ޗައިނާ އަންހެނަކު، ބޮލުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ހެދި ސްކޭނަކުން އޭނާގެ ސިކުނޑި ތެރެއަށް ދެ ތިނޯސް ހެރިފައި ހުރިކަން ހާމަވެއްޖެ އެވެ.
ކާރު އެކްސިޑެންޓަކަށްފަހު އުމުރުން 29 އަހަރުގެ އެ އަންހެން މީހާ ޑޮކްޓަރަށް ދައްކަން ދިޔައީ ބޮލުގައި ރިހުން ނުކެނޑޭތީއެވެ. އޭނާ ބުނެފައިވާ ގޮތުން ކުރިންވެސް އޭނާގެ ބޮލުގައި ދޭތެރެ ދޭތެރެއިން ރިއްސައެވެ. ނަމަވެސް އެކްސިޑެންޓަށްފަހު ރިހުން ނުކެނޑި ގިނަ ދުވަސްވުމުން ޑޮކްޓަރަށް ދައްކަން ބޭނުންވީ ކަމަށް ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން ޑޮކްޓަރުން ލަފާ ދީފައިވަނީ އޭނާގެ ބޮލުގެ ސީޓީ ސްކޭނެއް ހެދުމަށެވެ. އެ ސްކޭނުން ސިކުނޑިއަށް ހެރިފައި އިން ދެ ތިނޯސް ފެނިގެން ޑޮކްޓަރުންނަށް ހައިރާންކަމެއް ލިބިގެން ދިޔައިރު، އެކްސިޑެންޓުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.
އެ އަންހެން މީހާވެސް ބުނެފައިވަނީ، މިފަދަ ހާލަތެއް މެދުވެރިވެފައިވާކަން ކުރިން އޭނާއަށްވެސް ނޭނގޭ ކަމަށާއި، އެއީ އޭނާ ބޮލުގެ ސްކޭނެއް ކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ސިކުނޑިއަށް ތިނޯސްތައް ހެރެން ދިމާވީ ސަބަބެއް ނޭނގޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
މި ހާލަތާއި ގުޅިގެން ޑޮކްޓަރުން ބުނެފައިވަނީ އެ އަންހެން މީހާގެ ސިކުނޑިއަށް ތިނޯސްތައް ހެރިފައި ހުރިގޮތުން ނުރައްކާ ބޮޑު ނުވީކަމަށެވެ. އަދި ތިނޯސްތައް ސިކުނޑިއަށް ހެރިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ހާމަވާއިރު، އެއީ އޭނާ ކުޑައިރު ބޮލަށް ހެރިފައި ނުވަތަ "ގަސްތުގައި ހަރާލާފައި" ހުރި ތިނޯސްތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އެއީ ބޮލުގެ ނާށިގަނޑު ހަރުވާފަހުން ތިނޯހެއް އެފަދަ ގޮތަކަށް ސިކުނޑިއަށް އެއްކޮށް ހެރިފައި ހުރެދާނެ ކަމަށް އެފަރާތްތަކަށް ޤަބޫލު ނުކުރެވޭތީއެވެ.
މި އަންހެން މީހާއަކީ ޗައިނާގެ އާއިލާއަކުން "އެޑޮޕްޓް" ކޮށްފައިވާ އަންހެނެކެވެ. އޭނާ އެޑްޕޮޓުކޮށްގެން އުޅޭ މީހުން ބުނެފައިވަނީ ކުޑައިރު އެންމެ ފުރަތަމަ އޭނާ ފެނުނުއިރުވެސް ބޮލުގައި ނިޝާންތަކެއް ފެންނާން ހުރިކަމަށާއި، ނަމަވެސް އޭރު އެއީ ބޮލަށް އެއްޗެއް ހެރިފައި ހުރީކަން ނޭނގޭތީ އަޅާނުލީ ކަމަށް އެފަރާތްތަކުން ބުންޏެވެ.
މިކަން ހިނގާފައި ވަނީ އެ އަންހެންމީހާ ކުޑައިރުކަން ހާމަވާތީ އާއި، އެކަން ހިނގާފައިވަނީ އޭނާ އެޑޮޕްޓު ކުރުމުގެ ކުރިން ކަމަށް ބެލެވޭތީ އެފަރާތްތަކުން މިހާރު ވަނީ ޑޮކްޓަރުންގެ ފަރާތުން ލިބުނު މަޢުލޫމާތުތައް ފުލުހުންނާއި ވެސް ޙިއްސާކޮށްފައެވެ.
މި ހާދިސާ ފެންމަތިވުމާއި ގުޅިގެން ޑޮކްޓަރުން ވަނީ، އިތުރަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައި އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ކޮށް، ސިކުނޑިއަށް ހެރިފައި އިން ދެ ތިނޯސް ނެގުމަށް އިރުޝާދު ދީފައެވެ. އޭނާގެ ސިކުނޑިއަށް ހެރިފައި އިން ދެތިނޯހުގައި ގާތްގަނޑަކަށް 4.9 މިލިމީޓަރު ހުރިކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.