އެޗްއައިވީން ރަނގަޅުވި ފުރަތަމަ ފިރިހެން މީހާ ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

އުމުރުން 59 އަހަރުގެ ޓިމޮތީ ރޭ ބްރައުން ނުވަތަ އާންމު ނަމުން ނަމަ "ދަ ބާލިން ޕޭޝަންޓް" މަރުވެފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް އިންޓަނޭޝަނަލް އެއިޑްސް ސޮސައިޓީން ވަނީ ބުނެފައެވެ.

ޓިމޮތީ އަކީ އެތައް މިލިއަން މީހަކަށް ޖެހިފައިވާ އެއިޑްސް ބަލިން ފަސޭހަވި ފުރަތަމަ މީހާއެވެ. އޭނާ އެ ބަލިން ރަނގަޅުވެފައިވާތާ 10 އަހަރަށްވުރެ ގިނަ އަހަރު ވެދާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އޭނާ އެއިޑްސް ބަލިން ރަނގަޅުވުމުން މިބަލީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ވަނީ އަލިކަމެއް ލިބިފައެވެ.

ޓިމޮތީއަށް އެޗްއައިވީ ޖެހިފައިވާކަން އެނގިފައިވަނީ 1995 ވަނަ އަހަރު އޭނާ ބާލިންގައި ކިޔަވަމުން ދަނިކޮށެވެ. އޭގެ 10 އަހަރުފަހުން އޭނާއަށް ވަނީ ކެންސަރު ހުރިކަން އެނގިފައެވެ. އޭނާއަށް ޖެހިފައިވަނީ ލުކީމިއާކަން އައިއޭއެސް އިން ވަނީ ބުނެފައެވެ. އެއީ ލެއާއި ބޯން މެރޯ އަށް ގެއްލުންދޭ ކެންސަރުގެ ވައްތަރެކެވެ.

އެހެން ކަމުން އޭނާ އަށް ފަރުވާ ދިނުމުގެ ގޮތުން ޑޮކްޓަރުންގެ ޓީމުން ވަނީ އެކި ކަހަލަ ދިރާސާތައް ހަދާފައެވެ. އެގޮތުން އޭނާ އެޗްއައިވީއިން ރަނގަޅުވި ގޮތަށް އެބަލިންވެސް ރަނގަޅު ކުރެވޭތޯ ޑޮކްޓަރުން ވަނީ މަސައްކަތް ކޮށްފައެވެ.

އެޗްއަައިވީއިން ރަނގަޅުވުމުން އޭނާ ވަނީ އާންމުންނަށް ބަލިން ރަނގަޅުވެވޭނެ ކަމަށް ބުނެ ހިތްވަރުވެސް ދީފައެވެ. އަދި އެފަދަ ބައްޔެއް ޖެހިގެން މާޔޫސް ނުވުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.

އޭނާގެ މަރާއި ގުޅިގެން އައިއޭއެސް އިން ވަނީ އޭނާގެ ރަހުމަތްތެރިންނަށާއި އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.