އަމިއްލައަށް ގޭތެރޭގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ޤާބިލްކަން ލިބިފައިވާ ޑްރޯން އެއް، އެމޭޒަންގެ ދަށުން ހިންގާ ހޯމް-ސެކިއުރިޓީ ވިޔަފާރި، "ރިންގް" އިން އުފައްދައިފިއެވެ.

"ރިންގް އޯލްވޭސް ހޯމް ކެމް" ގެ ނަމުން ނަންދީފައިވާ މި ޑްރޯން އަކީ ހައި-ޑެފިނިޝަން ކެމެރާއެއް ހަރުކޮށްފައިވާ، ސްމާޓް ފޯން މެދުވެރިކޮށް ބޭނުންކުރެވޭނެހެން އުފައްދާފައިވާ ޑްރޯން އެކެވެ. ޕްރޮގްރާމް ކޮށްފައިވާ ގޮތަކަށް ގޭތެރޭގައި އަމިއްލައަށް އުދުހި ވީޑިއޯ ކުރުމުގެ ޤާބިލްކަން ލިބިފައިވާ މި ޑްރޯން އަކީ ނައިޓްވިޝަން ވެސް ހުންނަ ޑްރޯން އެކެވެ.

މި ޑްރޯން އުފެއްދި ކުންފުނިން ބުނެފައިވާ ގޮތުން ގޭތެރޭގައި ޑްރޯން އުދުހެން ވަކި އިރުޝާދުތަކެއް ދިނުމުން ދޭތެރެ ދޭތެރެއިން އަމިއްލައަށް އުދުހި، ގޭތެރޭގެ ވީޑިއޯ ނަގައި ސްމާޓް ފޯނަށް ފޮނުވާނެ ކަމަށެވެ. އަދި ވީޑިއޯ ކުރަމުން ދަނިކޮށް މީހެއްގެ ހަރަކާތެއް ފެނިއްޖެނަމަ އެދިމާލަކަށް އަމިއްލައަށް މިސްރާބުޖަހައި ވީޑިއޯ ނަގާނެ ކަމަށް ވެސް ކުންފުނިން ބުނެފައި ވެއެވެ.

ވީޑިއޯ ނަގައި ނިމުމުން މި ޑްރޯން އަމިއްލައަށް އޭގެ ޗާޖު ކުރުމަށް ޚާއްސަ މައުންޓާއި ގުޅެއެވެ. މިގޮތުން މައުންޓް ކުރެވިފައި ހުންނަ ވަގުތުތަކުގައި ޑްރޯންގެ ކެމެރާ ހުންނާނީ ފޮރުވިފައެވެ. އެހެންކަމުން އެޕްލިކޭޝަނުން ވަކި އިރުޝާދެއް ނުދެނީސް، ޗާޖުކުރާ ވަގުތުތަކުގައި ޑްރޯންއިން ވީޑިއޯ ރެކޯޑް ކުރަމުންނެއް ނުދާނެއެވެ.

މި ޑްރޯން ފަރުމާކޮށްފައި ވަނީ ގޭގެ މައި ދޮރު ހުޅުވުމުންވެސް، ވެރިފަރާތުގެ ފޯނަށް އެލާމެއް ދާ ގޮތަށެވެ. އަދި މި އެލާމާއެކު ޑްރޯން އަމިއްލައަށް ދޮރުހުންނަ ދިމާލަކަށް އުދުހި، ވީޑިއޯ ނެގުމަށްފަހު ފޯނަށް ފޮނުވާނެއެވެ. މިގޮތުން ޑްރޯން އިން ނަގާ ވީޑިއޯތައް ލައިވްކޮށްވެސް ފެންނާނެއެވެ.

މި ޑްރޯން އުފެއްދި ކުންފުނިން، ބުނެފައިވަނީ އެ ކުންފުނީގެ މި އުފެއްދުން ވިއްކަން ފަށާނީ އަންނަ އަހަރު ކަމަށެވެ. އަދި ކުންފުނިން މި ޑްރޯން ސިސްޓަމް ވިއްކާނީ 250 އެމެރިކާ ޑޮލަރަށް ކަމަށްވެސް ބުނެފައި ވެއެވެ.