ތުރުކީވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ އެމްރީ އަސީކް މަރާލުމަށް އޭނާގެ އަނބިމީހާ، އެހެން މީހަކަށް 1.3 މިލިއަން އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ 20 މިލިއަން ރުފިޔާ) ހުށަހެޅިކަން ބޭޒާރުވެ އެންމެ ފަހުން މައްސަލައިގެ ޝަރީޢަތް ފަށައިފިއެވެ.

ތުރުކީވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމަށް އަސީކް ވަނީ 43 މެޗް ކުޅެފައެވެ. އޭނާ ވަނީ ފެނަބާޗޭ އާއި ބެސިކްޓަސް ފަދަ މަޝްހޫރު ޓީމްތަކަށް ވެސް ކުޅެފައެވެ.

މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އަސީކް މަރާލަން އޭނާގެ އަނބިމީހާ ޔަގްމޫރު ފައިސާ ހުށަހެޅީ އޭނާ ގެންގުޅުނު ސިއްރު ލޯބިވެރިޔާއަށެވެ. ޔަގްމޫރުގެ ސިއްރު ލޯބިވެރިޔާ އެރްދީ ވަނީ މިވާހަކަތައް ޝަރީޢަތުގައި މިހާރު ކިޔައި ވެސް ދީފައެވެ.

އެރުދީ ބުނީ އަސީކްގެ އަނބިމީހާ ޔަގްމޫރު އާއި އޭނާ ލޯބީގެ ގޮތުން ސިއްރުން އުފެއްދި ގުޅުމަށް ފަހު އަސީކް ކައިރިން ވަރިވެ، އޭނާގެ ފައިސާތައް ހޯދަން ޔަގްމޫރު ބޭނުންވި ހިސާބުންނެވެ. "ޔަގްމޫރު އަހަރެން ކައިރީ ބުނި އަސީކް މަރާލުމުން ކަމަށް އަހަރެންނަށް އުފަލުގައި އުޅެވޭ ވަރަށް ފައިސާ ލިބޭނީ. އެކަމަކު އަހަރެން ދެކޮޅު ހެދިން އަސީކް މަރާލަން." އެރުދީ ޝަރީޢަތުގެ މަޖިލީހުގައި ބުންޏެވެ.

އަސީކް މަރާލަން އެރުދީ ދެކޮޅު ހެދުމުން ޔަގްމޫރު ވަނީ އަސީކް މަރާލަން އެހެން މީހަކު ހޯދާފައެވެ. އަދި ފަހުން ހޯދި މީހާ އަސީކް މަރާލުމުން 1.3 މިލިއަން ޑޮލަރު ދޭނެ ކަމަށް އޭނާ ބުންޏެވެ. އަދި އަސީކް މީހަކަށް ނުފެންނަ ތަނެއްގައި ވަޅުލުމަށް ވެސް ޔަގްމޫރު އޮތީ އެދިފައެވެ. އަސީކް މަރާލުމަށް ބޭނުން ކުރާނެ ބަޑިއެއް ވެސް ޔަގްމޫރު ވަނީ ހޯދައި ދީފައެވެ. ނަމަވެސް އަސީކް މަރާލުމުގެ ކުރިން އެކަން ބޭޒާރުވެ ޔަގްމޫރު އާއި އަސީކް މަރާލަން ދެން އުޅުނު މީހާ ވަނީ ހައްޔަރު ކޮށްފައެވެ.

ޔަގްމޫރު އާއި އޭނާގެ ލޯބިވެރިޔާ އެރުދީގެ އިތުރުން ފައިސާގައި ހިފުމަށް ފަހު އަސީކް މަރާލަން އުޅުނު މީހާގެ މައްޗަށް ވެސް މިހާރު ވަނީ ދައުވާ އުފުލާފައެވެ.

https://www.instagram.com/p/CE62B2rDNuh/

ޔަގްމޫރު އާއި އަސީކް ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ. އެދެމަފިރިންނަށް ތިން ކުދިން ލިބިފައި ވެއެވެ.

ދެމަފިރިންގެ ވަރީގެ މައްސަލަ އަދިވެސް އޮތީ ކޯޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ރީތިކަމުގެ ފައިދާޔާ ނުލަފާކަމުގެ މުއްސަދިކަން ހޯދަން ދޯ؟

    12