ބައިނަލްއަގުވާމީ ފެންވަރުގެ މަޒުމޫނު މުބާރާތެއްގެ ފައިނަލްގައި ދިވެހި ދަރިވަރެއް ހިމެނިއްޖެއެވެ.

ފްރާންސްގެ ޕެރިސްގައި ހުންނަ އެކޯލް ޖެނައިން މެނުއެލް ސްކޫލްގެ ޔޫތް ކްލަބްއިން "ޔޫތް ޕޮލިޓިކަލް އެސޭ ކޮމްޕެޓިޝަން"ގެ ނަމުގައި ބޭއްވި މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމުން ދުނިޔޭގެ އެކި ހިސާބުތަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން އެ މުބާރާތުގައި ބައިވެރިވާން ހުށަހެޅި މަޒުމޫނުތަކުގެ ތެރެއިން، 50 މަޒުމޫނު އާންމުންގެ ވޯޓަށް ވަނީ ހުޅުވާލައިފައެވެ.

މި މުބާރާތުގެ ފަހު ބުރަށް ދަތުރުކުރި ހަ ބައިވެރިންނަކީ މި ވޯޓަށް ފަހު، ޓޮޕް ފަހެއްގެ ތެރޭގައި ހިމެނޭ ދަރިވަރުންނެވެ.

ޓޮޕް ފަހެއްގައި ހަ ދަރިވަރުން ހިމެނުނީ ސީދާ ކޮން ސަބަބަކާއި ހުރެ ކަމެއް މި މުބާރާތް އިންތިޒާމް ކުރި ފަރާތުން ހާމައެއް ނުކުރެއެވެ. ނަމަވެސް ބެލެވޭގޮތުން އެއީ ވޯޓުގެ ގޮތުން ދެ ދަރިވަރަކު އެއްވަރުވުމުންނެވެ.

މި މުބާރާތުގެ ފައިނަލް އަށް ދަތުރު ކުރި ރާއްޖެއަށް ނިސްބަތްވާ ދަރިވަރަކީ މިހާރު އިންޑިއާގައި ތައުލީމް ހާސިލްކުރަމުންދާ އުމުރުން 18 އަހަރުގެ އައިމިނަތު ޝާހާއެވެ. ޓްރިވެންޑްރަމްގެ އޮކްސްފޯޑް ޔުނިވަސިޓީގައި ތައުލީމު ހާސިލްކުރަމުންދާ ޝާހާއަކީ އައްޑޫ ސިޓީގެ މަރަދޫއަށް އުފަން ދަރިވަރެކެވެ.

ޖޫން 2016 އިން ފެށިގެން އިންޑިއާގައި ތައުލީމް ހާސިލް ކުރަމުންދާ ޝާހާ މިހާރު ކިޔަވަނީ ގްރޭޑް 12 ގައެވެ. އޭގެ ކުރިން ގްރޭޑް ހަތަކާ ހަމައަށް އޭނާ ތައުލީމް ހާސިލް ކުރީ ކަލާފާނު ސްކޫލްގައެވެ. އަދި ގްރޭޑް އަށެއްގައި ފުރަތަމަ ސެމިސްޓާގައި ތައުލީމް ހާސިލްކުރީ އަމީނިއްޔާ ސްކޫލްގައެވެ.

ޝާހާ ބައެއް ދަރިވަރުންނާއި އެކު ނަގާފައިވާ ފޮޓޯއެއް

މި މުބާރާތަށް މަޒުމޫނު ހުށަހަޅާފައި ވަނީ އެ ދަރިވަރެއްގެ ގައުމުގައި ހިމެނޭ އެންމެ ސީރިއަސް އިޖުތިމާއީ މައްސަލައާ މެދުގައެވެ.

ވައިޕީއީ އެސޭ މުބާރާތަށް ޝާހާ ހުށަހެޅި މަޒުމޫނުގެ ސުރުހީއަކީ "ދަ ޓްރޫތް ބިހައިންޑް ހަނީ މޫނާސް ޕެރެޑައިޒް" މިއެވެ. މާނައަކީ "ހަނީމޫނަށް ދާ މީހުންގެ ސުވަރުގޭގެ ފަހަތުގައިވާ ހަގީގަތް" މިއެވެ. މި ސުރުހީގެ ދަށުން ޝާހާ ލިޔުނު މަޒުމޫނުގައި އަލިއަޅުވާލީ ރާއްޖޭގެ ވަރީގެ ނިސްބަތަށެވެ.

ރާއްޖޭގައި ވަރީގެ ނިސްބަތް އިތުރުވަމުން އައި ގޮތާއި، އެކަމާއި ގުޅޭ ތަފްސީލުތައް އެ މަޒުމޫނުގައި ވަނީ ހިމަނާފައެެވެ.

ޝާހާ "ވަގުތަށް" ބުނި ގޮތުގައި އެ މަޒުމޫނު ލިޔުމަށް މައުލޫމާތު އެއްކުރީ އެކި ލިޔުންތަކާއި، ޚަބަރުތަކުގެ ޒަރީއާއިންނާއި ތަފާސް ހިސާބުތައް ފަދަ މައުލޫމާތުތައް ހޯދާ ދިރާސާކޮށްގެން ކަމަށެވެ.

" އެކި އަހަރުގެ ސްޓެޓިސްޓިކްސް ކަހަލަ އެއްޗެހި ބެލިން. ދެން ޕޮސިބަލް ރީޒަންސް އާއި. ޖުލައި 31ގައި އެސޭ ހުށަހެޅީ. ސެޕްޓެމްބަރު 15ގަައި ވޯޓީން މަރުހަލާ ނިމުނީ. 17ގައި ރިޒަލްޓްސް އައީ. ހިއެއް ނުކުރަން ބައިވަރު ކުދިން ތިބީމަ ފައިނަލް އަށް ގޮސްދާނެއޭ. މިހިސާބަށް އާދެވުން ވެސް މިއީ އެޗީވްމެންޓެއް. މަސައްކަތް ކުރާނަން އެކަމަކު އިތުރަށް ވެސް ކާމިޔާބީއެއް ލިބޭތޯ،" ޝާހާ ބުޏްނެވެ.

ޝާހާ މި މުބާރާތުގައި ބައިވެރިވީ ބައިނަލްއަގުވާމީ ދަރިވަރެއްގެ ގޮތުގައެވެ. ޝާހާގެ އިތުރުން މި މުބާރާތުގެ ފައިނަލްއަށް ދަތުރުކުރި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ދެކުނު ކޮރެއާ، އިނގިރޭސިވިލް، ބްރެޒިލް، ފްރާންސް އަދި އިންޑިއާގެ ދަރިވަރެކެވެ.

މި މުބާރާތުގެ ފައިނަލް ބުރުގައި މަޒުމޫނު ލިޔަން ޖެހެނީ އެ ދަރިވަރެއްގެ ފުރަތަމަ މަޒުމޫނުގައި ފާހަގަކުރި މައްސަލަ އަށް ހައްލު ހޯދާނެ ގޮތަކާއި މެދުގައެވެ.

" މިހާރު ލިޔަނީ ހައްލެއް ހޯދުމާއި މެދު. ކޮބާތޯ ކޮންޓްރޯލް ކުރާނެ ގޮތަކީ. ފައިނަލް ރައުންޑްގައި ޖެހޭ އޯރަލް ޕްރެޒެލްޓޭޝަންއެއް ދޭން. އެ ޕްރެޒެންޓޭޝަން އަށް މިނިޓަށް ކުރިއަށް ދާނެ. ދެން ސުވާލާއި ޖަވާބު ސެޝަންއެއްވެސް އޮވޭ. އޮކްޓޯބަރ 17 އަށް މަޒުމޫނު ހުށަހަޅަން ޖެހެނީ. ދެން އޮކްޓޯބަރ 24ގައި މީޓިން އޮންނަނީ." ޝާހާ ކިޔާދިނެވެ.

މި މުބާރާތުގެ ފަނޑިޔާރުންްގެ ތެރޭގައި ފްރާންސްގެ ކުރީގެ ރައީސްއެއްވެސް ހިމެނެވެ.

ޝާހާގެ މަންމަ ފާތުމަތު ޝާރުފިޔާ ބުނީ ޝާހާ އަށް މިފަދަ ކާމިޔާބީއެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

" ވަރަށް އުފާވޭ އެ ހިސާބަށް އެ މުބާރާތުގައި ދެވުނީތީވެސް. ކުރިއަށްވެސް ކާމިޔާބު ލިބޭނެ ކަމަށް އުންމީދުކުރަން." އޭނާ ބުންޏެވެ.

ޝާހާ ކިޔަވަމުން އަންނަ އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރިންސިޕަލް ޑރ.އަބްދުއް ސަލާމް ވިދާޅުވީ، ޝާހާއަކީ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވާ، ގިނަ ކާމިޔާބީތަކެއް ހޯދާފައވާ ދަރިވަރެއް ކަމަށެވެ.

" ޔޫތް ޕޮލިޓިކަލް އެސޭގައި އޭނާ އަށް ލިބުނު ކާމިޔާބީ ވަކިން ފާހަގަކޮށްލެވޭ. އެއީ މި މުބާރާތުގަ މި ހިސާބަށް އައީ މަދު ދަރިވަރުންތަކަކަށް ވާތީ. ސްކޫލުން އެދެނީ ޝާހާ އަށް ކުރިއެރުން ލިބުން." އޭނާ ވިދާޅުވިއެވެ.

ޝާހާގެ އިނގިރޭސި މުދައްރިސް އަނީލާ ދަނަލެކްޝްމީ ބުނީ ޝާހައަކީ އެ ސްކޫލްގައި އުނގެނޭ ދަރިވަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ތޫނުފިލި ދަރިވަރެއް ކަމަށެވެ.

" ޝާހާގެ މުދައްރިސެކޭ ބުނަން ފަހުރުވެރިވޭ. އޭނާގެ ބުރަ މަސައްކަތާއި ކުރާހިތުން ކުރާ ކަންކަމަކީ އޭނާގެ ކާމިޔާބީގެ ސިއްރު. ޝާހާއަކީ ކެރަލާގެ ސަގާފަތަށްވެސް އިހުތިރާމުކުރާ ކުއްޖެއް. ވަރަށް އުފާވޭ ޝާހާ އަށް ލިބޭ ކާމިޔާބީއަށް،" އޭނާ ބުންޏެވެ.

ޝާހާއަކީ ތައުލީމީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުންވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ދަރިވަރެކެވެ.

ޝާހާ ސްކޫލްގައި އަދާކުރި މަގާމުތަކަށް ބަލާއިރު 2017-2018 އަށް އޭނާ ވަނީ ހައުސް ކެޕްޓަންކަން އަދާކޮށްފައެވެ. އަދި 2018-2019 އަށް އޭނާ ވަނީ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމު އަދާކޮށްފައެވެ. މީގެ އިތުރުން 2019-2020އަށް ސްޕޯޓްސް ވައިސް ކެޕްޓަންކަން، 2020 އން ފެށިގެން އާޓްސް ކެޕްޓަންގެ މަގާމު އޭނާ ދަނީ އަދާކުރަމުންނެވެ.

ޝާހާއަކީ އެކިކަހަލަ މުބާރާތްތަކުން ވެސް ފާހަގަކޮށްލެވޭ ފަދަ ވަނަތަކެއް ހާސިލްކޮށްފައިވާ ދަރިވަރެކެވެ. އޭނާ ވަނީ ހައިދަރްއާބާދުގައި ބާއްވާ، އެމްޔޫން ( މޮޑެލް ޔުނައިޓެޑް ނޭޝަންސް )ގައި ދެ ފަހަރު ބައިވެރިވެފައެެވެ.

ޝާހާގެ އުންމީދަކީ ސިއްހީ ދާއިރާއިން ކުރިއަށް ދިއުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުރޯ

    ކިހާދެރަކަމެއް އަހަރެންގެ މަންމަ މިހާރު އަހަރެންނާ ދިމާލަށް
    އެގޮވަނީ ، ... ކަލެއަށް ވެސް 17 އަހަރޯ ކީވެހޯ އެކުއްޖާހެން ނޫޅެވެނީ😐😐😐

    40
    4
  2. މަ

    މަރުޙަބާ ޝާހާ.

    31
    5
  3. ކޮބާ!

    ކޮބާ، ކާމިޔާބު ޝާހާ ވެސް އެކިޔަވަނީ، އިންޑިޔާ އިންނެވެ! މީގެންވެސް ދޭހަވަނީ އިންޑިއާ އަކީ ދިވެހިންގެ ކުރިއެރުމަށް މުހިންމު ޤައުމެއް ކަމެވެ.

    3
    32
    • ހ

      ނަމަވެސް އެގައުމުގެ ސިފައިން މިތާގައި އުޅޭކައް ނުޖެހޭ

      11
  4. އަލީ

    އަނހާ! ކިހިނެއް މިވީ؟އެކުއްޖަ ބުރުގާ އަޅައިގެންތަ ނޫނީ ނާޅާތާ އެޅެނީ

    3
    1