އިންފްލުއެންޒާ އާއި ކޮވިޑް-19 އެއްފަހަރާ ޖެހުމަކީ އެކަމުގެ ސަބަބުން ފުރާނައަށްވެސް ނުރައްކާ ވެދާނެ ހާލަތެއް ކަމަށް އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތް އިންގްލޭންޑް (ޕީއެޗްއީ) އިން ބުނެފިއެވެ.

އެ އިދާރާގެ އޮފިޝަލުން ނޫސްތަކުގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއެކު ސިއްޙީ އެހެން އެއްވެސް ހާލަތެއް މެދުވެރިވުމަކީ ބަލީގެ ނުރައްކާ އިތުރުވެގެން ގޮސްދާނެ ކަމެއް ކަމަށާއި، ޚާއްސަކޮށް އިންފްލުއެންޒާ ޖެހިފައިވާ މީހަކަށް ކޮވިޑް-19 ޖެހިއްޖެނަމަ ނުވަތަ ކޮވިޑް-19 ޖެހިފައިވާ މީހަކަށް އިންފްލުއެންޒާ ޖެހިއްޖެނަމަ ބަލީގައި ހާލަތު ގޯސްވެ މަރާއި ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.

20,000 މީހުންގެ ފަރާތުން ހޯދާފައިވާ މަޢުލޫމާތުތަކުގެ އަލީގައި ޕީއެޗްއީ އިން ކުރިޔަށް ގެންދިޔަ މި ދިރާސާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑް-19 އާއި އިންފްލުއެންޒާ އެއްފަހަރާ ޖެހިގެން ފަރުވާދޭ މީހުންނަށް، އެނޫން މީހުންނާ އަޅާބަލާއިރު ފުރާނައަށް ނުރައްކާ ހާލަތު މެދުވެރިވުމުގެ ފުރުސަތު ހަގުނަ އިތުރު ކަމަށެވެ.

މިގޮތުން ދިރާސާގެ ބައިވެރިންގެ ތެރެއިން ކޮވިޑް-19 އާއި އިންފްލުއެންޒާ ޖެހުނު މީހުންގެ 43 އިންސައްތަ މީހުން މަރުވެފައިވާކަމާއި، ހަމަ އެކަނި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މަރުވީ 27 އިންސައްތަ މީހުންކަން ދިރާސާއިން ހާމަވެފައި ވެއެވެ.

ޕީއެޗްއީގެ އޮފިޝަލުން މިގޮތަށް ވިދާޅުވެފައި ވަނީ، އިނގިރޭސިވިލާތަށް ކޮވިޑް-19 ގެ ފުރަތަމަ ރާޅުގެ ނުރައްކާ ކުރިމަތިވި ދުވަސްވަރު އެއްކޮށްފައިވަ މަޢުލޫމާތުތަކުގެ އަލީގައި ކުރިޔަށްގެންދިޔަ ދިރާސާއަކަށް ފަހު އެވެ. މި ދިރާސާގެ ނަތީޖާ އާއި ގުޅިގެން، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކާއި އެއްވަރަށް އިންފްލުއެންޒާ އާއި މެދުވެސް ސަމާލުވުމަށް އެފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 އަށް ފައްސި ނޫނަސް އިންފްލުއެންޒާއިން ފުރާނައަށް ނުރައްކާ ކުރިމަތިކުރާ ހާލަތުތައް މެދުވެރިވެއެވެ. ޕީއެޗްއީން ބުނާގޮތުން އިންގްލޭންޑުން އެކަނިވެސް ކޮންމެ އަހަރަކު އިންފްލުއެންޒާ ޖެހިގެން 11000 އެއްހައި މީހުން މަރުވެއެވެ.