ކޮންމެ ދާއިރާއެއްގައި އުޅުނު ނަމަވެސް އެހެން މީހުންގެ ފާޑުކިޔުންތައް އަމާޒުވާނެއެވެ. ފާޑުކިޔުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް ފާޑުކިޔަން ޖެހޭނީ ކަންކަން ރަނގަޅު ކުރުމަށާއި ކުރިއެެރުވުމަށެވެ.

ފިލްމީ ދާއިރާގައި މަސައްކުރާ ފަންނާނުންނަށް އަބަދުވެސް ތަފާތު ގޮތްގޮތަށް ފާޑުކިޔުންތައް އަމާޒުވެއެވެ. ހާއްސަކޮށް މި ދުވަސްވަރަކީ މި ފަންނާނުންނަށް ފާޑުކިޔުންތައް ގިނަވެފައިވާ ދުވަސްވަރެކެވެ. މި ފާޑުކިޔުންތަކަކީ އެންމެ އެދެވޭ ގޮތުގައި ކިޔޭ ފާޑުކިޔުންތަކެއް ނޫންކަން ފަންނާނުންގެ ޕޯސްޓްތަކުން ފާހަގަވެއެެވެ.

ބޮލީވުޑުގެ ''ކިލާޅީ'' އެކްޓަރު އަކްޝޭ ކުމާރު ބުނާގޮތުގައި އޭނާއަށް އެންމެ ކަމުދާ އަދި އެންމެ އެދެވޭ ފާޑުކިޔުން ކިޔާ ބަޔަކީ އޭނާގެ ރަހުމަތްތެރިންނެވެ.

ފިލްމީ ދާއިރާގައި ރަހުމަތްތެރިން ތިބޭނެތޯ، އީޓައިމްސްއިން ކުރެވުނު ސުވާލަށް ޖަވާބުދެމުން އަކްޝޭ ކުމާރު ބުނެފައިވަނީ އެ ދާއިރާގައި ރަހުމަތްތެރިން ތިބޭނެކަމަށެވެ. ނަަމަވެސް އެކުގައި ވަގުތު ހޭދަކޮށް، މަޖާކޮށްހަދަނީ އޭނާގެ ސުކޫލާައި ކޮލެޖާއި އަދި ކުރިން އޭނާ އުޅުނު އެޕާޓުމަންޓުން ދިމާވި ރަހުމަތްތެރިންނާއި އެކުގައެވެ. ފުރަބަންދުގެ ކުރިން މަދުވެގެން މަހަކު އެއްފަހަރު އެކުގައި ވަގުތު ހޭދަކުރުމަކީ އަކްޝޭއާއި އޭނާގެ އެކުވެރިން ގަވާއިދުން ކުރާ ކަމެއްކަމަށް ވެސް އޭނާަ ބުނެފައިވެއެވެ.

އަކްޝޭގެ ޒަމާންވީ މި ރަހުމަތްތެރިންނަށް ފިލުމު ބެލުމަށް ވަރަށް ޝައުގުވެރިވާ ބައެކެވެ. ތިއޭޓަރުތަކުގައި އަޅުވާ ކޮންމެ ފިލުމެއް ބަލަން ވެސް މި މީހުން ދާަކަމަށް އަކްޝޭ ބުނެފައިވެއެވެ. އަކްޝޭއަށް އެ މީހުންގެ އެންމެ ކަމުދާކަމަކީ ފިލުމާއިމެދު ފާޑުކިޔައި ގޮތެވެ.

އަކްޝޭގެ ރަހުމަތްތެރިން އޭނާގެ ފިލުމެއް ބަލައިފިނަމަ، އެ ފިލުމު ރަނގަޅީއާއި ރަނގަޅުކަމަށް، ކަމުނުދާނަމަ ކަމުނުދާކަމަށް، އަދި ވަރަށް ރަނގަޅުނަމަ ވަރަށް ރަނގަޅުކަމަށް ވެސް ބުނެ ފާޑުކިޔައިކަމަށް ބުނެފައިވެއެވެ. މި ފާޑުކިޔުންތަކަކީ އިތުރަށް ކުރިއަށް ދިޔުމަށް އޭނާއަށް ލިބޭ އިތުރު ހިތްވަރެއްކަމަށް ވެސް ބުނެފައިވެއެވެ.