ދުނިޔެ ކުރިއަރައިގެން ގޮސް އެންމެންނަކީ ވެސް ތަފާތު ގިނަ މައުލޫމާތު ލިބިފައިވާ ތަންދޮރު ދަންނަ ބަޔަކަށް ވެއްޖެއެވެ. ނަމަވެސް ރަހުމަތްތެރިއަކު ނުވަތަ ދަންނަ މީހަކު ފެންނައިރަށް ހިތުގައި އޮންނަ ކޮންމެ ވާހަކައެއް، ނުވަތަ ކޮންމެ ސުވާލެއް ކޮށްލާ މީހުން ވަރަށް ގިނައެވެ. އެކަމުގެ ސަބަބުން އަނެކާކަށް ކުރާނެ އަސަރެއް އަދި އަނެކާއަށް ވާނެ އުނދަގުލެއް އެފަދަ މީހުންނަށް އިހްސާސެއް ނުވެއެވެ.

މީހަކާ އިންނަނީ ކޮންދުވަހަކުން؟

ގާތް މީހަކު ކައިވެނި ނުކޮށް އުމުރު މައްޗަށް ދިއުން އެއީ އެމީހަކު ދެކެ "ލޯބިވާ" ރަހުމަތްތެރިންނާއި އާއިލާ މީހުންގެ ވެސް ކަންބޮޑުވުމަކަށް ވެދާނެއެވެ. ނަމަވެސް ފެން ކޮންމެތަނަކުން ކައިވެނި ކުރަނީ ކޮންދުވަހަކުންތޯ އެހުން އެއީ އެސުވާލު ރައްދުވާ މީހާއަށް ކުރިމަތިވާނެ ވަރަށް ބޮޑު ބޮލުގެ ރިހުމެކެވެ. ސުވާލު ކުރާ މީހާއަށްވުރެ މާބޮޑަށް ސުވާލު ރައްދުވާ މީހާ ކައިވެނި ކުރަން ބޭނުން ވާނެއެވެ. އޭނާގެ އުމުރު ތިބާއަށް ވުރެ މާރަނގަޅަށް އެމީހަކަށް އެނގޭނެތާއެވެ. އޭނާގެ ދިރިއުޅުމާއި މެދު ތިބާއަށްވުރެ މާބޮޑަށް އޭނާ ވިސްނާނެތާއެވެ.

ދަރިއަކު ހޯދަނީ ކޮން ދުވަހަކުން؟

ވަރަށް އާއްމު ސުވާލެކެވެ. ކައިވެނި ކުރުމާއި އެކު ދެން ފެންނަ އިރަށް ދަރިއަކު ހޯދަނީ ކޮންއިރަކުންތޯ އަހަން ފަށާނެއެވެ. ދެމަފިރިއަކު ދަރިއަކު ނުހޯދާ ތިބެދާނެ ވަރަށް ގިނަ ސަބަބު ހުރެދާނެއެވެ. އެމީހުން ދަރިއަކު ހޯދަން މާލީ ގޮތުންނާއި އަދި އެހެން ގޮތްގޮތުން ވެސް ތައްޔާރު ނުވަނީ ކަމަށް ވެދާނެއެވެ. ނުވަތަ ސިއްހީ ސަބަބެއް އޮވެގެން ދަރިއަކު ނުލިބެނީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެހުރިހާ ވާހަކައެއް މީހުންނަށް ކިޔައި ދެމުން ހިނގުން އެއީ އެކަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ބަރުދަން ކިހާވަރެއްތަ؟

ދެން ކުރިމަތިވާ އެންމެ އާއްމު ސުވާލަކީ މިއީ އެވެ. ފެންނައިރަށް ބަރުދަން ކިހައި ވަރެއްތޯ އަހާނެއެވެ. ނުވަތަ ހާދަ ފަލަވެއްޖެއޭ ބުނާނެއެވެ. އަހަރެން ފަލަވުމަކީ ކަލެއާއި ކޮން ބެހޭ ކަމެއް ހެއްޔެވެ؟ އަހަރެންގެ ބަރުދަނާއި މެދު އަހަރެން ނުވިސްނާ ވަރަށް ކަލޭ ތިވިސްނަނި ކީއްވެ ހެއްޔެވެ؟ އަހަރެން ފަލަކަމަށް އަހަރެންނަށް ގަބޫލު ކުރެވޭނަމަ އަހަރެން ކަސްރަތު ކޮށްގެން ހިކޭނަމެވެ. ކަލޭ އެކަމާ ކޮންމެހެން ކަންބޮޑުވާނެ ކަމެއް ނެތެވެ.

ހެދުމުގެ އަގު ކިހާވަރެއްތަ؟

މާއާއްމު ސުވާލަކަށް ނުވި ނަމަވެސް ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. ބޮލަށް އުނދަގޫވާ ސުވާލެވެ.

މީގެ އިތުރުން ވެސް ވަރަށް ގިނަ ބޭކާރު ސުވާލުތައް މަގުމަތިން ފެންނަ ދަންނަ މީހުން ކުރެއެވެ. ޖަހައިގެން ތިހުރީ ކޮން ސެންޓެއްތޯ އާއި ލޯބިވެރިޔާ އާއި އެކު އުޅޭތާ ކިހައި ދުވަހެއް ވެއްޖެތޯ އާއި އިސްތަށިގަނޑުގައި ލަނީ ކޮންއެޗެއްތޯ އަހާ މީހުން ވެސް އުޅެއެވެ. ތަންދޮރުދަންނަ މީހުން މިޒާތުގެ ސުވާލުތަކެއް ނުކުރާނެއެވެ. މިއީ ޒާތީ ސުވާލުތައް ކަން ގަބޫލުކޮށް މިފަދަ ކަންކަން ކުރުމުން ތަންދޮރު ދަންނަ މީހުން ދުރުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޒިމްޒިމް

    ޝާނީ އަކީ ވަރަށް ތަފާތު ލިޔުވުއްންތައް ލިޔުއްވާ ބޭކަނބަލެއް... ޝާނީގެ ލިޔުއްވުންތައް އަހަންނަށް ވަރަށް ކަމުދޭ..

    13
    3
  2. ހުސޭނުބޭ

    މަރިޔަމް ޝާނީ މީހަކާ އިންނަނީ ކޮން އިރަކުން؟
    މަރިޔަމް ޝާނީ ދަރިއަކު ހޯދަނީ ކޮން ދުވަހަކުން؟
    މަރިޔަމް ޝާނީ ގެ ބަރުދަން ކިހާވަރެއް؟
    މަރިޔަމް ޝާނީ ލައިގެން ތިހުރި ހެދުމުގެ އަގު ކިހައިވަރެއްތަ؟

    16
    2
  3. ޅަކޮއެ

    ދެން ކުރާ އަނެއް ސުވާޅަކީ ހާދަހިއްކޭ ނުކަނީތަ؟ހީވަނީ ބިނދި ދާނެހެން.

    16
    1
  4. ހިޔާލު

    ދިވެހިން އުނގެނެންވެއްޖެ ކަމެއްމީ

    11
    1
  5. ލޮލް

    ކުރާނަން ކަލެއަށް ކީއްތަ

    6
    8
  6. ސަމްސިއްޔާ

    އެންމެ ފަހު ޕެރެގްރާފްގައި ލިއެފައި އޮތް އެއްޗަކަށް އެއްގޮކަށްވެސް އެއްބަސް ވެވޭކަށްނެތް. އަހަރުމެންނަށް ތަންދޮރު އިންގޭ. ތަންދޮރު އިނގިގެން އެއްޗިލި ލިއުންވެސް މިހިއްމު.

    5
    4
    • އިނގޭ

      އިނގޭ ޔެއް ނޫން. ތަންދޮރު އެނގޭ.

      5
      1
      • މީޙާ

        އިނގޭ "ޔެއް" ނޫން. އިނގޭ އެއްނޫން. މާ ދިވެއްސަ މޮޅުވެގެން ކޮމެންޓް ކުރާތި

        1
        1
  7. އަލީ

    ސަމުސީޔާ އެއީ ހަމަ ތަންދޮރު ނޭގޭ ގަމާރުންގެ ކަމެއް އެހެންމީހުންގެ ޒާތީ ކަންތަކާ ބެހުމަކީ

    7
    1