‘އައި އެމް ވުމެން’ ލަވަކިޔާފައިވާ އޮސްޓްރޭލިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހެލެން ރެޑީ މަރުވެއްޖެ އެވެ. ރެޑީ މަރުވީ އިއްޔެގެ ވަގުތެއްގައި ކަމަށް އޭނާގެ އާއިލާއިން ފޭސްބުކްގައި ހާމަކޮށްފައިވާއިރު އޭނާގެ މަރުވި އިރު އުމުރަކީ 78 އަހަރެވެ.

ރެޑީ އެންމެ މަޝްހޫރު ވެފައި ވަނީ 1972 ގައި އޭނާ ކިޔާފައިވާ ‘އައި އެމް ވުމެން’ ލަވައިންނެވެ. 2015 ވަނަ އަހަރު ރެޑީ ޑިމެންޝިޔާ ހުންނަ ކަން އެނގިފައި ވެއެވެ. ޑިމެންޝިޔާ އަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ޢާންމު ބައްޔެކެވެ. އެއީ ވަކި އުމުރަކަށް ދިއުމުން ދިމާވާ ކަމެކެވެ. މި ބަލި ޖެހުމުން ކަންކަން ހަނދާންނެތެއެވެ. ބަލީގެ ސަބަބުން ރެޑީ ދިރިއުޅެމުން ގެންދިޔައީ އެމެރިކާގެ ލޮސް އެންޖެލިސް ގެ ނާސިން ހޯމްއެއްގައި އެވެ.

ލަވަކިޔުންތެރިޔާ ރެޑީގެ އާއިލާގެ ފަރާތުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މަންމަ ނިޔާވިކަން ވަރަށް ހިތާމަޔާއެކު އިޢުލާން ކުރާކަމަށާއި މަންމަ ނިޔާވީ 29 ސެޕްޓެމްބަރު 2020 ގެ ރޭގަނޑުގެ ވަގުތެއްގައި ކަމަށެވެ. ރެޑީގެ ދެ ދަރިން ކަަމަށްވާ ޓްރޭސީ އައި ޖޯޑެން ކުރި ޕޯސްޓެއްގައި ބުނީ މަންމަ އަކީ ވަރަށް ފުރިހަމަ، މާމައެއް އަދި ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ.

ރެޑީގެ ކުރީގެ ފިރިމީހާ އަދި ރެޑީގެ ކުރީގެ މެނޭޖާ ޖެފް ވަލްޑް ވެސް ވަނީ ރެޑީގެ މަރާއި ގުޅިގެން ހިތާމަ ފާޅުކޮށް ޕޯސްޓެއް ކޮށްފަ އެވެ. އޭނާ ބުނީ ރެޑީ އަކީ އޭނާގެ ފުރަތަމަ އަދި 18 އަހަރުގައި އެކީ އުޅުނު އަނބިމީހާ ކަމަށެވެ. އަދި ރެޑީ އަކީ އޭނާގެ އެންމެ ބޮޑު ދެކުދިންގެ މަންމަ ކަމަށާއި ރެޑީއާއި އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރެވުނު ކަމަށެވެ.

ހަމަހަމަކަމަށް ވަކާލާތުކުރާ މީހެއްގެ ގޮތުގައި ރެޑީ ސިފަކުރެވިފައި ވެއެވެ. އޭނާ އަކީ ގިނަ ބައެއްގެ ލޯއްބާއި ތަރުހީބު ލިބިފައިވާ ލަވަކިއުންތެރިއެކެވެ. އޭނާއަށް ވަނީ ގްރެމީ އެވޯޑް ވެސް ލިބިފަ އެވެ.

ރެޑީ ކިޔާފައިވާ މަޝްހޫރު ލަވަތަކަށް ބަލާއިރު ‘ޑެލްޓާ ޑޯން’ ‘އެންގީ ބޭބީ’ ‘ލީވް މީ އެލޯން އަދި ‘އައިންޓް ނޯ ވޭއި ޓު ޓްރީޓް އަ ލޭޑީ’ ފަދަ ލަވަތައް ހިމެނެއެވެ.