އޮމާން، ތާޒާ ރީތި ހަންގަނޑެއް ލިބުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާ ކަމެކެވެ. ނަމަވެސް އެކަމަށް މަސައްކަތް ކުރުމަށް ގިނަ ފަހަރަށް ވަގުތު އޮންނަނީ ނުލިބިފައެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ބޭނުންވަނީ ވަރަށް ފަސޭހަކަމާއެކު އަމިއްލައަށް ހަންގަނޑަށް ދެވިދާނެ ފަރުވާއެއް ހޯދުމެވެ.

ހަންގަނޑަށް ދެވޭ ފަރުވާއަކީ ގަވާއިދުން ދެވޭ ފަރުވާއެއް ނަމަ އެކަމުގެ ނަތީޖާ ފެންނާނެއެވެ. ނަމަވެސް ދެ ދުވަހަކު ހަންގަނޑަށް ފަރުވާ ދިނުމަށްފަހު ހަންގަނޑަށް އަޅާނުލާ ދޫކޮށްލުމުން ތިޔަ ބޭނުންވާ ފަދަ އޮމާން އަދި ތާޒާ ހަންގަނޑެއް ނުލިބިދާނެއެވެ.

ކިތަންމެ ބުރަކޮށް އުޅެމުން ވެސް ގަވާއިދުން ކޮންމެ ދުވަހަކު ހަންގަނޑަށް ދެވިދާނެ ފަސޭހަ ފަރުވާ ވެސް އެބަ ހުއްޓެވެ. އެއީ:

ގިނަ ގިނައިން ފެން ބުއިން

ބޭރު ފުށުން ހަންގަނޑު ރީތިކޮށް ސާފުކުރުމަށް އެތައް ކްރީމެއް އުނގުޅާ ފަދައިން އެތެރެއިން ވެސް ހަންގަނޑު ސާފު ކުރަން ޖެހޭނެއެވެ. އެކަމަށްޓަކައި ގިނަގިނައިން ފެން ބޯން ޖެހޭނެއެވެ. ފެނުގެ ސަބަބުން ހަންގަނޑު ސާފުކޮށްދެއެވެ. އަދި ބޭނުންނުވާ މާއްދާތައް ބޭރުކޮށްދިނުމަށް ވެސް އެހީތެރިވެދެއެވެ.

ހޫނުކޮށް ލުނބޯ ހުތު ފަނި ތަށްޓެއް ބުއިން

ހެނދުނު ހުސް ބަނޑާއި ހުރެ ހޫނުކޮށް ލުނބޯ ހުތު ފަނި ތަށްޓެއް ބޯލުމުން ހަޖަމު ކުރުމަށް ފަސޭހަވެ، ބޭނުން ނުވާ ބައިތައް ބޭރުކޮށްދީ ހަށިގަނޑު ސާފުކޮށްދެއެވެ. މިކަމުގެ ސަބަބުން ހަންގަނޑަށް ވެސް އޭގެ ފައިދާ ކުރެއެވެ.

އަބަދުވެސް ޓޯނާއެއް ބޭނުން ކުރުން

ރޯސް ވޯޓަ ހިމެނޭ ބާވަތްތަކުގެ ޓޯނާ ބޭނުން ކުރުމުން ހަމުގެ ޕީއެޗް ލެވެލް އެއްވަރެއްގައި ހިފަހައްޓައި ދިނުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ.

ހަންގަނޑުގައި މަރުވެފައިވާ ސެލްތައް ނައްތާލުން

މޫނު ދޮންނަ ކްރީމެއް ބޭނުންކޮށްގެން މަރުވެފައިވާ ސެލްތައް ނައްތާލެވިދާނެއެވެ. ނުވަތަ ބުރުހަކުން ނޫނީ ސްޕޮންޖަކުން ވެސް ސާފުކޮށްލެވިދާނެއެވެ. މިއީ ހަންގަނޑު ނާޒުކު ފަރާތްތަކުން ކުރަން ވަރަށް މުހިންމު ކަމެކެވެ.

ސަންސްކްރީން ބޭނުން ކުރުން

ގެއިން ނިކުތުމުގެ ފަނަރަ މިނެޓު ކުރިން ސަން ސްކްރީނެއް ބޭނުން ކުރާށެވެ. އިރުގެ އަލިން ހަންގަނޑު ރައްކާތެރި ކުރުމުގެ އިތުރުން ހަންގަނޑު ތާޒާކޮށް އޮފުކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ.

މޫނުމަތީގެ ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް ގަވާއިދުން ކޮންމެ ދުވަހަކު ވެސް މި ކަންތައްތައް ކުރާށެވެ. ނަތީޖާ ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 😘

    މާޝާﷲ ތޭންކްސް

    7
    1
  2. ބުރޯ

    ކީއްވެތަ ހުދު ދޮންމީހަކު ފޮޓޯ އަށް ލާފަ އިންނަނީ ؟