކްސިޖެން ފުޅިއަކާއި ނުލައި، ފިނި މޫސުމުގައި ވެސް އެރި ފުރަތަމަ މީހާއެވެ. އޭނާ މި ރެކޯޑް ޤާއިމްކޮށްފައި ވަނީ 1987 ވަނަ އަހަރު އެވެ.

އަންގް ރީތާގެ، ފަރުބަދަށް އަށް އެރުމުގެ ހުނަރާއި ގުޅިގެން އޭނާއަށް ނޭޕާލްގެ ފަރުބަދައަށް އަރާ މީހުންގެ ޖަމާޢަތުން އޮންނަނީ "ސްނޯ ލެޕަޑް" ގެ ނަން ދީފައެވެ. އޭނާ ވަނީ މައުންޓް އެވަރެސްޓް ހުންނަ ހިމާލިޔާ ސަރަޙައްދުގެ ތިމާވެށި ރައްކާތެރި ކުރުމުގައި ވެސް ގިނަ ޚިދުމަތްތަކާއި މަސައްކަތްތައް ކޮށްފައެވެ.

އަންގް ރީތާގެ މަރުގެ ޚަބަރާއެކު ނޭޕާލްގެ ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ އޭނާގެ އާއިލާއަށް ތަޢުޒިޔާ ފޮނުވާފައެވެ. އަދި އޭނާގެ ހަނދާންތައް ތާރީޚުން ފޮހެވިގެން ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ނޭޕާލްގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި އިދާރާތަކާއި ޖަމާޢަތްތަކުގެ އިތުރުން އާންމުންގެ ގިނަ ބަޔަކު އަންނަނީ ހިތާމަރި ޝުޢޫރުތައް ފާޅުކުރަމުންނެވެ.

އުސްމިނުގައި 29,028 ފޫޓު ހުންނަ މައުންޓް އެވަރެސްޓުގެ އެންމެ އުހަށް އޮކްސިޖެން ފުޅިއާއި ނުލައި އެރުމަކީ ވަރަށް މަދު ބަޔަކަށް ނޫނީ މިހާތަނަށް ކާމިޔާބުކަމާއެކު ހާސިލް ކުރެވިފައިވާ ކަމެއް ނޫނެވެ. މި ފަރުބަދައިގެ އުސް ކަމުން، އުސް ހިސާބުތަކުގައި އޮކްސިޖެންގެ މިންވަރު ހުންނަނީ ވަރަށް ދަށްކޮވެ. އެހެންކަމުން އޮކްސިޖެން ފުޅީގެ އެހީގައި ނޫނީ އެ ހިސާބުތަކުގައި ހަމަޔަށް ނޭވާ ލުމަކީ ގިނަ ބަޔަކަށް ކުރެވޭ ކަމެއް ނޫނެވެ.