އެޗްބީއޯއިން ދައްކަމުންދާ ދުނިޔޭގެ އެއްމެ މަޤުބޫލު ސީރީޒްތަކުގެ ތެރޭގައި ހިމެނޭ، "ގޭމް އޮފް ތްރޯންސް"ގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ކިޓް ހެރިންޓަން (ޖޯން ސްނޯ) އާއި ރޯޒް ލެސްލީ (އިގްރިޓް) ގެ ކައިވެންޏަށް ދަރިއަކު ލިބެން ތައްޔާރުވެފައިވާ ކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ލެސްލީ އޭނާގެ ފޮޓޯތައް ވެސް މިހާރު އާންމުކޮށްފައި ވާއިރު، ބަލިވެ އިންކަން އޭނާ ވަނީ އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުގައި ހާމަކޮށްފައެވެ.

އުމުރުން 33 އަހަރުގެ ހެރިންޓަން އާއި ލެސްލީ އެންމެ ފުރަތަމަ ދިމާވީވެސް "ގޭމް އޮފް ތްރޯންސް" ގެ ޝޫޓިން ތެރެއިންނެވެ. އެއަށްފަހު އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ޚަބަރަ ފެތުރެން ފެށީ 2012 ވަނަ އަހަރު އެވެ. ސީރީޒްގައިވެސް މި ދެ ތަރިން ފެނިގެންދިޔައީ ލޯބިވެރިންގެ ރޯލުންނެވެ.

ހެރިންޓަން އާއި ލެސްލީގެ ގުޅުން ސިއްރުކޮށްގެން އުޅުމަށްފަހު ރަސްމީކޮށް ދެތަރިން އެކަން އިއުލާނުކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ އަހަރުތަކެއް ފަހުން ހެރިންޓަން އާއި ލެސްލީ ކައިވެނިކުރީ 2018 ވަނަ އަހަރުގެ ޖޫން މަހުގައި ސްކޮޓްލޭންޑުގައެވެ. އެ ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ ސްކޮޓްލޭންޑުގެ އުތުރު އިރުމަތީ ސަރަޙައްދެއްގައި ހުންނަ 900 އަށްވުރެ ގިނަ އަހަރުވެފައިވާ އާސާރީ ގަނޑުވަރެއްގައެވެ.

ކައިވެންޏަށްފަހު ހެރިންޓަން ވަނީ، ދަރިއަކު ލިބުމުން އޭނާގެ މައިންބަފައިން ދިމާވީ "ގޭމް އޮފް ތްރޯންސް" އިންކަން އެނގިގެންދާނެ ކަމީ އޭނާ އަބަދުވެސް އުފާކުރާ އަދި ފަޚުރުވެރިވާ ކަމެއް ކަމަށް ބުނެފައެވެ. އަދި އެފަދަ ވިސްނުމެއް ޚިޔާލަށް އަންނަ ކޮންމެ ފަހަރަކުވެސް ހިތްހަމަޖެހުން ލިބޭ ކަމަށް ހެރިންޓަން ބުންޏެވެ.

މީގެ ކުރިންވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ ހެރިންޓަން އާއި ލެސްލީ ގިނަ ބައެއްގެ މެދުގައި މަޤުބޫލުވެގެން ދިޔައީ "ގޭމް އޮފް ތްރޯންސް" އިންނެވެ.

2014 ވަނަ އަހަރު ލެސްލީ ވަނީ "ގޭމްސް އޮފް ތްރޯންސް" ގެ ކާސްޓުން ވަކިވެ އެމެރިކާގެ ޑްރާމާ ސީރީޒްއެއްގައި މަސައްކަތްކުރަން ފަށާފައެވެ. ނަމަވެސް ހެރިންޓަން ވަނީ ސީރީޒްގެ އެންމެ ފަހުން ނެރުނު ސީޒަނުގައިވެސް އެންމެ މުޙިންމު ރޯލުން ފެނިގެން ގޮސްފައެވެ.