އުޑަމަތި ރީތި ސާފު ހަނދުވަރެއް ދޭ ރޭރެއަކީ ގިނަ ބަޔަކު އެ މަންޒަރެއް ބަލާލަން ބޭނުންވާ މަންޒަރުތަކެވެ. ހަނދަކީ އޭގެ ޒާތުގައި އާދަޔާ ޚިލާފު ރީތި އެއްޗަކަށްވާ އިރު ވަގުތާއި މޫސުމާއި، ދުނިޔެ އިރު ވަށައިގެން ދައުރުވާ ގޮތާއި އެކު ހަނދު ތަފާތު އެކި ގޮތް ގޮތަށް ފެެނެއެވެ. އަދި ކޭތަ ހިފުމާއި މަދުން ނޫނީ ނުފެންނަ ގޮތް ގޮތަށް ހަނދު ދުނިޔެއަށް ފެންނަން ހުރެއެވެ.

"ބްލޫ މޫން"އަކީ ވަރަށް މަދުން ނޫނީ ދުނިޔޭގެ ގިނަ ހިސާބުތަކަށް ހަނދު ނުފެންނަ ގޮތެެކެވެ. އެވްރެޖްކޮށް ދެ އަހަރާއި ބައިން މި ގޮތަށް ހަނދު ފެނުނު ނަމަވެސް އެ ހަނދު ފެންނަނީ މަދު ތަންތަނަށެވެ. އެއާ ޚިލާފަށް މިއަަހަރު ދުނިޔޭގެ ގިނަ ހިސާބުތަކަށް މި ހަނދު ފެންނާނެ ކަމަށް ނާސާ އާއި ހަވާލާދީ ސީއެންއެންގައި ވަނީ ބުނެފައެވެ.

ހަނދު ދައުރުވާ ގޮތަށް ބަލާއިރު ކޮންމެ މަހަކު ވެސް ފުރިހަމަ ހަނދު ފެންނަ އެއްދުވަސް ދެއެވެ. އެ ދުވަސް ކަލަންޑަރުގައި ހަނދު ފުރިހަމަވާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހާއި ދިމާވަނީ ކޮންމެ ތިން އަހަރަކުން އެއް އަހަރެވެ.

އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު މި ފަހަރު ފެންނަ ފުލްމޫން އަކީ ގިނަ ބަޔަކު ފުރަބަންދުގައި ތިއްބާ ފެންނަ ހަނދަށް ވާތީ މި ފަހަރު ހަނދު ބަލާލަން ބޭނުންވާ މީހުން ގިނަ ވާނެ ކަމަށް ބެލެވެއެވެ. މިއީ 1944ގެ ފަހުން މިހާ ގިނަ ތަންތަނަށް ހަނދު ފެންނަ ފުރިހަމަ ފުރަތަމަ ފަަހަރެވެ.

ބްލޫ މޫން ކީ ނަމަވެސް މި ގޮތަށް ހަނދު ފެންނަ އިރު ހަނދު ނޫކުލައިގައި ނުފެނިދާނެއެވެ. ހަނދު ހަމަލޮލަށް ފެންނަ ކުލަ ތަފާތުވެސް ވެދާނެއެވެ. އަދި ވަށައިގެން ހުންނަ ކޮޅުތަކާއި މޫސުމާއި ހިރަފުސް ފަދަ ކަންކަމަށް ހަނދު ފެންނަ ކުލަ ބަރޯސާވާކަން ފާހަގަކޮށްލެވެއެވެ.