ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ އެންމެ ބޮޑު ގުރަހަ (ޕްލެނެޓް)، މުޝްތަރީ (ޖުޕިޓާ) ގައި އަލަށް އުފެދި ދައުރުވާން ފެށި ވަރުގަދަ ތޫފާނަކީ، ގަޑިއަކު 500 ކިލޯމީޓަރަށްވުރެ ބާރަށް ދަތުރުކުރަމުންދާ ތޫފާނެއް ކަމަށް، ނާސާއިން ހޯދި ފަހުގެ މަޢުލޫމާތުތަކުން ހާމަވެއްޖެ އެވެ.

ނާސާއިން ޖައްވުގައި ދައުރުކުރާ، އެ އިދާރާގެ ވަރުގަދަ "ހަބްލް ޓެލެސްކޯޕް" މެދުވެރިކޮށް ނަގާފައިވާ ފޮޓޯތައް ބޭނުންކޮށްގެން، ސައިންސްވެރިން ކުރި ދިރާސާއަކުން މި ތޫފާން ދައުރުވާ ސްޕީޑް ހޯދާފައިވާއިރު، މިއީ މިވަގުތު އެގުރަހައިގައި ދައުރުވާ އެންމެ ބާރުގަދަ ތޫފާންތަކުގެ ތެރެއިން ތޫފާނެއް ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

ދުވަހެއް ދުވަހަކަށް މި ތޫފާން ބޮޑުވަމުން އަންނަކަން ފޮޓޯތަކުން ހާމަވާއިރު، ސައިންސްވެރިން ބުނެފައިވަނީ މިއީ ދުނިޔެއަށްވުރެ ވެސް ބޮޑު ތޫފާނެއް ކަމަށެވެ. އަދި މުޝްތަރީގެ އެތައް ޒަމާނެއްވީ ބިޔަ ތޫފާން (ގްރޭޓް ރެޑް ސްޕޮޓް) އާއި އެއްވަރު ތޫފާނަކަށް އަލަށް އުފެދިފައިވާ ތޫފާންވެސް ވެގެން ހިނގައިދާނެ ކަމަށް އެފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

އަލަށް އުފެދުނު ތޫފާނަކީ މުޝްތަރީގައި މީގެ ކުރިންވެސް ކުދި ތޫފާންތައް ވަރަށް ގިނައިން އުފެދިފައިވާ ސަރަޙައްދަކުން ފެނުނު ތޫފާނެކެވެ. ނަމަވެސް މި ތޫފާނުގެ ބޮޑުކަމާއި އޭގެ ބާރުގަދަކަމުގެ ސަބަބުން ތާއަބަދަށް ނިމުމެއްނެތް ގޮތަށް ގުރަހައިގެ ވަށައިގެން ދައުރުވާ ތޫފާނަކަށް މި ތޫފާން ވެގެން ހިނގައިދާނެ ކަމަށް ބެލެވިފައި ވެއެވެ.

ދުނިޔެ ދެކޭ އެންމެ ވަރުގަދަ ތޫފާންތަނަށްވުރެ މި ގުރަހައިގައި ތާ އަބަދަށް ދައުރުވަމުންދާ އެންމެ އާދައިގެ ތޫފާންތައް ވެސް އެތައް ގުނައެއް ބާރުގަދަވެފައި ބޮޑުވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. މުޝްތަރީގެ އެންމެ އާދައިގެ ވިލާގަނޑެއްގެ އުސްމިނުގައި ވެސް 64 ކިލޯމީޓަރު ބޯމިން ހުންނަ ކަމަށް ބެލެވިފައި ވެއެވެ. މިއީ ގާތްގަނޑަކަށް، ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތް ކަމަށްވާ "ބުރުޖް ޚަލީފާ" ގެ 72 ގުނަ އެވެ.

މުޝްތަރީ އަކީ ދުނިޔެއަށްވުރެ 318 ގުނަ ބޮޑު ގުރަހައެކެވެ. މި ސޫރުދަ ނިޒާމުގައި ދައުރުވާ ހުރިހާ ގުރަހައެއް އެއްކޮށްލި ނަމަވެސް މުޝްތަރީހައި ބޮޑުނުވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. މި ގުރަހައަކީ ސޫރުދަ ނިޒާމުގެ އިރު ވަށައިގެން ދައުރުވާ އެހެން ގުރަހަތަކާއި އަޅާ ބަލާއިރު އެންމެ ބާރަށް ދައުރުކުރާ ގުރަހަ ވެސްމެއެވެ. މިގޮތުން މުޝްތަރީ ދައުރުވާ ބާރުމިން ގަޑިއަކު 45,300 ކިލޯމީޓަރަށްވުރެ ބާރުވާނެކަން އެނގިފައި ވެއެވެ. މި ގުރަގައިގައި ދުވަހެއްގެ ދިގުމިނަކީ 9 ގަޑިއިރާއި 55 މިނެޓެވެ.

ދުނިޔޭގައިވާ ދިރުމަކަށް ހިނދުކޮޅަކަށްވެސް ދިރުއުޅެވޭނެ ފަދަ މާޙައުލެއްނެތް މުޝްތަރީގައި މައިގަނޑު ގޮތެއްގައި ހުންނަނީ ހައިޑްރޮޖެން ގޭހެވެ. އަދި އެ ގުރަހައިގެ ދިހައެއް އިންސައްތަ ޙިއްސާކުރަނީ ހީލިއަމް އެވެ. މި ގުރަހައިގައި ނިސްބަތުން މަދު މިންވަރަކަށް އެމޯނިއާ އާއި މީތޭންގެ އިތުރުން ފެން އެކުލެވޭ ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ގުރަހައިގެ އާންމު ފިނިހޫނުމިނަކީ 145 ޑިގްރީ ސެލްޝިއަށް އެވެ. އަދި ގުރަގައިގެ ބޭރުން ފެންނާން ހުންނަ ބިޔަ ވިލާގަނޑުތަކުގެ އަޑީގައި ވަނީ ކެކިކެކި ހުންނަ ވިހަ މާއްދާތަކެވެ.

މުޝްތަރީގެ ބިޔަކަމާއި އޭގެ އަލިގަދަކަމުން ދުނިޔެއިން ހަމަލޮލަށްވެސް މި ގުރަހަ ފެންނާން ހުރެއެވެ. ދުނިޔެ އާއި ޖެހިގެން އޮންނަ ޒުހުރަތު (ވީނަސް) ފިޔަވައި ރޭގަނޑުގެ ވަގުތުތަކުގައި އެންމެ އަލިގަދަކޮށް ތަރިއެއް ފަދައިން ފެންނަނީ މުޝްތަރީއެވެ. މި ގުރަހަ އޮންނަނީ ދުނިޔެއާއި ގާތްގަނޑަކަށް 700 މިލިއަން ކިލޯމީޓަރު ދުރުގައެވެ.