އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ބިލިއަނަރެކެވެ. އެހެންކަމުން އާދައިގެ މީހަކު ކަންކަމަށް ޚަރަދު ކުރާވަރަށް ވުރެ ޚަރަދުތައް މާބޮޑަށް ވެސް އިތުރުވާނެއެވެ. މިއަދު އާއްމުކުރި ޓްރަމްޕްގެ ޓެކްސް އާއި ގުޅޭ ލިޔެކިޔުންތައް ދައްކާ ގޮތުގައި 2004 ވަނަ އަހަރު ރިލީޒް ކުރި ސީރީޒް "ދަ އެޕްރެންޓިސް" ކުޅުނުއިރު ޓްރަމްޕްގެ އިސްތަށިގަނޑު ސްޓައިލިސްކޮށް ފުނާއަޅަން 70000 އެމެރިކާ ޑޮލަރު ޚަރަދު ކުރިއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ މިލިއަނަކަށްވުރެ ގިނަ ރުފިޔާއެވެ.

ޓްރަމްޕްގެ ޓެކްސް ރެކޯޑްތައް ހާމަކޮށްފައި ވަނީ "ނިއުޔޯކް ޓައިމްސް" އިންނެވެ. ޓްރަމްޕް ވަނީ "ނިއުޔޯކް ޓައިމްސް" އިން އާއްމުކުރި މައުލޫމާތަކީ "ފޭކް ނިއުސް" އެއްކަމަށް ބުނެފައެވެ. ޓްރަމްޕް ވަނީ އޭނާގެ ޓެކްސް ރެކޯޑްތައް ހާމަކުރަން ތަކުރާރުކޮށް ދެކޮޅު ހަދާފައެވެ.

"ނިއުޔޯކް ޓައިމްސް" އިން އާއްމުކުރި މައުލޫމާތުތައް ބުނާ ގޮތުގައި ޓްރަމްޕްގެ 421 މިލިއަން ޑޮލަރުގެ ދަރަނި އެބައޮތެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 6.487 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ބޮޑު ދަރަންޏަކީ ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާއެވެ.

އާއްމުކޮށްފައިވާ މައުލޫމާތައް ބަލާއިރު 2016 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދު ޓްރަމްޕް ފެޑްރަލް ޓެކްސްގެ ގޮތުގައި ދައްކާފައި ވަނީ އެންމެ 750 އެމެރިކާ ޑޮލަރެވެ. އެހެންކަމުން ޓްރަމްޕް ޓެކްސް ދެއްކުމުގައި މަކަރު ހަދާފައިވާ ކަމުގެ ތުހުމަތު މިހާރު ވެސް ބައެއް ފަރާތްތަކުން ގެންދަނީ ކުރަމުންނެވެ.

ޓްރަމްޕްގެ ދަރިކަލުން އިވަންކާގެ ސްޓައިލިސްޓަށް އެއްލައްކަ އެމެރިކާ ޑޮލަރު ޓްރަމްޕްގެ ފައިސާ އިން ޚަރަދު ކުރިކަމަށް ވެސް ލިޔުންތަކުން ދައްކައެވެ. ނަމަވެސް އެފައިސާ ވެސް ލިސްޓްކޮށްފައި ވަނީ "ވިޔަފާރީގެ ޚަރަދެއްގެ" ގޮތުގައެވެ.

ޓެކްސް ދެއްކުމުގައި ޓްރަމްޕް މަކަރު ހަދާފައިވާ ކަމުގެ ތުހުމަތުތައް ކުރަމުން ގެންދާތީ ޓްރަމްޕް އޮގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި ދިހަ އަހަރު ތެރޭގައި ޓްރަމްޕް ޓެކްސްގެ ގޮތުގައި 427.4 މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު