ފެޝަނަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. އެކި ދުވަސްވަރު ފެޝަނަށް އަންނަ ބަދަލުތަކަކީ ވަރަށް ތަފާތު ބަދަލުތަކެކެވެ. އެގޮތުން ލާން ގެންގުޅޭ އަންނައުނުތަކާއި، ބޭނުންކުރާ ގަހަނާތަކާއި، އަތް ދަބަހާއި، މިހެން ގޮސް ތަފާތު އެކި އެއްޗެއްސަށް ތަފާތު ފެޝަންތައް ދަނީ އަންނަމުންނެވެ.

ޖިންސަކީ ވެސް މިފަދަ ތަފާތު ފެޝަނެއް އައިސްފައިވާ އެއްޗެކެވެ. ތަންތަނުން ވީދައިފައި ހުންނަ ޖިންސު ނުވަތަ ރިޕް ޖިންސަކީ ވެސް ފެޝަނެއްގެ ގޮތުގައި އައިސްފައިވާ އަދި ގިނަ ބަޔަކަށް ކަމުދިޔަ ފެޝަނެކެވެ.

މިފަހަރު ވެސް އައިސްފައި މިވަނީ ވަރަށް ތަފާތު ފެޝަނެކެވެ. މަޝްހޫރު ބުރޭންޑެއް ކަމަށްވާ ގުޗީ ބުރޭންޑުގެ ޑެނިމް ޑަންގަރިއަށް އައި ބަދަލަކީ ވަރަށް ވެސް ތަފާތު ބަދަލެކެވެ. މި ޑަންގަރީގައި ހުންނަނީ ރީނދޫއާއި ފެހި ކުލަ ޖެހިފައި ހުންނަ ފަދަ، ނުވަތަ ލައްޖެހިފައި ހުންނަ ފަދަ ގޮތަކަށެވެ.

ގުޗީއިން ބުނެފައިވަނީ މި ވައްތަރުގެ ޑަންގަރީގެ ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. ވަރަށް ހަލުވިކަމާއިއެކު މި ބާވަތުގެ ޑަންގަރި ވިކެމުންދާކަމަށް ވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

''ސްޓެއިންޑް އެފެކްޓް''ގެ ނަމުގައި މަޝްހޫރުވެފައިވާ މި ބާވަތުގެ ޑަންގަރީއަށް ޖޯކު ޖެހުމުގެ ގޮތުން ބައެއް ފަރާތްތަކުން ބުނަމުންދަނީ އެމީހުންގެ އަތުގައި ބާވެފައި ހުރި ނުވަތަ ލައް ޖަހާފައި ހުރި ޑަންގަރީތައް އަގުބޮޑުކޮށް ވިއްކާލަންވީ ކަމުގައެވެ. އެއީ ގުޗީގެ އައު ޑެނިމް ޑަންގަރި ބޭރު ފުށުން ފެންނަން ހުންނަނީ އެގޮތަށް ކަމަށްވާތީއެވެ.

މި އަހަރު ތެރޭގައި މަޝްހޫރުވެގެން ދިޔަ އާދަޔާ ޚިލާފް އެހެނިހެން ބައެއް ފެޝަންތަކަކީ ފޯނު ކޭސް އަތްދަބަހާއި ޑެނިމް ނީ ހައި ބޫޓާއި، ބޫޓުގެ ދެ ކިބަ ދެ ކުލައިގައި ހުރުން ފަދަ ތަފާތު ފެޝަންތައް ފާހަގަކޮށްލެވެއެވެ.