(ލިޔުންތެރިޔާގެ ބަސް: މިއީ މީގެ ދެދުވަސް ކުރިން އެރުވުނު "ލޮކަރު" ވާހަކައިގެ ދެވަނަ ބައެވެ. އެވާހަކަ ނުކިޔާ ވާނަމަ ފުރަތަމަ އެ ކިޔާލުމަށްފަހު މި ވާހަކައައިގެން ކުރިއަށްދިއުން އެދެމެވެ.)

- ކައިސް -

ދުވަސްކޮޅަކީ ދިރިއުޅުމުގައި އަނދިރި ސަފްހާތަކެއް ގުނަން ޖެހިފައިވާ ދުވަސްވަރެކެވެ. ބައްޕަ ނިޔާވިތާ މަހެއް ވަނީއެވެ. މުޅި ގޭތެރެއަށް ފަހަކަށް އައިސް ވެރިވެފައި އޮންނަ ވިހަގަދަ ހިމޭންކަމަކުންން އަހަރެންގެ ނޭވާ ހާސްކުރުވަން ފަށައިފިއެވެ. އާންމުކޮށް ހެދި ގޮނޑުދަށަަށް ބޯ ހަމަ ޖައްސާލަން ދިޔަޔަސް މަންމަ އެކަނި ކޮށްލާފައި މިދުވަސްކޮޅު ދާނީވެސް ވަކި ކިހިނެއްހެއްޔެވެ؟ މަންމަ އިންނަނީ ޒާތަކަށް ގަބުވެފައެވެ. ބަހެއް ބުނަނީ ވަރަށް ހާލުންނެވެ. އަހަރެން މަންމަ އާއެކު ގިނަ ވަގުތުތަކެއް ހޭދަކުރަމެވެ. ނަމަވެސް އަހަރެންނަކީ ވެސް އަމިއްލަ ހަނގުރާމައެއް ކުރަމުން އަންނަ މީހަކީމެވެ. ހަތިޔާރު ބަހައްޓާ ހަނު ހުންނަން ވެއްޖެއްޔާ ޒަޚަމްވާނީ މި ޖިސްމު އެކަންޏެއް ނޫނެވެ. އަހަރެންގެ ހިތްވެސްމެއެވެ.

ސެމެސްޓަރ ގެ މެދުތެރޭން ކޮންމެވެސް ދުވަހެއްގައި ކުލާހުގެ ދޮރުން ވަދެގެން އައި އަންހެން ކުއްޖެއް ފެނި ފުރަތަމަ ފަހަރަށް ބަސް ހުއްޓުނެވެ. ހީވީ ކުޑަ ވަގުތުކޮޅަކަށް މުޅި ކާއިނާތު ހުއްޓުނުހެންނެވެ. ހީވީ ދޮރުން ވަން ގޮތަށް އަހަރެންގެ ހިތުގެ ތެރެއަށްވެސް ދެމިގަތް ހެންނެވެ. އެހާވެސް އޭނާ ހިތްގައިމެވެ. ބައެއް ފަހަރު ކުލާހުގައި އިންނަ އިރު އޭނާ ވާހަކަ ދައްކާ އަޑު އަހަރެންގެ ކަންފަތުގައި ޖެހެއެވެ. ރައްޓެހިން ގާތު ފިސާރި ބަސް ފަރިތައެވެ. ވާހަކަ ނުދެއްކެނީ ހަމައެކަނި އަހަރެންނާއެވެ.

މަސައްކަތް ކުރީމެވެ. އަހަރެން ވެސް އޭނާގެ ޚިޔާލުތައް ހިއްސާކުރާ މިތުރަކަށް ހަދާތޯ ބެލީމެވެ. ނަމަވެސް ލައްކަ މަސައްކަތުން ވެސް މިކަން ވީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. އޭނާ އަހަރެންނާ ވާހަކަ ދައްކަން ޖެހިލުންވާ ސަބަބެއް ވިސްނާ ވިސްނާ ވެސް އަހަރެންގެ ސިކުނޑިއަކަށް ނައެވެ. ސުކޫލުގައި އަހަރެންގެ ރައްޓެއްސަކަށް ވާން ބޭނުން ނުވާ މީހަކު ނުހުރެއެވެ. އަހަރެންގެ ޚާނދާނީ މުއްސަނދިކަމުގެ ދަހިވެތި ކަމުގައިވެސް ވެދާނެއެވެ. ނޫނީ އެހެން ކަމެކެވެ. އަހަރެން މާ ވަރަކަށް އަޅައެއް ނުލަމެވެ. މީހަކު ދޯ ދީފިއްޔާ އާހޫ ކިޔަމެވެ. ގޮވާލައިފިއްޔާ ބޯ ޖާހަލާ ހިނިތުންވެލަމެވެ. ދަންނަ ކިތަންމެ ބަޔަކު ތިއްބަސް އަހަރެން އެނގޭ އެކަކުވެސް ނެތެވެ.

ވާހަކަ ކިޔުމަށް އަހަރެން ވަރަށް ޝައުގުވެރިކަން ހުރެއެވެ. ބޮޑުވަމުން އައި އިރު އަހަރެންގެ މި ހޮބީ އަށް އެތަކެއް ބައެއްގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވިއެެވެ. ޚާއްސަކޮށް އަހަރެންގެ އެންމެ ގާތުގައި އުޅޭ 'ރައްޓެހިން' ގެ ފަރާތުންނެވެ. ވާހަކަ ކިޔުން 'ރަނޑު' ކަމަކަށް ވާންވީ ކީއްވެ ކަމެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނުނެވެ. ބައެއް ފިރިހެން ކުދިން ވިސްނަން ބޭނުންވަނީ ސިކުނޑިންނެއް ނޫނެވެ. އައްމާރު ކަހަލަ މީހުން ދުނިޔޭގައި އެހާ ގިނައީ އެހެންވެއެވެ.

އައްމާރުގެ ނަން ހަނދާނަށް އަޔަސް އަހަރެންގެ އަތް މުއްކަރުވާލެވެއެވެ. ބައްޕަ ނިޔާވެގެން ސުކޫލަށް ނައިސް ހުރި ތިން ދުވަސް ތެރޭގައި އަހަރެންގެ ތެޔޮ ނާށި އޭނާ ޖަހައިގަނެއްޖެއެވެ. ނޫނެކެވެ. ލަމްހާ އަކީ އެއްވެސް އިރެއްގައި އަހަރެންގެ މީހެއް ނޫނެވެ. ނަމަވެސް އަހަރެންގެ މީހަކަށް ހެދިދާނެ ކުއްޖެކެވެ. އަހަރެން ސިއްރު ސިއްރުން އޭނާ އަށް ފޮނުވާ ނޯޓުތަށް ކިޔުމަށްފަހު އެ ލަދުރަކި މޫނުމައްޗަށް ވެރިވެގަންނަ ފޮނި ހިނިތުންވުމުންވެސް އަހަރެންގެ ބަސްތަކުން އޭނާގެ ހިތަށް އަސަރުތަކެއް ކުރުވާކަން އަހަރެންނަށް ޔަގީނެވެ. ނަމަވެސްް ދިރިއުޅުމުގެ މި ދަތުރުގައި ދުއްވަމުން ދިޔަ ރާއްސާތާއިން ކައްސާލި ކަންނޭނގެނީސް މިއޮތީ ފަރަށް އަރާފައެވެ.

ލަމްހާގެ ވާހަކަ މަންމަ ގާތުގައި ކިޔައިދިނީ މަންމަގެ ފަރާތުން އެއްވެސް އިހުސާސެއް ފާޅުވޭތޯއެވެ. އަބަދު އެހެން ގަބުކައިފައި އިނުން ރަނގަޅު ނުވާނެ ކަމުގައި ޑަކްޓަރު ބުނީމައެވެ. އަހަރެންނަކީ އަންހެން ކުއްޖެއްގެ ވާހަކަ ދުވަހަކުވެސް މަންމައާ ހިއްސާކުރި މީހެއް ނޫންކަމުން، މަގްސަދު ކާމިޔާބުވީ މަންމަ އެކަމަށް ދޭންފެށި ސަމާލުކަމަކުންނެވެ. ލަމްހާއާ ބެހޭގޮތުން ފައްޗަކަށް އަމުނާލި ހުރިހާ ސުވާލަކަށް ޖަވާބު ދެވޭތޯ އަހަރެން ބެލީމެވެ.

އޭނަ އަކީ ފުވައްމުލަކު ކުއްޖެއް ކަމާއި، ސުކޫލަށް އައީ ސެމެސްޓަރ ގެ މެދުތެރެއިން ކަމެވެ. (އަހަރެންނަށް އޭނާ އަށް އެހާ ސަމާލުކަމެއް ދެވުނު އެއް ސަބަބަކީ އެއީއެވެ. އޭނާގެ ވާހަކަ އަހަރެން އެނގެން ބޭނުންވީއެވެ. ނަމަވެސް އެއީ މަންމައަށް އެނގެން ޖެހޭ ކަމެއް ނޫނެވެ.) ލަމްހާއަށް އެންމެ ރީތީ ރީނދޫ ކުލަ ކަމާއި އެންމެ ގިނައިން އޭނާ ކާތަން ފެންނަނީ ކެންޓީނުގެ ޑޯނަޓުކަން ބުނެދިނީމެވެ. އަބަދުވެސް ކޮންމެވެސް އާ ވާހަކައެއް އޭނާ އަތުގައި އޮންނަތަން ފެންނާނެއެވެ. (މިހެން ބުނެވުމާއެކު މަންމަ ނިތް އަރުވާލިކަން އަހަރެން ފާހަގަކޮށްލީމެވެ.) އޭނާ އެންމެ ރުޅި އަންނަ ކަންތަކަށް ދަންދެން އެންމެ އުފާވާ ކަންތަކުގެ ލިސްޓެއް ކިޔައިދިނީމެވެ. ވާހަކަ ނުދައްކާ މީހަކާ ބެހޭގޮތުން އެހާ ބައިވަރު ކަމެއް އެނގޭތީ އަހަރެންވެސް ހުރީ ކުޑަކޮށް ހައިރާންވެފައެވެ. ބިރުވެސް ގަނެފައެވެ. މިއީ ފަސޭހައިން ހަނދާނުން ފުހެލެވޭނެ ކުއްޖެއް ނޫންކަން އަހަރެންނަށް ވިސްނުނީ އެވަގުތުއެވެ. އެންމެ ފަހުން އައްމާރު އާ ރައްޓެހިވެގެން އުޅޭ ވާހަކަވެސް ކިޔައިދެވިއްޖެއެވެ.

މަންމަ ބުނާގޮތުން އަހަރެން މާ ފިނޑީއެވެ. އެއްބަހެވެ. ލަމްހާ ކުރިމަތީގައި އަހަރެން ފިނޑިމީހަކަށް ވިޔަސް މައްސަލައެއް ނެތެވެ. އަހަރެން ބޭނުމީ އޭނާ އުފަލުގައި އުޅޭށެވެ. މިހާރު އައްމާރު އާ ރައްޓެހިވެގެން އެއް މަސް ވަނީއެވެ. ސުކޫލު ތެރޭން އެ ދެމީހުން އެއްކޮށް ފެނުނަސް އަހަރެންގެ މޫނު އަނެއް ފަރާތަށް އަނބުރާލަން މަޖުބޫރު ވެއެވެ. ހިތަށް ކުރާ އަަސަރެއްގެ ބޮޑު ކަމުންނެވެ. ލަމްހާއަށް އެނގޭނެ ނަމައެވެ. އަހަރެން ހީކުރީ ލަމްހާގެ ހިތުގައިވެެސް އަހަރެންނާ މެދު އިހުސާސުތަކެއް ވާ ކަމަށެވެ. ނަމަވެސް އަހަރެން ލޮލަށް ނުފެނުނު ތިން ދުވަސް ތެރޭ އޭނާގެ އިހުސާސުތަކުގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. އެވަރު މީހަކާ ހެދި މިހާ ހޭބަލި ވުން ބުއްދިވެރި ހެއްޔެވެ؟

*** *** ***

- ލަމްހާ -

ހާސްވަނީއެވެ. ނިދަން އުނދަގޫވެއްޖެއެވެ. ގަޑި އިރު ދެ ގަޑި އިރު ވަންދެން މި ޖެހެނީ ފުރޮޅި ފުރޮޅި އޮންނާށެވެ. އަހަރެންގެ ބަނަ ވިސްނުމުގެ ޚިޔާލުތަކަށް ނިމުމެއް ނާދެއެވެ. ފާއިތުވި ހަފްތާ ތެރޭ އައްމާރުގެ ކިބައިން ފާހަގަ ވާން ފެށި ކަންތައްތަކުން ހިތް ނުތަނަވަސް ވެއްޖެއެވެ. އުފާވެރި ދުވަސްތަކެއް އޭނާއާއެކު ގުނުމަށްފަހު މި ކުރިމަތިލާން ޖެހުނީ ކޮންފަދަ ތޫފާނަކާއި ހެއްޔެވެ؟

އައްމާރާއި ރައްޓެހިވި ފަހުން އަހަރެންނަށް ނޯޓުތައް ފޮނުވާ ޒުވާނާ އޭނާގެ މިޒާޖުން ފެނޭތޯ ނިކަން ހޯދީމެވެ. އޭނާގެ ވާހަކަތަކުން އަހަރެންގެ ހިތް އަވަސް ކުރަން ދުރު ތާނގާ ގުޑުވާވެސް ނުލައެވެ. އައްމާރުގެ ހުންނަނީ ފޮނި ގޮތް ގަނޑެކެވެ. ހީވަނީ އަހަރެންމީ އޭނާ އިޝްތިހާރު ކުރަން ގެންގުޅޭ އެޑެއް ހެންނެވެ. ސުކޫލުގައި ކިތަންމެ ބޭނުން ނުވިޔަސް އަހަރެން ހުންނަން ޖެހެނީ އޭނާގެ އަތުގައި އެލިގަނެގެންނެވެ. އަދި އަމުދުން އޭނާގެ ރައްޓެހިންނާ އެއްތަން ވެއްޖެއްޔާ މިޒާޖަށް އެ އަންނަ ބަދަލަކުން އަހަރެން މުޅިންހެން ފޫހިކޮށްލައެވެ. މިއީ ހަމަ އަހަރެންނަށް އެ ނޯޓުތައް ފޮނުވި ޒުވާނާ ބާއެވެ؟ ހެކި ނުދެއްކެނީސް އައްމާރުގެ ލޯތްބަށް އާނ އެކޭ ބުނެވުނުކަން މޮޔަ ހީވިއެވެ. އޭނާ އާ ވަކި ދުރުވާނީ ކިހިނެތްހެއްޔެވެ؟ މިއީ އަހަރެންގެ ހިތް ހިބަކޮށް ދިން އިންސާނާ ނޫން ހެއްޔެވެ؟

ނޫނެކެވެ. މިއީ އަހަރެން ލޯބިވި ޒުވާނާއެއް ނޫނެވެ. އެކަން އަހަރެންނަށް މިއަދު ޔަގީންވެއްޖެއެވެ. ނިދި އަހަރެންނާއި ފުސް މޫނު ހަދާލައިގެން މިއުޅެނީ އެހެންވެއެވެ. އައްމާރު އާ ރައްޓެހިވާން ނިންމި ދުވަހުވެސް ހިތަށް މިފަދަ ގޮތަކަށް އުނދަގޫތަކެއް ވިއެވެ. ނަމަވެސް އަލަތު ލޯބިވެރިޔާ ކަމުގައި ނިންމާ ހިތުގެ އިންޒާރުތަކަށް ލޯމަރާލީއެވެ. އެއީ އަހަރެންނަށް ހެދުނު ޅަ އެއްޗެކެވެ. ދެތިން ހަފްތާ އޭނާ އާ އެކު އުޅެލި ނަމަވެސް ހަގީގަތް އެނގުނީހެވެ. ނަމަވެސް ދިއްކުރި ބޮންތީގައި މާ ކުރިން ހިފުނީއެވެ. ފަތަން ނޭނގެނީސް ފުއްމާލެވުނީއެވެ. ނަމަވެސް ގެނބޭކަށް ނޭދެމެވެ.

އައްމާރަކީ ކަނާތްތެރިއެކެވެ. އަހަރެންނަށް ނޯޓު ފޮނުވި ޒުވާނާ އަކީ ވާތްތެރިއެކެވެ. ޕިއްޒާ ކާން ދިޔަ ދުވަހެއްގައި ޒައިތޫނި އަޅާފައި ހުރި ޕިއްޒާ އަކަށް އަހަރެން އޯޑަރު ދިނީ ދެވަނައަށް ކުރެވުނު ޝައްކު ޔަގީން ކުރާށެވެ. އަހަރެންނަށް ހީވި ހީވުން ރަނގަޅެވެ. އެ ކައިގެން އައްމާރަކަށް ގޮތެއް ނުވިއެވެ. ނަމަވެސް އަހަރެންގެ ހިތް ދީފައިވާ ޒުވާނާ އަށް ގޮތް ވާނޭ ކަމާމެދު ޝައްކެތް ނެތެވެ. އައްމާރު އަހަރެން ފޮތް ކިޔާތީވެސް މަލާމާތް ކުރެއެވެ. އެންމެ ދުވަހަކު އަހަރެންގެ އަތުން ލޯބީގެ ވާހަކައެއް ފެނުނީއްސުރެ ދިމާކުރުން ނުހުއްޓައެވެ. މިހެން ވާންވީ ކީއްވެހެއްޔެވެ؟ މިއީ އަހަރެން ލޯބިވި އިންސާނާ އެއް ނޫނެވެ. އައްމާރު މިހާ ބޮޑު ކެއްސެއް އަހަރެންނަށް ދޭންވީ ސަބަބެއް ނުވިސްނުނެވެ.

ދެން އޮތީ އެންމެ ގޮތެކެވެ. ހުކުރު ދުވަހުގެ އިރު އެރުމުގެ ކުރިން ހެދި ގޮނޑުދޮށަށް ގޮސް އަހަރެންގެ މި ޚިޔާލުތަކަށް ލުޔެއް ދޭށެވެ. އައްމާރު އެތަނުން ފެނިއްޖެއްޔާ އަހަރެންގެ ހިތް ހަލާކުވާނެ ތޯޗެވެ. އަހަރެންނަށް ނޯޓު ފޮނުވި ޒުވާނާއަށް އައްމާރު ވާކަށް މިހާރު މި ހިތެއް ނޭދެއެވެ. އެއީ އަހަރެންގެ ލޯތްބަށް ޤަދަރުކުރާ އިންސާނެއް ނޫނެވެ. އަހަރެން ގެ ލޯބި ހައްގުވާ މީހާއެއް ނޫނެވެ.

*** *** ***

- ލަމްހާ -

އެލާމް ގެ އަޑު އިވެން ފެށި އިރު އަހަރެން ހުރީ ބޭރަށް ދާން ތައްޔާރަށެވެ. ސުކޫލަށް ދާ އިރު ގައިގައި މިހާ ވަރު ހުންނަ ނަމައޭ ހިތަށްއެރިއެވެ. މަޑުމަޑުން ކޮޓަރިން ނިކުމެ ބޭރު ދޮރާ ދިމާލަށް ހިނގައިގަތީމެވެ. މަންމަމެން މިއަދު ހޭލާނީ ތަންކޮޅެއް ލަހުންކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން، ފުރުސަތު ގެ ބޭނުން ހިފާ އަހަރެންގެ މަގުސަދު ހާސިލް ކުރަން އަވަސް ވެގަތީމެވެ.

އަހަރެންގެ ގެ ހުންނަނީ ހެދި ގޮނޑުދޮށާ ދާދި ކައިރީގައި ކަމުން ހިނގާލާފައި ފަސޭހަ ކަމާއެކު އަތިރިއަށް ފޯރައިފިއެވެ. މުޅި އުދަރެހަށް ވެރިވެފައިވަނީ ބުނެދޭން ނޭނގޭ ހިމޭންކަމެކެވެ. ދުނިޔެ ނިދާފައި ވިޔަސް އަހަރެން މިހުރީ ހޭލައެވެ. އުއްމީދުކުރަނީ އަހަރެން ބަލާލަން ބޭނުންވާ މޫނު މިއަދު ފެންނާނޭ ކަމަށެވެ. ހިތް ބުނަނީ އޭނާ ވީ މިތާ ކައިރީގައި ކަމެވެ. އެހެންކަމުން އަހަރެން އެކި ފަރާތް ފަރާތުން ހޯދާ ބަލަން ފެށީމެވެ.

ރާޅު ބީއްސާލާ ހިސާބުގައި އިން މީހަކު އަހަރެންގެ ލޮލަށް ފެނުނީ އެއްލި ކަޅި އަކުންނެވެ. ހިތާ ހިތުން ބިދޭސީ އަކަށް ނުވާނޭކަމަށް ދުޢާކޮށްލަ ކޮށްލާ ހުރެ އޭނާ އާ އަރާ ހަމަކޮށްފީމެވެ. ކައިރީގައި އިނގެރޭސި ވާހަކަ ފޮތެއް އޮތެވެ. އޭނާ އިނީ ފޮތެއްގައި އެއްޗެއް ލިޔާށެވެ. ގަލަމުގައި ހިފައިގެން އިނީ ވާ އަތުންނެވެ. އަހަރެންގެ ހިތެކޭ ދުއްވަމުންދާ ޓްރެއިން އެކޭ އެއްވަރެވެ. ދުވެލި ހުރީ މެކުހުގައެވެ. އޭނާގެ މޫނު ފެނޭތޯ ކުޑަކޮށް ގާތަށް ޖެހިލީމެވެ. އެ ވަގުތުވީ އޭނާވެސް އަހަރެންނާ ދިމާލަށް އެނބުރުނު ވަގުތަށެވެ.

ކުރި މަތީ އިން ޒުވާނާގެ މޫނު ފެނުމާއެކު އަހަރެންގެ ލޯ ކަރުނުން ފޯދާލިއެވެ. އަހަރެންގެ ބޭނުން އޭނާ އަށް އެންމެ ޖެހުނު ދުވަސްކޮޅު ފަސް އެނބުރި ބަލާވެސް ނުލާ އަހަރެން ދިޔައީއެވެ. އަހަރެންނަށް މަޢާފް ކުރާނެ ބާވައެވެ. ސުކޫލުގައި ވާހަކަ ނުދައްކާލާ ތާނގައި ބަހެއް ބުންޏަސް އަަހަރެންނަށް އެއަށް އިޖާބަ ދެވޭ ކަމަކަށް ނުވޭ ވިއްޔާއެވެ. ނަމަވެސް އަހަރެންގެ ހިތުގައި އޭނާގެ ސޫރަ ކުރެހިފައި އޮތްލެތް ބޮޑުކަމުން ވާހަކަ ދައްކަން މަސައްކަތް ކުރިއަސް ނުދެއްކެނީއެވެ. އޭނާ އެކަން ގަބޫލު ކުރާނެ ބާވައެވެ؟

އަހަރެން އޭނާގެ މަގަތުގައި ދޮންވެލި ގަނޑު މަތީ އިށީނދެލީމެވެ. ދެމީހުންގެ މެދަށް ވެރިވެފައިވަނީ ހިތްހަމަޖެހޭ ހަމަހިމޭންކަމެކެވެ. އޭނާގެ ލޯ ހުރީ އަދިވެސް އަހަރެންގެ މޫނަށް އަމާޒުވެފައެވެ. އޭނާގެ ލޮލުން އަހަރެންނަށް ފެނުނު އުއްމީދުގެ ދަންމަރުގައި ހިފާ އެވަގުތުކޮޅުގެ ހިމޭންކަން ފުރަތަމަ ފޫއަޅުވާލީ އަހަރެންނެވެ.

"އަހަރެންނަށް އެންމެ ކަމުދަނީ ރީނދޫކުލަ."

މިހެން ބުނެލާފައި ކައިސްގެ މޫނަށް ބަލާލީމެެވެ. އޭނާ ހިނިތުން ވެލިއެވެ. ނަމަވެސް އަހަރެން ކުރިއަށް ދިއުމަށް ފުރުސަތު ދިނެވެ.

"އެންމެ ކާ ހިތްވަނީ ބޯށި. އަހަރެންވެސް ވަރަށް ފޮތް ކިޔާ ހިތްވޭ. އެންމެ ކަމުދަނީ ކްރައިމް ތްރިލާރސް އެކަމް. އެންމެން ކައިސް ހާ ރޮމާންޓިކް އެއް ނުވާންނު."

އެއްލޯ މަރާލާފައި އަހަރެން ވާހަކަ ކުރިއަށްގެންދިޔައީމެވެ.

"އަހަރެން އެލާޖިކް ވާ އެއްވެސް އެއްޗެއް ނުހުރެ. މަންމަ ބުނޭ އެކަމް ބައެއް ފަހަރު ފްރީޒް ކޮށްފަ ހުންނަ މަހަށް ވެޔޭ. އެކަމުގެ ހަގީގަތެއް އެއް ގޮތަކަށްވެސް ނޭނގެ. އަހަރެންގެ.."

ކައިސް ގެ އަތް އަަހަރެން މުށުތެރެއަށް ލާ ބާރުކޮށްލީމެވެ. އަދި މިގޮތުގައި އަހަރެންގެ ދިރިއުޅުމުގެ އެކި އެކި ސަފްހާތަކުގެ އުސް އަލިތައް ކައިސް އަށް ކިޔައިދޭން ފެށީމެވެ. މުޅި ކާއިނާތަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެނެވެ. ކައިސް ގެ މޫނުމަތިން ވެސް ހިނިތުންވުމުގެ އަސަރު ސިކުންތުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ. އޭނާ ވެސް ހިތުގައި ފޮރުވިފައިވާ އިހުސާސުތައް ބަންޑުން ކުރަމުން ދިޔައެވެ. އަހަރެންވެސް މި ވީހާ ދުވަހު ބުނަން ބޭނުންވެފައި ހުރި ބަސްތަކުން ކައިސް ގެ ހިތަށް އުފާވެރިކަން ފޯރުކޮށްދެމުން ދިޔައީމެވެ. އަހަރެންގެ ލޯބީގެ ހައްގު ވެރިޔަކީ މި އީއެވެ. އެވަގުތު ކޮޅު އަހަރެންނަށް އެއްވެސް ޝާއްކެތްނެތިި އެކަން ޔަގީންވެއްޖެއެވެ.

ދުވަހުގެ އިރު އަރައިގެން އައީ އަހަރެންނާ ކައިސް ގެ ލޯތްބަށް އާ މިސްރާބެއް ކަނޑައަޅަމުންނެވެ.

- ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ވާހަކަ ކިޔާ ކިޔާ ކައިސް ރަނޑު ވެފަ، ލަމްހާ މާ ކެރިއްޖެއެއްނު.

  2. ޒަމީރު

    ވާހަކަ އެއްޗެހި ލިޔާއިރު ބުއްދި ހަމަ ޖެހޭ ކަންކަން މައްޗަށް ބިނާކޮށް ލިޔަން ވާނީ.

    ކައިސް އަކީ އެއް ކްލާހެއްގަ އުޅޭ މީހެއް، އޭނާއަކީ ވާތްތެރިއެއްކަން ނޭނގި ނުހުންނާނެ ތަ؟

    އެހާ ލޯބިވާ ނަމަ އެއީ ކާކުކަން ބަލާ ހިތުން ހުކުރު ދުވަހު ބީޗަށް ނުގޮސް ހުންނާނެ ތަ؟

    ތި ލޮކަރުތަކަކީ ލޮކަރެއް ނޫނެއްނު، ނޯޓުސްތައް ނަގައިގެން އައްމާރަށް ބެލުނީ ކީއްވެ؟