ޖަޕާނުގެ މަޝްހޫރު އެކްޓްރެސް، ޔޫކޯ ޓަކެއުޗީ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އުމުރުން 40 އަހަރުގެ ޔޫކޯ މަރުވެފައި އޮއްވާ ފެނުނީ ޓޯކިޔޯގައި ހުންނަ އޭނާ ދިރިއުޅޭ ގެއިން މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.

މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޔޫކޯ މަރުވީ އަމިއްލައަށެވެ. އަދި އޭނާ ހަރަކާތް ހުއްޓިފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ ފިރމީހާއަށް ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޔޫކޯ އޮތީ މަރުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވ.

ޖަޕާންގެ މީޑިއާތަކުން ބުނާގޮތުން އެޤައުމުގެ ފުލުހުން މިހާރު ދަނީ ޔޫކޯގެ މަރާއި ގުޅިގެން ތަހުޤީޤެއް ކުރަމުންނެވެ. ނަމަވެސް އޭނާ މަރުވީ އަމިއްލައަށް ކަމަށް އޮފިޝަލުން އަދި ރަސްމީ ގޮތެއްގައި ބުނެފައެއް ނުވެއެވެ.

ޔޫކޯ އަކީ އެޗްބީއޯއިން 2018 ވަނަ އަހަރު ނެރުނު މަޝްހޫރު ސީރީޒް، "މިސް ޝާލޮކް" އިން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އަދި 2004 ވަނަ އަހަރާއި 2007 ވަނަ އަހަރާއި ދެމެދު ތިން އަހަރު ޖެހިޖެހިގެން އޭނާއަށް "ޖަޕާން އެކެޑެމީ އެވޯޑްސް" އިންދޭ އެންމެ މޮޅު އެކްޓްރެސްގެ މަޤާމުވެސް އޭނާއަށް ލިބިފައި ވެއެވެ.

ކުއްލިގޮތަކަށް ޔޫކޯ މަރުވުމާއި ގުޅިގެން ޖަޕާނުގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި، އޭނާގެ ގިނަ އަދަދެއްގެ ފޭނުން އަންނަނީ މީސްމީޑިއާގައި ހިތާމަވެރި ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ޔޫކޯ އަމިއްލައަށް މަރުވެފައި ވާއިރު، ޖަޕާނުގެ އެހެން ބައެއް މަޝްހޫރު ތަރިންވެސް މިއަހަރުގެ ތެރޭގައި އަމިއްލައަށް މަރުވެފައި ވެއެވެ. އޭގެތެރޭގައި މިމަހުގެ ކުރީކޮޅު މަރުވި ސެއި އަޝީނާ އާއި ޖުލައި މަހު މަރުވި ހަރޫމާ މިއުރާ އާއި މޭއި މަހު މަރުވި ހޭނާ ކިމޫރާ ހިމެނެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ޖަޕާން ވެފައި ވަނީ ދުނިޔެއިން އެންމެ ގިނަ ބަޔަކު އަމިއްލައަށް މަރުވުމުގެ މައްސަލަތައް ފެންމަތިވި ޤައުމަށެވެ. މިގޮތުން މިދިޔަ މަހު އެކަނިވެސް އެޤައުމުން 1900 އަށްވުރެ ގިނަ މީހުން އަމިއްލައަށް މަރުވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިކަމާއި ގުޅިގެން ޖަޕާނުގެ އިދާރާތަކުން ވަނީ ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށް، މިފަދަ މަރުތައް މަދުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.