އެމެރިކާގެ ފްލޮރިޑާގައި ފިރިހެނަކު ސްނޯކްލީންކޮށް ފީނަމުން ދަނިކޮށް މިޔަރެއް ހަމަލާ ދެމުންދާ ކަން އެނގިގެން އޭނާގެ ބަނޑުބޮޑު އަނބިމީހާ އޭނާ ސަލާމަތްކޮށްދީފިއެވެ.

ފްލޮރިޑާގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި 30 އަހަރުގެ އެންޑްރިއު ޗާލްްސް އޭޑީ ފީނަން މޫދަށް ފޭބިތާ މާ ގިނައިރުތަކެއް ނުވެ މިޔަރެއް އޭނާއަށް ހަމަލާ ދިނެވެ.

އެންޑްރިއު ޗާލްސް މޫދަށް ފުންމާލިއިރު އޭރު ބޯޓުގައި ހުރި އޭނާގެ އަނބިމީހާ، މާގޮޓް ޑިއުކްސް އޭޑީއަށް މިޔަރެއްގެ އުރަހަ ފެނި އޭތި ކައިރީގައި ލޭ ދައުރުވަމުންދާ މަންޒަރު ފެނިގެން އަވަހަށް މޫދަށް ފުންމާލި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މާގޮޓް ޑިއުކްސް ބަލިވެ އިނދާ މޫދަށް ފުންމާލާ ޖެހިލުމެއް ނެތި އޭނާގެ ފިރިމީހާ މޫދުން ނަގައިގެން އެއްގަމަށް ގެނެސް އެހީއަށް އެދި 911 އަށް ގުޅިއެވެ. ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް މާގޮޓް ގުޅިތާ ގިނަ އިރެއް ނުވަނީސް ޕެރަމެޑިކުން އެސަރަހައްދަށް ދިޔައެވެ.

ޖޯޖިއާ ސްޓޭޓަށް ނިސްބަތްވާ މި ދެމަފިރިން ފްލޮރިޑާއަށް ގޮސް ތިބީ ޗުއްޓީ ހޭދަކުރުމަށެވެ. ޗުއްޓީ ހޭދަކުރުމުގެ ގޮތުން އަމިއްލަ އުޅަނދެއްގައި ދަތުރު ކުރަމުން ދިޔައީއެވެ.

އެންޑްރިއު ޗާލްސް މި ވަގުތު ވަނީ މިއާމީގެ ޓްރައުމާ ސެންޓަރަށް ފަރުވާއަށް ގެންގޮސްފައެވެ. ރެސްކިއު އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާގެ ހާލު ވަރަށް ސީރިއަސްއެވެ.

ފްލޮރިޑާއަކީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް މިޔަރުގެ ހަމަލާތައް އެންމެ ގިނައިން ރިޕޯޓް ކުރެވޭ އަވަށެވެ. މި އަހަރުގެ މިހާތަނަށް މިފަދަ 21 ހާދިސާއެއް ރިޕޯޓް ކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު