ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކު ބޭނުންކުރާ ލިފްޓެއްގެ ތެރޭގައި 30 މިނެޓުވަންދެން ކޮވިޑް-19 ގެ ވައިރަސް ހުރެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.

ޔުނިވާސިޓީ އޮފް އެމްސްޓެޑަމް އިން ކުރިޔަށްގެންދިޔަ ދިރާސާއަކުން މިކަން ހާމަވެފައިވާއިރު، މި ދިރާސާއިން އެނގިފައިވާ ގޮތުން ކޮވިޑް-19 ގެ ވައިރަސް ގެ އަސަރު ލިފްޓު ތެރޭގައި ގިނައިރު ވަންދެން ހުންނަނީ ބަންދުވެފައިވާނަމަ ކަމަށެވެ.

ނަމަވެސް ލިފްޓުގެ ދޮރު ހުޅުވިފައިވާނަމަ 10 މިނެޓާއި 20 މިނެޓާއި ދެމެދުގެ ވަގުތުކޮޅެއްގެ ތެރޭގައި، ވައިރަސްގެ އަސަރު ފިލައި، ބޭނުންކުރަން ރައްކާތެރިވާނެކަން ދިރާސާއިން ވަނީ ހާމަވެފައެވެ.

ކެއްސުމުން އަނގައިން ބުރައިގެންދާ ޖަރާސީމާއި ކުޅު، ވައިގެ ތެރޭގައި ހުންނަނީ ކިހައި އިރެއް ވަންދެންތޯ ބެލުމަށް، ސްޕްރޭއެއް ބޭނުންކޮށްގެން ތަޖުރިބަކާރުން ކުރިޔަށްގެންދިޔަ މި ދިރާސާއިން އެނގިފައިވާ ގޮތުން ކެއްސާ ކޮންމެ ފަހަރަކު ބޭރުވާ އެތައް ސަތޭކަ ޖަރާސީމުގެ ބައިތައް ލިފްޓު ތެރޭގައި ދައުރުވެއެވެ. މިބައިތައް ހުރި މިންވަރު އެފަރާތްތަކުން ހޯދާފައިވަނީ ޚާއްސަ ލޭޒާ އައްޔެއް ބޭނުންކޮށްގެންނެވެ.

އެހެންކަމުން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކު، އެނޫން މީހުންނާއެކު ލިފްޓު ބޭނުންކުރާ ވަގުތު ކެއްސުމުން ކޮވިޑްގެ ވައިރަސް ލިފްޓުތެރޭގައި ދައުރުވެ އެހެން މީހުންނަށް ޖެހުމުގެ ފުރުސަތު އޮންނަކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

މި ދިރާސާގެ ނަތީޖާ އާއި ގުޅިގެން ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ ލިފްޓު ތެރެއިން ކޮވިޑް-19 ފެތުރުމަކީ ވަރަށް ފުރުސަތު ބޮޑު ކަމެއް ކަމަށާއި، އެހެންކަމުން ބޭނުންކުރުމަށްފަހު ލިފްޓު ހުޅުވިފައި ހުންނާނެ ގޮތްތަކެއް އާންމު ޚިދުމަތްދޭ ތަންތަނުގައި ހަމަޖެއްސުމަކީ މުޙިންމު ކަމެއް ކަމަށެވެ.

އަދި ލިފްޓުތައް ބޭނުންކުރާ މީހުން ރަނގަޅަށް މޫނު ނިވާވެ، އަނގައިން ޖަރާސީމު ބުރައިގެން ނުދާފަދަ މާސްކުތައް ބޭނުންކުރުމަކީ، ބަލި ފެތުރިޔަ ނުދިނުމަށް ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ދިރާސާވެރިން ވިދާޅުވެފައި ވެއެވެ.