ނުކުރާ ކުށެއްގައި ފްރޭމްކޮށް ޖަލަށްލި ބޭބެ ސަލާމަތް ކުރަން މައިކަލް ސްކޯފީލްޑް ޖަލަށް ވަދެ ކުރާ މަސައްކަތާއި އަދި އޭގެ ފަހުން ޖަލުން ސަލާމަތްވާ ގޮތާއި ނަމަވެސް އަނެއްކާ އޭނާ ޔަމަންގެ ޖަލެއްގައި ހައްޔަރުވާ ގޮތާއި ޔަމަންގެ ޖަލުން ސަލާމަތްވެ އާދައިގެ ދިރިއުޅުމަކަށް އައިގޮތް ގެނެސްދިން މަޝްހޫރު ސީރީޒް "ޕްރިޒަން ބްރޭކް" އަނެއްކާވެސް ފެންނަން އުޅޭ ޚަބަރު މިއަދު ލިބިއްޖެއެވެ.

ޕްރިޒަން ބްރޭކްގައި ލިންކަން ބްރޯސްގެ ބައި އަދާކުރި އެކްޓަރު ޑޮމިނިކް ޕާސެލް މިއަދު ވަނީ ޕްރިޒަން ބްރޭކްގެ ހަވަނަ ސީޒަންގެ މަސައްކަތް މިހާރު ކުރިއަށްދާކަން އިންސްޓަގްރާމްގައި ކަށަވަރު ކޮށްދީފައެވެ.

ޕްރިޒަން ބްރޭކްގެ ފުރަތަމަ ހަތަރު ސީޒަން ގެނެސް ދިނީ 2005 ވަނަ އަހަރުން 2009 ވަނަ އަހަރަށެވެ. އޭގެ ފަހުން ފަސް ވަނަ ސީޒަން ވަނީ 2017 ވަނަ އަހަރު ގެނެސްދީފައެވެ. ފަސްވަނަ ސީޒަން ނިމިގެން ދިޔައީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އާއި ގުޅެން މައިކަލް އަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލާ "އާދައިގެ ދިރިއުޅުމެއް" އޭނާ އުޅެން ފެށިތަނުންނެވެ.

އެހެންކަމުން ހަވަނަ ސީޒަން ވެގެން ދާނީ އަނެއްކާވެސް މައިކަލްގެ އާވާހަކައެއް ގެނެސްދޭ މުޅިން ތަފާތު ސީޒަނަކަށް ކަމަށް ބެލެވެއެވެ.

ޕްރިޒަންގެ ބްރޭކްގެ ހަވަނަ ސީޒަނެއް ފެންނާނެކަން ކަށަވަރު ވެފައި ވީނަމަވެސް ސީރީޒް ގެނެސްދޭ ފޮކްސް އެންޓަޓެއިންމެންޓުން އަދި މިކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް މިދިޔަ އަހަރު ފޮކްސް އިން ވަނީ ޕްރިޒަން ބްރޭކް އާއި އަދި އެހެން މަޝްހޫރު ބައެއް ސީރީޒްތަކުގެ އާއެޕިސޯޑްތަކެއް ކުރިއަށް އޮތްތަނުގައި ފެނިގެން ހިނގައިދާނެ ކަމަށް ބުނެފައެވެ.

ޕްރިޒަން ބްރޭކްގެ ހަވަނަ ސީޒަން ބަލާލަން ލިބޭނީ ކޮން ދުވަހަކު ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އަންނަ އަހަރުގެ މެދުތެރޭގައި ހަވަނަ ސީޒަން ބަލާލުމުގެ ފުރުސަތު ލިބިދާނެއެވެ.