ދުނިޔޭގެ ރީތީގެ ރާނީގެ ލަގަބް ލިބުނު އައިޝްވާރިޔާ ރާއި ބައްޗަންއަކީ ބޮލީވުޑުގެ ހުނަރުވެރި އެކްޓްރެސްއެއްގެ އިތުރުން އޭނާގެ ރީތިކަމަށް ވެސް މަޝްހޫރުވެފައިވާ ފަންނާނެކެވެ. ''ބިއުޓީ ކުއީން''ގެ ނަމުން ނަން ދެވިފައިވާ އައިޝްވާރިޔާގެ ރީތިކަން ދައްކައިދެނީ ހަމައެކަނި އޭނާގެ މޫނަކުން ނޫނެވެ. ނަމަވެސް އޭނާ ކުރާ ކަންތައްތަކުން ވެސްމެއެވެ. އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް އައިޝްވާރިޔާއަކީ ފާހަގަކޮށްލެވޭ ފަންނާނެކެވެ.

އަބަދުވެސް ގެއިން ބޭރަށް ނިކުންނަ އިރު އައިޝްވާރިޔާ ހުންނަނީ ވަރަށް ފުރިހަމައަށް ތައްޔާރު ވެލައި ސާދާކޮށެވެ. ބޮލުގެ އިސްތަށިގަނޑާއި މޫނު މައްޗާއި އަދި ލައިފައި ހުންނަ ހެދުމުން ވެސް އަބަދުވެސް އޭނާގެ ރީތިކަން ދައްކުވައިދެއެވެ.

މޭކަޕް ކުރުމަށް ބޭނުންކުރާ ތަފާތު ތަކެތީގެ ތެރެއިން އެ އެއްޗަކާއި ނުލައި އައިޝްވާރިޔާއަށް ގެއިން ނުނިކުމެވޭ އެއްޗަކީ ކޮބައިތޯ ކުރެވުނު ސުވާލަށް ޖަވާބުދެމުން ބުނެފައިވަނީ އެއީ އައިލައިނާއާއި މަސްކަރަ ކަމަށެވެ. އެކްޓަރުން އުޅެންޖެހޭ ''ބިޒީ ލައިފު''ގެ ސަބަބުން ގިނަ ފަހަރަށް ހަމަ ނިދި ނުލިބޭކަމަށާއި މަސްކަރައާއި އައިލައިނާ އިން ބޭނުން ކުރުމުން މޫނުމަތިން އެކަން ދައްކައި ނުދެއެވެ.

އެހެންކަމުން މި ދެ އެއްޗަކީ އޭނާއަށް ވަރަށް މުހިންމު އެއްޗަކަށް މި ވަނީ ވެފައެވެ. އަދި އޭނާއަށް އެންމެ ކަމުދާ މޭކަޕް އެއްޗަކަށް ވާާނީވެސް އައިލައިނާއާއި މަސްކަރާ އެވެ.

އައިޝްވާރިޔާ ރާއި ބައްޗަންއަކީ 1994 ވަނަ އަހަރުގެ ދުނިޔޭގެ ރީތީގެ ރާނީއެވެ. މީގެ އިތުރުން އައިޝްވާރިޔާއަކީ ބޮލީވުޑުގައި ވެސް ކާމިޔާބު އެތައް ފިލުމުތަކެއް ކުޅެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.

އައިޝްވާރިޔާގެ އެންމެ ކާމިޔާބު ފިލުމުތަކުގެ ތެރޭގައި ''ހަމް ދިލް ދެ ޗުކެ ސަނަމް''، ''ދޭވްދާސް''، އެ ދިލްހެ މުޝްކިލް'' ހިމެނެއެވެ. ދެން އެންމެ އަވަހަށް އައިޝްވާރިޔާ ފެނިގެންދާނީ މި އަހަރުގެ ޑިސެމްބަރުގައި އަޅުވަން ތާވަލު ކުރެވިފައިވާ ''ޖެސްމިން: އަ ލީސްޑް ވޮމްބް''އިންއެވެ.