މި ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) އިން ދުނިޔެއާއި ދެވަނައަށް އެންމެ ގާތުގައިވާ މިއްރީޚު (މާސް) ގައި، ފޮރުވިފައިވާ ފެންގަނޑުތަކެއް ވާކަން ހާމަވެއްޖެ އެވެ.

މީގެ ކުރިން 2018 ވަނަ އަހަރުވެސް، މިއްރީޚުގައި ފެންހުރި ކަމަށް ހެކިދޭ ބައެއް ކަންކަން ދެނެގަނެވިފައި ވާއިރު، އެންމެ ފަހުން މި ގުރަހަ (ޕްލެނެޓް) ގައި ފެންހުރިތޯ ބެލުމަށް ކުރިޔަށްގެންދިޔަ ކާމިޔާބު ދިރާސާތަކުން މިއްރީޚުގެ ދެކުނު ތަނޑިން ތިން ފެންގަނޑު ހޯދިއްޖެ ކަމަށް ދިރާސާވެރިން ބުނެފައި ވެއެވެ. އަދި ކުރިން 2018 ވަނަ އަހަރު، ފެންހުރި ކަމަށް ބެލެވުނު ސަރަޙައްދަކީވެސް ފޮރުވިފައިވާ ފެންގަނޑެއް ކަމަށް ޔަޤީންވާކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ފެންހުރިތޯ ބެލުމަށް ޚާއްސަ އާލާތްތަކެއް ބޭނުންކޮށްގެން، މިއްރީޚުގެ ވަށައިގެން ދައުރުކުރާ ޖައްވީ އުޅަނދު މެދުވެރިކޮށް މި ހޯދުންތައް ހޯދާފައިވަނީ ޔޫރަޕިއަން ސްޕޭސް އޭޖެންސީ އިންނެވެ. އެ އޭޖެންސީން އަންނަނީ 2003 ވަނަ އަހަރުން ފެށިގެން މިއްރީޚުގެ ދިރާސާތައް ކުރަމުންނެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުން އެންމެ ފަހުން ކުރެވުނު ދިރާސާތަކުން، މިއްރީޚުގެ ދެކުނު ތަނޑީގެ 20 ކިލޯމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ފެންހުރިކަން ވަނީ ހާމަވެފައެވެ. އަދި މި ފެންގަނޑު އޮތީ ގުރަހައިގެ ބިންފަދަ ފަށަލައިގެ އަޑީގައި ފޮރުވިފައިކަމުން، ގުރަހައިގެ ބޭރުން ފެންގަނޑު ފެންނަން ނެތްކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ދުނިޔޭގެ ގަނޑުފެނުގެ ބައްރުގެ ބައެއް ސަރަޙައްދުތަކުގެ އަޑީގައިވާ ފެން ހޯދުމުގައި ވެސް ކާމިޔާބު އާލާތެއް މެދުވެރިކޮށްގެން މިއްރީޚުގެ ބިންފަދަ ފަށަލައިގެ އަޑިން ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ސައިންސްވެރިން ފެން ހޯދީ، ޚާއްސަ ރިފްލެކްޓާއެއްގެ އެހީގައެވެ. މިއީ ތަފާތު އެކި މާއްދާތަކުން އަލި ރިފްލެކްޓުވާ މިންގަނޑު ވަކިކޮށްދޭ އާލާތެކެވެ.

ފަހުގެ ހޯދުންތަކާއި ގުޅިގެން ދިރާސާވެރިން ބުނެފައިވަނީ، މިއްރީޚުން އަލަށް ފެނުނު ތިން ފެންގަނޑު އޮތީ ކައިރި ކައިރީގައި ކަމަށެވެ. އޭގެތެރެއިން ބޮޑު އެއް ފެންގަނޑު ވާއިރު ދެން އޮތް ދެ ފެންގަނޑު އޮތީ އޭގެ ވަށައިގެން ދެ ސަރަޙައްދެއްގައި ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. ނަމަވެސް މި ފެންގަނޑުތައް ހުރީ ގުޅިފައި ކަމެއް އަދި ޔަޤީނެއް ނުކުރެވެއެވެ.

ސައިންސްވެރިން ބުނާގޮތުން މިއްރީޚުން އަލަށް ފެނުނު ފެންގަނޑުތައް ހުރީ އެ ގުރަހައިގެ ބިންފަދަ ފަށަލައިގެން ވަރަށް އަޑީގައި ކަމަށް ވެފައި، އެހައި ފުން ހިސާބަކަށް ޖައްވީ ހޫނުކަން ފޯރުކަމަކީ ނާދުރު ކަމެކެވެ. އެހެންކަމުން ގަނޑުފެނުގެ ގޮތުގައި މި ފެންގަނޑުތައް ނެތީ، އޭގައި ލޮނު އެކުލެވޭ މިންވަރު ގިނަވުމުން ކަމަށް އެފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

މިއްރީޚުން ކުރިން ފެނިފައިނުވާ ފެންގަނޑުތަކެއް ފެނުމާއި ގުޅިގެން، މި ގުރަހައިގައި ދިރުމެއް ވެދާނެކަމަށް ޤަބޫލުކުރެވޭ ކުރުންތަކަށް އިތުރު ބާރެއް ވަނީ ލިބިގެން ގޮސްފައެވެ.

މިއްރީޚުގެ ހޯދުންތައް ހޯދުމުގައި ސައިންސްވެރިން ކުރާ މަސައްކަތް ދުވަހެއް ދުވަހަކަށް ފުޅާ ކުރަމުންދާއިރު، ކޮންމެވެސް ޒަމާނެއްގައި އެ ގުރަހައަށް އިންސާނުން ދަތުރުކުރުމަކީ ސައިންސްވެރިން ކުރާ އުންމީދެކެވެ. އެގޮތުން އެފަރާތްތަކުން ދަނީ މިއްރީޚުގެ ބިމުގައި ސްޓޭޝަންތައް ތައްޔާރުކޮށް އެތަނުގައި ޤާއިމްވެ ތިބެވޭނެގޮތުގެ ޕްލޭނެއްވެސް ތައްޔާރު ކުރަމުންނެވެ.

ނާސާއިން ތައްޔާރުވަނީ މިހާރު ގުރަހައިގައި ކުރިޔަށްގެންދާ ދިރާސާތަކަށް ފަހު، 2025 ވަނަ އަހަރުގައި އިންސާނުން އެ ގުރަހައަށް ފޮނުވުމަށެވެ.

މިއްރީޚަކީ ދުނިޔެއާއި އެއްފަދަ ނޫނަސް ދުނިޔޭގެ ބައެއް ސިފަތައް ލިބިގެންވާ ގުރަހައެކެވެ. ދުނިޔެއާއި 225 މިލިއަން ކިލޯމީޓަރު ދުރުގައިވާ މިއްރީޚުގެ ތަހުލީލުތައް ކުރުމަށް މިހާރު އެ ގުރަހައިގެ ބިމުގައި ހަރަކާތްތެރިވާ އުޅަދު، "ކިއުރިއޯސިޓީ" އެ ގުރަހައިގެ އެންމެ ފަހުގެ މަޢުލޫމާތާއި ފޮޓޯތައް ދުނިޔެއަށް ފޮނުވަމުން ދެއެވެ.

މިއްރީޚަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއްކަމަށާއި އިންސާނުން އެ ގުރަހައިގައި ދިރިއުޅޭ ދުވަސް ލަސްތަކެއްނުވެ ފެންނާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިންޓެލިޖެންސް

    މިއުޅެނީ ދިރިއުޅޭނެ ބިން ނެތިގެންތަ..އުޅޭ ތަނެއްގަ ވެސް ފަސާދަ ަ އުފައްދާ ލޭ އޮހުރިވާ ވަރުން

    14
    1
  2. ބޭކާރު

    ޢަހަރުމެން ނޫޅެން ކޮންމެހެން އެތަނަ ކަށް ދާ ކަށް.

    7
    3
    • ޕަކަޕަކަ

      ކައޭކާރިޔަކު ނާހައެއްނު އެތަނައް ދާންހިގާށޭ.