ފޭސްބުކްގެ ފީޑުން ފެންނަމުން ދިޔައީ އެއާއިލާގެ އުފާވެރިކަމެވެ. އެމެރިކާގެ ކޮލެރާޑޯގައި ނިކަން އުފަލުން ދިރިއުޅެމުން ދިޔަ ދެމަފިރިންނާއި އެމީހުންގެ ކުޑަކުޑަ ދެދަރިންގެ ދިރިއުޅުމުން އެންމެންނަށް ވެސް ލިބެމުން ދިޔައީ ހިތްހަމަޖެހުމެވެ. ނަމަވެސް މުޅި ދުނިޔޭގެ ސަމާލުކަން 2018 ވަނަ އަހަރު ލިބިގެން ދިޔަ މަރުގެ ބޮޑު ހާދިސާ އިން އެނގިގެން ދިޔައީ އާއިލާގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރި ދެކުދިންގެ ބައްޕަ ކްރިސް ވަޓްސް އަކީ ފޮރުވިގެން ހުރި ބޮޑު އަނިޔާވެރިއެއްކަމެވެ. އިންސާނިއްޔަތުކަމުގެ ކުޑަވެސް ކަންފުޅެއް އޭނާގެ ނެތެވެ.

ކްރިސްގެ އަނބިމީހާ ޝެނަން އާއި ތިން އަހަރުގެ ކެލެސްޓީ އާއި ފަސް އަހަރުގެ ބެލާ މަރާލާފައި އޮއްވާ ފެނުނީ 2018 ވަނަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހުއެވެ. އެމީހުން މަރާލުމަށްފަހު އޮތީ ތާންގިއެއްގެ ތެރެއަށް ވައްޓާލާފައެވެ. ކްރިސް އޭނާގެ އަނބިމީހާ އާއި ދެދަރިން މަރާލި ހާދިސާގެ ތަފްސީލްތައް ހިމެނޭ ޑޮކިއުމެންޓްރީ "އެމެރިކަން މާޑާ - ދަ ފެމެލީ ނެކްސްޓް ޑޯ" މިއަދު ވަނީ ރިލީސް ކޮށްފައެވެ.

ޝެނަން އާއި އޭނާގެ ދެދަރިން ގެއްލިގެން ފުލުހުންނަށް އެކަން ރިޕޯޓް ކުރީ ޝެނަންގެ އަވައްޓެރިއެކެވެ. ޝެނަންގެ އަވައްޓެރިޔާ ޝެނަން އާއި މެދު ކަންބޮޑުވީ މެންދުރު ބާރަ ޖެހިއިރު ވެސް އޭނާގެ އެއްވެސް ޚަބަރެއް ނުވުމުންނެވެ. ކުރިން ކޮންމެ ދުވަހަކު ފެންނަ އަވައްޓެރިޔާގެ ޚަބަރެއް އެދުވަހު ނުވުމުން އަވައްޓެރިޔާ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައެވެ.

ޝެނަން އާއި ދެކުދިން ހޯދަން ފުލުހުން ހުއްޓުމެއް ނެތި ކުރަމުން ގެންދިޔަ މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ނުލިބުމުން އެފްބީއައި އިން ވެސް އޮޕަރޭޝަންގައި ބައިވެރިވިއެވެ. ކުއްތާތައް ވެސް ބޭނުން ކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުން ކޮޅެއް މެދެއް ނުފެނުވުމުން ފުލުހުންގެ ތަޙްޤީޤު ދެން އެނބުރުނީ ސީދާ ކްރިސް އަށެވެ.

ކްރިސްގެ ޕޮލިގްރާފް ޓެސްޓެއް ފުލުހުން ހެދިއެވެ. އެޓެސްޓްގައި އޭނާ އާއި ކުރި ސުވާލުތަކަށް ކްރިސް ނޫނެކޭ ބުންޏެވެ. ހަޤީޤަތް އޮޅުވާލަން އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ޕޮލިގްރާފް ޓެސްޓުން ކްރިސް ފެއިލް ވުމުން ފުލުހުން އޭނާގެ މައްޗަށް ކުރަމުން އައި ތުހުމަތު "ޔަގީންވިއެވެ."

އެހައިހިސާބުން ފުލުހުން ކްރިސް އާއި ދެން ސުވާލު ކުރަން ފެށީ ކްރިސް އޭނާގެ އަނބިމީހާ އާއި ދެދަރިން މަރާލާފައި ވާނެކަން ކަށަވަރުވެ ތިބެއެވެ. ކްރިސް ފުރަތަމަ ދިޔައީ ފުލުހުންގެ ތުހުމަތުތަކަށް ފާޅުގައި ދެކޮޅު ހަދަމުންނެވެ. ނަމަވެސް އެންމެ ފަހުން ގޮތް ހުސްވުމުން ކްރިސް ކުށަށް އިއުތިރާފުވެ އަނބިމީހާ އާއި ދެދަރިން މަރާލި ކަމަށް އެއްބަސްވިއެވެ. ކްރިސް އޭނާގެ އަނބިމީހާ މަރާލިއިރު އަނބިމީހާ އިނީ ތިން ވަނަ ދަރިއަކަށް ބަލިވެއެވެ.

ކްރިސް އޭނާގެ އަނބިމީހާ އާއި ދަރިން މަރާލީ އެހެން ލޯބިވެރިޔަކު ހޯދުމަށް ފަހު އެއަންހެން މީހާ އާއި ގުޅެން ވެގެންނެވެ. ކްރިސް ބުނެފައިވާ ގޮތުގައި އޭނާ ބޭނުންވީ އަނބިމީހާ އާއި ދަރިންގެ ކިބައިން "ސަލާމަތްވާށެވެ."

އަނބިމީހާ އާއި ދެދަރިންގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހުން މެރުމުގެ ތަފާތު ފަސް ދައުވާއެއް ކްރިސްގެ މައްޗަށް އުފުލިއެވެ. އެހުރިހާ ދައުވާއަކަށް ވެސް އޭނާ އިއުތިރާފުވިއެވެ. ކްރިސްގެ މައްޗަށް 48 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އޭނާގެ މައްޗަށް ޙުކުމް އިއްވާފައި ވަނީ ޕެރޯލްގެ ފުރުސަތު ނުލިބޭ ގޮތަށެވެ.

ކްރިސްގެ އަނިޔާވެރިކަމުގެ ވާހަކަ މިއަދު އަނެއްކާވެސް މީޑިއާތަކަށް ތިލަވެފައި މިވަނީ ނެޓްފްލިކްސް އިން ރިލީޒް ކުރި ޑޮކިއުމެންޓްރީ އާއި ގުޅިގެންނެވެ.