ފައިމައްޗަށް ރަނގަޅަށް ކޮޅަށް ނުހުރެވޭތީ އާއި ފެންތަށީގައި ރަނގަޅަށް ނުހިފޭތީ އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އަށް ސިކުނޑީގެ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް ބެލެވި، އޭނާގެ ސިކުނޑީގެ ސްކޭނެއް ހަދަން ޖެހިފައިވާ ކަމަށް އެމެރިކާގެ ޑޮކްޓަރަކު ބުނެފިއެވެ.

އެމެރިކާގެ ވެސްޓް ޕޮއިންޓް މިލިޓްރީ އެކަޑަމީގައި ޓްރަމްޕް ތަގުރީރެއް ދިންވަގުތު އޭނާއަށް ރަނގަޅަށް ކޮޅަށް ނުހުރެވުމާއި އެކު، އެއް އަތުން ފެންތަށީގައި ރަނގަޅަށް ހިފަން ދަތިވެގެން އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އަންނަނީ ދައުރުވަމުންނެވެ.

މިކަމާއި ގުޅިގެން ދެކެވެމުންދާ ވާހަކަތަކަށް ރައްދެދެމުން ކުރި ޓްވީޓެއްގައި، ސިއްހީ މައްސަލައެއް ކުރިމަތިވެފައި ނުވާކަން ދޭހަކޮށްދީ ޓްރަމްޕް ބުނެފައި ވަނީ، ވެސްޓް ޕޮއިންޓްގައި އޭނާ ދީފައި ވަނީ ދިގު ތަގުރީރެއް ކަމަށާއި، ތަގުރީރު ދިންއިރު އޭނާ ހުރި ތަން ކައްސާތީ އުނދަގޫތަކެއް ދިމާވި ކަމަށެވެ. އަދި އެފަދަ ރަސްމިއްޔާތެއްގައި ކައްސާލައިގެން ވެއްޓި، އޮޅުވާލައިގެން ހަބަރު ފަތުރާ ނޫސްތަކަށް އުފާވެރިކަން ލިބިދޭނެ ފުރުސަތެއް ދޭން އެއްގޮތަކަށްވެސް ބޭނުން ނުވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ކޮޅަށް ހުރުމަށް ދިމާވި މި ދަތިތަކާއި ގުޅިގެން ޓްރަމްޕް ވާހަކަ ދައްކާފައި ވީނަމަވެސް، އެ ރަސްމިއްޔާތުގައި ފެންތަށީގައި ނުހިފިގެން އުޅުނު އުޅުމާއި ގުޅޭގޮތުން އޭނާ އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ ކުރިންވެސް ދެއަތުން ފެންތަށީގައި ހިފަހައްޓައިގެން ހުރެ ޓްރަމްޕް ފެންބޯން ޖެހުނު ހާލަތްތައް މެދުވެރިވެ އެކަން ގިނަބައެއްގެ ސަމާލުކަމަށް އައިސްފައި ވެއެވެ. 2017 ވަނަ އަހަރުން ފެށިގެން މިކަން ފާހަގަކުރެވިގެން ގިނަ ބަޔަކު އެ ވާހަކަ ދައްކާފައި ވެއެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން، އެމެރިކާގެ ޔޭލް އަށް ނިސްބަތްވާ އިސް ސައިކެޓްރިސްޓެއް ކަމަށްވާ ޑރ. ބްރެންޑީ ލީ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މި ހާލަތަކީ ސިއްޙީ ނުރައްކަލެއް ދިމާވެ ސިކުނޑިއަށް ގެއްލުމެއް ލިބިފައިވާ، ނުވަތަ ލިބެން އުޅޭކަމުގެ އަލާމާތެއް ކަމަށް ވެދާނެ ކަމަށެވެ. އަދި މިއީ ފުރާނައަށްވެސް ނުރައްކާވާފަދަ ހާލަތަކަށް ވުމަކީ ވެދާނެ ކަމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

އާންމުވެފައިވާ ވީޑިއޯއަކަށް ޓްވީޓާ މެދުވެރިކޮށް ކުރި ރިޕްލައިއެއްގައި ޑރ. ބްރެންޑީ ބުނެފައި ވަނީ، ޓްރަމްޕް އަށް ސިއްޙީ މައްސަލައެއް ދިމާވެފައިވާކަން މިހާރު ދައުރުވަމުންދާ ވީޑިއޯ އިންނާއި މީގެ ކުރިން މިފަދަ ހާލަތްތައް މެދުވެރިވި މަންޒަރު ފެންނަ ވީޑިއޯތަކުން ހާމަވާ ކަމަށެވެ. އަދި އޭނާ ހިނގައިބިނގައި އުޅޭ ގޮތުންވެސް އެކަން ފާހަނގަވާ ކަމަށް ޑރ. ބްރެންޑީ ވަނީ ބުނެފައެވެ.

ޓްރަމްޕް އަށް ސިއްޙީ ނުރައްކަލެއް ދިމާވެފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވާއިރު، ދާދި ފަހުން ވައިޓް ހައުސް އިން ނެރުނު އަހަރީ ރިޕޯޓެއްގައި ބުނެފައި ވަނީ ޓްރަމްޕްގެ އުމުރާއި އަޅާބަލާއިރު އޭނާގެ ސިއްޙީ ހާލު ރަނގަޅު ކަމަށެވެ. ޓްރަމްޕްގެ އުމުރުން މިހާރު 74 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    އިންތިޚާބުގެ ވޯޓް ލާންވާއިރަށް ތިކަލޭގެ ހުންނާނެބާއޭ ހިތަށްއަރަނީ؟