އެޕަލް ކުންފުނިން މިއަހަރު އާއައިފޯނެއް ބާޒާރަށް ނެރޭނެ ކަމަށް އުއްމީދު ކޮށްގެން ތިބި މީހުންނަށް މިމަހު ބޭއްވި އެޕަލްގެ އިވެންޓުން ވަނީ ނާއުއްމީދު ގެނެސްދީފައެވެ. އެއިވެންޓްގައި އެޕަލް އިން އާފޯނެއް ތައާރަފެއް ނުކުރެއެވެ. ނަމަވެސް އެޕަލްގެ ލޯބިވެރިންނަށް އަނެއްކާވެސް މިއޮތީ އުފާވެރި ޚަބަރެކެވެ.

އެޕަލްގެ "ސިއްރު" ވާހަކަތައް އަބަދުވެސް ގެނެސްދޭ މެކް ރޫމޯސް އަދި އެޕަލް އިންސައިޑާ ވެންސައިޓްގައި މިއަދު ބުނީ އެޕަލް އިން އައިފޯން ތައާރަފް ކުރުން ދެން އޮތީ ދުރުގައި ނޫން ކަމަށެވެ. އެ ދެވެބްސައިޓްގައި ވެސް ބުނެފައި ވަނީ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު އެޕަލް އިން އާއައިފޯން ތައާރަފް ކުރާނެ ކަމަށެވެ. އަދި އޮކްޓޯބަރ 16 ވަނަ ދުވަހު ޕްރީ އޯޑަރަށް ހުޅުވާލާނެ ކަމަށާއި އޮކްޓޯބަރ 23 ވަނަ ދުވަހު ބާޒާރުން ފޯނުން ލިބެން ހުންނާނެ ކަމަށް ވެސް ދެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

އަލަށް އައިފޯނެއް ނެރުމާއި ގުޅޭ ގޮތުން އެޕަލް އިން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކައެވެ. މީގެ ކުރިން ވެސް އާއްމު ގޮތެއްގައި އައިފޯން ނެރޭ ޚަބަރުތަކާއި އަލަށް ނެރޭ އައިފޯންތަކުގައި ހިމެނޭ ފީޗާތަކުގެ މައުލޫމާތު އާއްމު ކުރަނީ މެކްރޫމޯސް އާއި އެޕަލް އައިންސައިޑާ ފަދަ ވެބްސައިޓްތަކުންނެވެ.

އަލަށް ނެރޭ އައިފޯނަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ 5ޖީ ސަޕޯޓް ކުރާ ފޯނަކަށް އެފޯން ވެގެން ދިއުން ކަމަށް އުއްމީދު ކުރެވެއެވެ. މީގެ އިތުރުން ޑިޒައިނަށް ވެސް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި ބެޓެރީގެ ބާރު ވެސް ކުރިއަށް ވުރެ ވަރުގަދަ ވާނެ ކަމަށް އުއްމީދު ކުރެވެއެވެ.